1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި، މި މަހު 33،773

ފަތުރުވެރިއެއް: އިއްޔެގެ ނިޔަލަށް ވަނީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި --- ފޮޓޯ/ ގެޓީ އިމޭޖަސް

އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، މިއީ މި އަހަރުގެ ފަތުރުވެރިކަމުގެ އަމާޒަށް ވާސިލުވާން ލިބުނު ކުރިއެރުމެއް ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު 2.5 މިލިއަން ފަތުރުވެރިން ގެނައުމަށް ކަމަށްވާއިރު، އިއްޔެގެ ނިޔަލަށް ވަނީ، 1،520،699 ފަތުރުވެރިން އައިސްފައެވެ.

ފަތުރުވެރިންތަކެއް އައްޑޫ ނޭޗާ ޕާކުގައި: މިމަހުގެ މިހާތަނަށް ވަނީ، 33،000އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައި -- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

އެއާއެކު، މި މަސް ފެށިގެން އިއްޔެގެ ނިޔަލަށް 33،773 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. އިއްޔެގެ ނިޔަލަށް މި މަސް ފެށުނު ފަހުން ހަފުތާއެއް ފުރުނުއިރު، މިއީ މިދިޔަ އަހަރަށް ވުރެ، 23.6 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ހިސާބުތަކުން ދައްކައެވެ. އަދި، ދުވާލަކަށް ރާއްޖެ ޒިޔާރަތްކުރަނީ 4،000 އެއްހާ ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގެ އެއްވަނަގައި އޮތީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް ދެލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު، ރަޝިއާއިން ވަނީ 182،315 ފަތުރުވެރިން އައިސްފައެވެ. ހަމައެހެންމެ، 136،619 ފަތުރުވެރިން އައިސްގެން ލިސްޓުގެ ތިންވަނައިގެން ޖާގަ ހޯދާފައިވަނީ އިނގިރޭސިވިލާތެވެ.

ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި އޮޕަރޭޓު ކުރަނީ 64،451 އެނދެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް އޮޕަރޭޓު ކުރަނީ ރިސޯޓުތަކުގައެވެ. އެ ތަންތަނުގައި 43،247 އެނދު އޮޕަރޭޓު ކުރާއިރު، ހޮޓާތަކުގައި އަންނަނީ 2،484 އެނދު އޮޕަރޭޓު ކުރަމުންނެވެ. އަދި، ގެސްޓުހައުސްތަކުގައި 15،522 އެނދު އޮޕަރޭޓު ކުރާއިރު، ސަފާރީތަކުގައި ހުރީ 3،198 އެނދެވެ.

comment ކޮމެންޓް