ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ޚިޔާނަތްތެރިވެ، އެ ފައިސާއިން އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެޕާޓްމަންޓެއް ގަތްކަމަށް ތުހުމަތުވާ މައްސަލައިގައި އެ އިދާރާގެ ކުރީގެ ފައިނޭންސް ހެޑް، މުހައްމަދު އަގީލްއާއި އެ އިދާރާގެ އެކިއެކި މަގާމުތައް އަދާކުރެއްވި ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ދައުވާގެ ޝަރީއަތް ފަށައިފިއެވެ.
މި މައްސަލައަކީ އެފްއޭއެމްއަށް އެކި ފަރާތްތަކުން ދިން ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ދިން ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް، ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައެކެވެ.
އެގޮތުން އެ މައްސަލައިގައި މިއަދު އޮތީ އަގީލްއާއި ހަސަން ވަހީދުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމަށް އެހީތެރިވެދިނުމުގެ ދައުވާއާ ގުޅޭ އިބްތިދާއީ އަޑު އެހުމެވެ.
މި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަނާ ދެކޮޅަށް ވެސް ދައުވާ ކުރެއެވެ. އެކަމަކު އެ މައްސަލައިގެ ޝަރީއަތް ކޯޓުން އޮތީ މަޑު ޖައްސާލާފައެވެ.
މިއަދު މެންދުރު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތަށް، އަގީލްގެ ވަކީލަށް ހާޒިރު ނުވެވުނީ އެހެން މައްސަލައަކަށް ކުރިން ޗިޓު ފޮނުވާފައި އޮތުމުންނެވެ. ހަސަން ވަހީދުގެ ވަކީލު މިއަދުގެ ޝަރިއަތުގައި ބައިވެރިވިއެވެ. މިއަދު އޮތީ ދެ ފަރާތުން ލިޔެކިޔުންތައް ބަދަލު ކުރުން ފަދަ ކަންކަމެވެ.
އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު ސައީދު
އަގީލްގެ މައްޗަށް ދައުވާކޮށްފައި ވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.
އެއީ ބައްސާމު، އަމީން އެވެނިއު އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ އެކައުންޓުން އަމީން ކޮންސްޓްރަކްޝަނަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމަށް ފަހު، އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްކަމުގައި ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައި ނުވަނީސް، އެފްއޭއެމްއަށް ބޭންކް ރޭޓުން އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކުރި ކަމުގެ ތުހުމަތުގައެވެ. އަދި އެ ލިޔުން ތައްޔާރުކޮށް، އެފްއޭއެމްގެ ފައިސާއިން އަމީން އެވެނިއުގެ އެޕާޓްމަންޓް ގަނެ، މަނީ ލޯންޑާކުރުމަށް ބައްސާމަށް އެހީތެރިވެފައިވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.
ހަސަން ވަހީދުގެ މައްޗަށް ދައުވާކުރަނީ ވެސް މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. އެއީވެސް ހަމަ އެ އެޕާޓްމެންޓާ ގުޅޭ މައްސަލައިގައެވެ.
އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލަތަކުގައި ބައްސާމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލައާ ގުޅިގެން ބައްސާމްގެ މައްޗަށް ކުރާ ދައުވާގެ އަޑު އެހުމެއް މާދަމާގެ މެންދުރަށް ވަނީ ތާވަލުކޮށްފައެވެ.
ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ވެއްޖެނަމަ ދިގު މުއްދަތަކަށް އޭނާ ޖަލަށްލާނެއެވެ. އަދި ބައްސާމްގެ މައްޗަށް ދައުވާ ކުރާ އެހެން މައްސަލައެއްގެ ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ވަނީ ނިމިފައެވެ.
ބައްސާމްގެ މައްސަލައިގެ އަޑު އެހުމެއް އެންމެ ފަހުން ތާވަލުކުރީ މިދިޔަ މަހުގެ 25ގައެވެ. ނަމަވެސް، އޭނާ ބަލިވެގެން ކޯޓަށް ހާޒިރު ނުވެވޭތީ އެ ދުވަހުގެ އަޑު އެހުންވަނީ ކެންސަލްކޮށްފައެވެ.
އެހެންނަމަވެސް، މި މައްސަލައިގެ އިތުރު އަޑުއެހުމެއް މި ހަފުތާގައި ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި ބައްސާމް މި ދެ އެޕާޓްމަންޓް ގަތީ ކޮވިޑު-19ގެ ދުވަސްވަރު ދިވެހި ފުޓުބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަންނަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ދިން ލޯން އެހީގެ ފައިސާއިންނެވެ.