ވަޒީރުކަން ދިނީ 'ތަބަކަކަށް' ލައިފައެއް ނޫން، އިއްޔެ ރަނގަޅުވި މީހުންނަށް މިއަދު ގޯސްވެއްޖެ: މަހުލޫފު

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް: ވިދާޅުވީ ވަޒީރުކަން ދިނީ ތަބަކަކަށް ލައިގެން ނޫން ކަމަށް -- ފޮޓޯ/ އެމްޕީބީއޭ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ވަޒީރުކަން ދެއްވީ "ތަބަކަކަށް" ލައިފައެއް ނޫން ކަމަށާއި، އިއްޔެ އޭނާ ރަނގަޅުވި މީހުންނަށް މިއަދު އޭނާ ގޯސްވެއްޖެ ކަމަށް، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މަގާމެއްގައި ޚިދުމަތްކުރެއްވުމަށްޓަކައި ކަމަށް ވިދާޅުވެ، މަހުލޫފު ވަނީ މައި އިދިކޮޅު ޕާޓީ އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފައެވެ.

ސޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި މަހުލޫފު ވިދާޅުވީ، 2015ވަނަ އަހަރު އެމްޑީޕީއާ އެކީ މަސައްކަތް ފަށައި، 2018ވަނަ އަހަރު އެމްޑީޕީގެ ވެރިކަމެއް ދެވަނަ ފަހަރަށް ގެނައީ އެތައް ގުރުބާނަކާއެކު ކަމަށެވެ.

މަސައްކަތްކޮށްގެން މަގާމެއް ހައްގުވާނަމަ ފުރަތަމަ ގުނާ އެކަކަށް އަޅުގަނޑު ވާނެ. ވަޒީރު ކަމަކީ ތަބަކަށް ލާފައި ދިން މަގާމެއް ނޫން. އިއްޔެ ރަނގަޅުވި މީހުންނަށް މިއަދު، ގޯސްވެއްޖެ. ވަކި ސިޔާސަތުތަކެއް ހިފައިގެން އެއްގޮތެއްގައި ދެމިއޮތް އެންމެ ޕާޓީއެއްވެސް ނެތް. ދެގޮތެއްނުވެ އެއް ވިސްނުމެއްގައި ހުރި ލީޑަރެއް ނެތް، އަހުމަދު މަހުލޫފު

ސިޔާސީ މަސައްކަތްތަކުގައި އަމަލީގޮތުން އޭނާ ނޫޅުއްވާތާ ދެ އަހަރުވިކަން ފާހަގަކުރައްވައި، މަހުލޫފު ވިދާޅުވީ އެންމެ ގިނައިން އޭނާއަށް ފާޑުކިޔާފައި ވަނީ ޕީއެންސީން ކަމަށެވެ. އެގޮތުން މިއީ އުނދަގޫ ނިންމުމެއް ކަމަށް ވިދާޅުވި ނަމަވެސް، އެ ނިންމުން ނިންމަން ޖެހިވަޑައިގަތް ސަބަބެއް މަހުލޫފު ވިދާޅެއްނުވެއެވެ.

މަހުލޫފު ވަނީ، އޭނާގެ ނިންމުމާއެކު މަރުހަބާ ވިދާޅުވި މީހުންނަށް ޝުކުރު ދަންނަވައިފައެވެ. އަދި އޭރުގެ ސަރުކާރުން ފުރުސަތު ދެއްވީތީ ކުރީގެ ރައީސް ޞާލިޙަށާއި، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޭނާ ހުންނެވިއިރު ތާއީދުކޮށްދެއްވި އެންމެހާ މެންބަރުންނަށް މަހުލޫފު ވަނީ ޝުކުރު ދަންނަވައިފައެވެ. އަދި އޭނާގެ އެ ނިންމުމާމެދު އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަމަށް ވަނީ މައާފަށް އެދިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އުންމީދަކީ ހިތްބުރަކަމެއް ނުބާއްވާ، އަދިވެސް އެކުވެރިކަން އޮންނާނޭކަން ކަމަށެވެ.

އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން ސިޔާސީ މަސައްކަތްތަކުގައި އެހާ އިސްކޮށް ނޫޅުއްވި ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ, ސޯޝަލް މީޑިއާގައި މަހުލޫފް ވަނީ ގިނަ ވާހަކަތަކެއް ދައްކަވައި ހައްދަވައިފައެވެ. އޭގެ ފަހުން އެ އަޑު މަޑުވިއެވެ. އަދި މަހުލޫފް ބޭއްވެވި ބެޑްމިންޓަން މުބާރާތެއްގެ ނިންމުމުގެ ރަސްމިއްޔާތަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވަޑައިގެން, އެ ރަސްމިއްޔާތު ޝަރަފުވެރި ވެސް ކޮށްދެއްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަހުލޫފް އެމްޑީޕީން ވަކިވި ނަމަވެސް، އަނބިކަނބަލުން ނަޒްރާ ނަސީމް އަދިވެސް ހުންނެވީ އެ ޕާޓީގައެވެ. އަދި، ނަޒްރާ ހުންނެވީ ސިޓީ ކައުންސިލްގެ ކޮންސަލްޓަންޓެއްގެ މަގާމުގައެވެ.

https://sun.mv/211009

މަހުލޫފު ސިޔާސީ މައިދާނުން ފުރަތަމަ ފެނުނީ ޑީއާރުޕީންނެވެ. އެއަށް ފަހު އެ ޕާޓީގެ ތެރެއިން އުފެދުނު ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވިއެވެ. އޭނާ އެހާތަނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ގުޅުން ގޯސްވި ހިސާބުންނެވެ. އޭރު މަޖިލިސް މެންބަރަކަށް ހުންނަވައިގެން ޔާމީންގެ ވެރިކަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް މަހުލޫފު ކުރެއްވެވިއެވެ.

އެއަށް ފަހު ދެން އުފެދިގެން އައި އެމްޑީޕީގެ ވެރިކަމުގައި މަހުލޫފު ވަނީ ފަސް އަހަރު ވަންދެން ޔޫތު މިނިސްޓަރުކަން ކުރައްވައިފައެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތަށް ސަސްޕެންޝަނެއްގައި ހުންނަވަން ޖެހިވަޑައިގަތެވެ.

comment ކޮމެންޓް