ޒަމާނީ ފެންވަރަށް ބިނާކުރާ އައިލެންޑް އޭވިއޭޝަންގެ އާ އޮފީހުގެ ބިންގާ އަޅައިފި

އައިލެންޑް އޭވިއޭޝަންގެ އާ އޮފީހުގެ ބިންގާ އެޅުމަށްފަހު ވަޒީރުންނާއި އެ ކުންފުނީގެ އިސް ބޭފުޅުންނާއި މުވައްޒަފުން ފޮޓޮއަކަށް ހުއްޓި -- ފޮޓޯ/ މިނިސްޓަރު މުހައްމަދު އަމީން

ގައުމީ އެއާލައިން މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަންގެ އާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދުގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިލްޔާސާއި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމެވެ.

މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރުންނާއި މުވައްޒަފުން ވެސް ބައިވެރިވެވަޑައިގަތެވެ.

އައިލެންޑް އޭވިއޭޝަނާ ހަވާލާދީ ދައުލަތުގެ މީޑިއާ ޕީއެމްއެމްއިން ރިޕޯޓުކުރި ގޮތުގައި މިވަގުތު އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން މާލޭގެ ފަސް އިމާރާތެއްގައި މަސައްކަތްކުރާތީ، ކުންފުނިން ކުއްޔަށް ބޮޑު ޚަރަދެއް ކުރަންޖެހެއެވެ.

އައިލެންޑް އޭވިއޭޝަންގެ އާ އޮފީހުގެ ބިންގާ އެޅުމަށްފަހު ވަޒީރުންނާއި އެ ކުންފުނީގެ އިސް ބޭފުޅުންނާއި މުވައްޒަފުން -- ފޮޓޯ/ މިނިސްޓަރު މުހައްމަދު އަމީން

އެހެންކަމުން އާ އޮފީސް އިމާރާތާއެކު މާލޭގައި ހިންގާ އެ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއް އެއްފުރާޅު ކުރެވި، މާލީ ގޮތުން އެތައް ލުޔެއް ލިބޭނެ ކަމަށް، އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

އެ ކުންފުނީގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ "ހުނާން ނަންބަރު 6 އިންޖިނިއަރިން" ކުންފުންޏާއެވެ.

ގާތްގަނޑަކަށް 4،745 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ 12 ބުރީގެ މި އިމާރާތުގެ ތެރެއިން ފުރަތަމަ ބުރީގައި ޓިކެޓު އޮފީހެއް ގާއިމްކުރެވިގެން ދާނެ ކަމަށް، އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. އަދި އެ ކުންފުނީގެ އަމާޒަކީ މި އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ނިންމާލުމެވެ.

comment ކޮމެންޓް