އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 60 ވަނަ ސެޝަން، ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިއަދު ފެށިއިރު، ދިވެހިރާއްޖެއިން އެ ސެޝަންގައި ގިނަ މައްސަލަތަކަކާ ގުޅޭގޮތުން ބަޔާންދީ ގަރާރުތައް ހުށަހަޅާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މި ސެޝަން ކުރިއަށްދާނީ، މިއަދުން ފެށިގެން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން އދ. ގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ކުރިއެރުވުމުގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ރިޕޯޓެއް ހުށަހެޅުއްވި ކަމަށެވެ.
ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތަފާތު އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖޭގެ ވަފުދުން ގައުމީ ބަޔާން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އޭގެ ތެރޭގައި ޖެނީވާގައި ހަރަކާތްތެރިވާ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ފަރާތުން ދިވެހިރާއްޖެއިން ޓެކްނިކަލް އެސިސްޓެންސް އަދި ކެޕޭސިޓީ ބިލްޑިންއާ ގުޅޭގޮތުން ސްޓޭޓްމަންޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓެކްނިކަލް އެސިސްޓެންސް އަދި ކެޕޭސިޓީ ބިލްޑިންގެ މުހިންމުކަމާ ގުޅޭގޮތުން މި ސްޓޭޓްމަންޓުގައި އަލިއަޅުވާލާނެ ކަމަށާއި ވަކިން ޚާއްސަކޮށް ދެ ކޯ ގުރޫޕެއްގެ ބައިވެރިއެއްގެ ހައިސިއްޔަތުން މި ޝެޝަންއަށް ދެ ގަރާރެއް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ސިޔާސީ އަދި ސަރަހައްދީ ޖަމިއްޔާތަކުގެ މެންބަރެއްގެ ހައިސިއްޔަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލަތައް އިތުރުވަމުންދާތީ ރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އެގޮތުން، މިޔަންމާގެ ސްޕެޝަލް ރެޕަޓުއާއާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ރާއްޖެއިން ގައުމީ ބަޔާނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލްކުރަމުންދާ އަނިޔާތަކާ ބެހޭގޮތުން އަލިއަޅުވާލާއި، ތަފާތު އެޖެންޑާ އައިޓަމްތަކުގައި ދިވެހިރާއްޖެއިން ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 60 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ. އަދި މީގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަހައްދުން ހިއުމަން ރައިޓްސް ކައުންސިލްގެ މި ދައުރުގެ ނައިބު ރައީސްގެ މަގާމަށް ދިވެހިރާއްޖެ ހޮވިފައިވާތީ، ސަލްމާ ރަޝީދު ކައުންސިލްގެ ބައެއް ސެޝަންތަކުގެ ރިޔާސަތު ބަލަހައްޓަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ވަފުދުގައި ދެން ހިމެނިވަޑައިގަންނަވަނީ:
- ކައުންސެލާ އާދަމް ޙާމިދު
- ކައުންސެލާ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް
- ސެކަންޑް ސެކްރެޓަރީ އައިޝަތު ރަޔާހީން
- ތާޑް ސެކްރެޓަރީ ފައިހާ އަހުމަދު ފިރާގް
- އެޓާޝޭ މުހައްމަދު ރާއިދު ސައީދު
އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމާއި، ހިމާޔަތްކުރުމަށާއި ހަރުދަނާކުރުމަށާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހާލަތްތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އދ. ގެ ނިޒާމުގެ ތެރެއިން ބައެކެވެ.
މި މަޖިލީހުގައި ހިމެނެނީ 47 މެންބަރުންނެވެ. ދިވެހިރާއްޖެއަކީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެންބަރެކެވެ. އަދި ރާއްޖޭގެ މެންބަރުކަމުގެ ދައުރު ހަމަވާނީ މިއަހަރެވެ.