މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއީއޯކަމުން އާމިނަތު ސޫޒަން އިސްތިއުފާ ދެއްވައިފިއެވެ.
ސޫޒަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ، ބްރޭކެއް ނަގަން ވަރަށް ބޮޑަށް ބޭނުންވާތީ ކަމަށެވެ. ވަކިން ޚާއްސަކޮށް އަމިއްލަ ޕްރޮޖެކްޓުތަކަށް އިސްކަން ދިނުމަށް ބޭނުންވާތީ އިސްތިއުފާދެއްވީ ކަމަށް އޭނާގެ އިސްތިއުފާ ސިޓީގައި ލިޔުއްވިއެވެ.
މަޓާޓޯއަށް ޚިދުމަތް ކުރުމަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައި، ސޫޒަން ވަނީ އެ ކުންފުނީގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ދެއްވި އެހީތެރިކަން ސޫޒަންގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.
ސޫޒަންގެ އިސްތިއުފާއާ ގުޅިގެން މަޓާޓޯއިން ބުނީ، އޭނާގެ ލީޑަޝިޕްގެ ދަށުން އެ ކުންފުންޏަށް ގިނަ ކުރިއެރުންތަކެއް ހޯދަން މަގުފަހިވި ކަމަށެވެ. އޭގެ ތެރެއިން އެ ކުންފުނިން ފާހަގަކުރި ބައެއް ކަންކަމުގެ ތެރޭގައި، މަޓާޓޯގެ އައު ލޯގޯއާއި ވެބްސައިޓާއި ރޯދަ ކުއިޒް ހިމެނެއެވެ.
ސޫޒަންގެ ބުރަ މަސައްކަތުން ސިނާއަތުގައި މަޓާޓޯގެ ދައުރު ވަރުގަދަވެ، ކުރިއަށް އޮތް އަހަރުތަކަށް ވަރުގަދަ ބިންގަލެއް އެޅުނުކަން މަޓާޓޯއިން ފާހަގަކުރިއެވެ.
އެ ކުންފުނިން ވަނީ، ސޫޒަންގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މަޓާޓޯގެ ސީއީއޯއަކަށް ސޫޒަން އައްޔަނުކުރީ ޖެނުއަރީ 27، 2024ގައެވެ.
ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ސޫޒަންއަކީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑު މެންބަރެވެ. އޭނާއަކީ ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ)ގެ ވެސް އެގްޒެކެޓިވް ބޯޑު މެންބަރެކެވެ.
ސޫޒަން ވަނީ އެޗްއެސްބީސީ މޯލްޑިވްސްގައި ވެސް ހަތް އަހަރު މަސައްކަތް ކުރައްވާފައެވެ.