އެމްޑީޕީން މިނިސްޓަރާ ބައްދަލުނުވެގެން، ގަދަކަމުން ވަދެގެންއިރު ޒަމީރު ރާއްޖެއަކު ނެތް

އެމްޑީޕީގެ އިހުތިޖާޖުގެ ބައިވެރިން ފިނޭންސް ދޮރުމަތީ: ބައްދަލުނުކުރެވިގެން ގަދަކަމުން ވަދެގެންއިރު ޒަމީރު ރާއްޖެއަކު ނެތް -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް

އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕު (ޕީޖީ)އަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ބައްދަލުނުކުރެއްވުމުން އެ ޕާޓީގެ މެންބަރުން މިއަދު ގަދަކަމުން, ފިނޭންސް މިނިސްޓްރީގެ ތެރެއަށް ވަދެގެންއިރު މިނިސްޓަރު ރާއްޖޭގައި ނޫޅުއްވާކަން "ސަން"އަށް އެނގިއްޖެއެވެ.

މާލީ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރަން އެމްޑީޕީން އަންނަނީ ފިނޭންސް ކުރިމަތީ މިއަދު 10:30 އިން ފެށިގެން އިހުތިޖާޖުކުރަމުންނެވެ.

އެމްޑީޕީގެ ޕީޖީ މެންބަރުން ވަނީ ޒަމީރާ ބައްދަލުކުރަން އެދިވަޑައިގެންފައެވެ. އެ މެންބަރުން މިނިސްޓްރީއަށް ވަދެވަޑައިގަންނަވަން އުޅުއްވި ނަމަވެސް އެ ތަނަށް ވަންނަން ފުލުހުން ހުއްދަ ދީފައެއް ނުވެއެވެ. އެހެންވެ، އިހުތިޖާޖު ހޫނުވިއެެވެ. އެންމެ ފަހުން އެމްޑީޕީގެ މަޖިލިސް މެންބަރުން މިނިސްޓްރީގެ ތެރެއަށް ވަދެގަތީ ފުލުހުންގެ ސަފު ފޫއަޅުވާލައި ގަދަކަމުންނެވެ. މިވަގުތު އެ މެންބަރުން ތިއްބެވީ ފިނޭންސް މިނިސްޓްރީގެ ތެރޭގައެވެ.

އެ މެންބަރުންނާ މިނިސްޓަރު ބައްދަލު ކުރައްވާތޯ "ސަން"އިން ބެލިބެލުމުން އެނގުނީ މިނިސްޓަރު ރާއްޖޭގައި މި ވަގުތު ނޫޅުއްވާ ކަމަށެވެ.

"މިނިސްޓަރު ކިހިނެއްތޯ ބައްދަލު ކުރައްވާނީ މިނިސްޓަރު ރާއްޖޭގައި ނޫޅުއްވާ މި ވަގުތު," ފިނޭންސްއިން މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިއެވެ.

އެނގިފައިވާގޮތުގައި އިހުތިޖާޖު ކުރަމުން އަންނަ އެމްޑީޕީގެ ބޭފުޅުންނަށް އޮތީ އެކަން ނޭނގިއެވެ. އެހެންވެ, ޒަމީރު ފިއްލެވިޔަ ނުދޭނެ ކަމަށް އަންނަނީ މިހާރު ވެސް ގޮވާލަމުންނެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން މިހާރު ވެސް ފިނޭންސްގެ އޮފީސް ތެރޭގައި ތިބިއިރު ބޭރުގައި އެ ޕާޓީގެ އާއްމު މެންބަރުން އެބަތިއްބެވެ.

އެ ޕާޓީން ފާޅުކުރަމުން އަންނަ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ ޑޮލަރުގެ އަގު ބޮޑުވުމާއި ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދީ އޮތުމެވެ. އަދި، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމާއި އާންމުން ނިކަމެތިވެއްޖެ ކަމަށް ބުނެ ވެސް އިހުތިޖާޖުގެ ބައިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްއިރު އާންމު ކުންފުނިތަކަށް އެތައް ބިލިއަން ރުފިޔާއެއް ދަރާފައި އެބައޮތެވެ.

އެ ފައިސާގެ ތަފުސީލު ސަރުކާރުން ހާމައެއް ނުކުރެއެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާ ނުދީ އެބައޮތެވެ. އެ ފައިސާއަކީ މިދިޔަ ރޯދައިގެ ކުރިން ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި އޮތް ފައިސާއެވެ.

ރާއްޖެއަށް މާލީ ދަތިކަން ބޮޑުވީ ދަރަނީ ބޮޑުވެގެންނެވެ. މި އަހަރު ދަރަންޏަށް 600 މިލިއަނެއްހާ ޑޮލަރު ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އެކަމަކު، ސަރުކާރުން އަންނަނީ ދަތިކަމުން އަރައިގަނެވޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

comment ކޮމެންޓް