މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެޕަލްގެ "އޯ ޑްރޮޕިންގް" ލޯންޗް އިވެންޓްގައި ދުނިޔޭގެ ބާޒާރަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ އައިފޯން 17 ސީރީޒްގެ ފޯނުތަކުގެ ބެޓެރީ ސައިޒްތަކުގެ މައުލޫމާތުތައް ރަސްމީކޮށް ހާމަކުރުމުގެ ކުރިން ސޯޝަލް މީޑިއާގައި ލީކް ވެއްޖެއެވެ.
މި މައުލޫމާތުތައް އާންމުވެފައިވަނީ، ޚާއްސަކޮށް އައިފޯން 17 އެއާ މޮޑެލްގައި ކުރިން ބެލެވުނު ގޮތާ ހިލާފަށް ބޮޑު ބެޓެރީއެއް ހުންނާނެ ކަމުގެ އުފާވެރި ޚަބަރަކާ އެކުއެވެ.
އެކްސް ގައި، ލީކަރު އަބިޝޭކް ޔާދަވް ޗައިނާގެ ސީކިޔުސީ ސެޓިފިކޭޝަނާ ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި، އައިފޯން 17 އެއާރގައި 3,149 މިލިއެމްޕަޔާގެ ބެޓެރީއެއް ހުންނާނެއެވެ. މީގެ ކުރިން މި މޮޑެލްގައި ހުންނާނެކަމަށް ލަފާކޮށްފައިވަނީ 3,000 މިލިއެމްޕަޔާގެ ބެޓެރީ އެކެވެ.
އައިފޯން 17 ޕްރޯ މޮޑެލްގައި އެމެރިކާގައި 4,300 މިލިއެމްޕަޔާގެ ބެޓެރީއެއް ހުންނާނެ ކަމަށް ލަފާކުރެވޭއިރު، ޗައިނާގައި ހުންނާނީ 4,000 މިލިއެމްޕަޔާގެ ބެޓެރީއެކެވެ. އައިފޯން 17 ޕްރޯ މެކްސް އަށް ބަލާއިރު، އެމެރިކާގައި 5,100 މިލިއެމްޕަޔާގެ ބެޓެރީއެއް ހުންނާނެ ކަމަށާއި، ޗައިނާގައި 4,900 މިލިއެމްޕަޔާގެ ބެޓެރީއެއް ހުންނާނެ ކަމަށް ލީކުތަކުން ދައްކައެވެ.
އެޕަލްއިން އެ ކުންފުނީގެ ފޯނުތަކުގެ ބެޓެރީ ކެޕޭސިޓީތައް ރަސްމީކޮށް އަދި ހާމައެއް ނުކުރެއެވެ. އާދަވެގެން، އެޕަލްގެ އައިފޯން ޕްރޯ މެކްސް ވެރިއަންޓްތަކުގައި ވަރަށް ބޮޑެތި ބެޓެރީ ސައިޒްތައް ހުރެއެވެ. މި އަހަރުވެސް މި އާދަޔަށް ބަދަލެއް ނާންނާނެ ކަމަށް ލަފާކުރެވެއެވެ.
ކުރީގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި އައިފޯން 17 ޕްރޯ މެކްސްގައި 5,000 މިލިއެމްޕަޔާގެ ބެޓެރީއެއް ހުންނާނެ ކަމަށް ލަފާކުރެވިފައިވީ ނަމަވެސް، މި ފަހަރުގެ ލީކުން ދައްކަނީ އެއަށްވުރެ 100 މިލިއެމްޕަޔާގެ ބޮޑު ބެޓެރީއެކެވެ.
މި ބޮޑެތި ބެޓެރީ ސައިޒްތަކުގެ އެއް ސަބަބެއް ކަމަށް ބެލެވެނީ ދެ އީ-ސިމް ސަޕޯޓް އިތުރުވުމުގެ ސަބަބުން ހުސްވާ ތަން ބޭނުންކުރުމެވެ. އެޕަލްގެ އައިފޯން 17 ސީރީޒްގައި އެމެރިކާ ފިޔަވައި އެހެން ބާޒާރުތަކުންވެސް ފިޒިކަލް ސިމް ޓްރޭ ނެތް މޮޑެލްތައް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގެ ތެރެއިން ފަރަންސޭސިވިލާތް، ޖަރުމަނު، އިޓަލީ، ސްޕެއިން، އަދި ނެދަލޭންޑްސް ފަދަ ގައުމުތަކުގައި އީ-ސިމް ސަޕޯޓް ކުރާ އައިފޯން ވެރިއަންޓްތަކާ ބެހޭ ގޮތުން ރިޓެއިލް މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އެޕަލްއިން ވަނީ އަންގާފައެވެ.
ދެހާސް ބާވިސްވަނަ އަހަރު ތައާރަފްކުރި އައިފޯން 14 ސީރީޒް އަކީ އެމެރިކާގައި ފިޒިކަލް ސިމް ޓްރޭއެއް ނެތް ފުރަތަމަ އައިފޯން ލައިންއަޕްއެވެ. އީ-ސިމް ސަޕޯޓްގެ ސަބަބުން ގިނަ ޔޫޒަރުންނަށް ފަސޭހަތަކެއް ލިބޭ ނަމަވެސް، ގަވައިދުން ފޯނު ބަދަލުކުރާ މީހުންނަށް ސިމް ބަދަލުކުރުން އުނދަގޫވެދާނެއެވެ.
މި ހުރިހާ މައުލޫމާތުތަކަކީ އަދި ރަސްމީކޮށް ކަށަވަރުވެފައިވާ މައުލޫމާތުތަކެއް ނޫނެވެ. އިތުރު ތަފްސީލުތައް އެޕަލްގެ ކުރިއަށް އޮތް ލޯންޗް އިވެންޓްގައި ހާމަވެގެންދާނެއެވެ.