މަގާމަކަށް ވަޑައިގަންނަވަން މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

މަހުލޫފް، ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު- މަގާމަކަށް ވަޑައިގެންނެވުމަށް މަހުލޫފް މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގަންނަވާފައި--- ފޮޓޯ: ރައީސް އޮފީސް

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި, އަޙްމަދު މަހުލޫފް, މަގާމަކަށް ވަޑައިގެންނެވުމަށްޓަކައި އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް, މަހުލޫފް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާ އެ ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމާފައިވާ ކަމަށާއި އެ ނިންމުން ނިންމީ ދައުލަތުގެ މަގާމެއްގައި ޚިދުމަތް ކުރެއްވުމަށްޓަކައި ކަމަށެވެ.

އެ ސިޓީގައި މަހުލޫފް އިތުރަށް ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއާއެކު ޚިދުމަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެން ކަމަށްޓަކައި އުފާ ކުރައްވާ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެެ ބައިވެރިއެއްގެ ގޮތުން، އެމަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ ފުރުސަތު ދެއްވީތީ ޝުކުރު އަދާ ކުރެއްވެވިއެވެ.

"އަޅުގަނޑަށް ތާއީދުކޮށްދެއްވި އެންމެހާ ޕާޓީގެ ލޮބުވެތި މެންބަރުންނަށް މިފުރުސަތުގައި ޝުކުރު ދަންނަވަން. އަދި މިނިންމުމާމެދު އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަމަށް މައާފަށްއެދެން," މަހުލޫފްގެ ސިޓީގައިވެއެވެ.

މަހުލޫފް ހަވާލުވެވަޑައިގަންނަވާ މަގާމެއް ސާފުކުރުމަށް އޭނާއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްތާވީ އެ ތަފުސީލު ވަނީ ލިބޭގޮތް ނުވެފައެވެ.

އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން ސިޔާސީ މަސައްކަތްތަކުގައި އެހާ އިސްކޮށް ނޫޅުއްވި ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ, ސޯޝަލް މީޑިއާގައި މަހުލޫފް ވަނީ ގިނަ ވާހަކަތަކެއް ދައްކަވައި ހައްދަވައިފައެވެ. އޭގެ ފަހުން އެ އަޑު މަޑުވިއެވެ. އަދި މަހުލޫފް ބޭއްވެވި ބެޑްމިންޓަން މުބާރާތެއްގެ ނިންމުމުގެ ރަސްމިއްޔާތަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވަޑައިގެން, އެ ރަސްމިއްޔާތު ޝަރަފުވެރި ވެސް ކޮށްދެއްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަހުލޫފް އެމްޑީޕީން ވަކިވި ނަމަވެސް، އަނބިކަނބަލުން ނަޒްރާ ނަސީމް އަދިވެސް ހުންނެވީ އެ ޕާޓީގައެވެ. އަދި، ނަޒްރާ ހުންނެވީ ސިޓީ ކައުންސިލްގެ ކޮންސަލްޓަންޓެއްގެ މަގާމުގައެވެ.

މަހުލޫފް ސިޔާސީ މައިދާނުން ފުރަތަމަ ފެނުނީ ޑީއާރުޕީންނެވެ. އެއަށް ފަހު އެ ޕާޓީގެ ތެރެއިން އުފެދުނު ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވިއެވެ. މަހުލޫފް އެ ހާތަނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ގުޅުންގޯސްވި ހިސާބުންނެވެ. އޭރު މަޖިލިސް މެންބަރަކަށް ހުންނަވައިގެން ޔާމީންގެ ވެރިކަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް މަހުލޫފް ކުރެއްވެވިއެވެ.

އެއަށް ފަހު ދެން އުފެދިގެން އައި ޞާލިހުގެ ވެރިކަމުގައި މަހުލޫފް ވަނީ ފަސް އަހަރު ވަންދެން ޔޫތު މިނިސްޓަރުކަން ކުރައްވައިފައެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތަށް ސަސްޕެންޝަނެއްގައި ހުންނަވަން ޖެހިވަޑައިގަތެވެ.

comment ކޮމެންޓް