"މީ ކަލޭގެ އަނިޔާވެރި ވަކިތަކުގެ ދަށުވީ މައުސޫމު ތިން ކުދިން..." ނައީމު ބުނި އެއްޗެއް އަޑުއިވުނު ކަމަށް ނުހަދާ، ޔަޒްދާން އޭނާގެ ދަތްތަކަށް ބާރުކޮށްލިއެވެ.
********
ނައީމު ކުއްލިއަކަށް ހުއްޓުން އެރިއެވެ. ދެލޯ ބޮޑުކޮށްލަމުން ޔަޒްދާނަށް ބަލައިލީ، ބުނި އެއްޗެއް ގަބޫލު ނުކުރެވިގެން ބަލައިލާފަދަ ގޮތަކަށެވެ. ވިހި އަހަރު ކުރީގެ ކަމެއް ޔަޒްދާނަށް އެނގުނުގޮތެއް އެނގުން ނައީމަށް ވަރަށް މުހިއްމެވެ. ނައީމުގެ ދެލޮލުން ފެނުނީ ބިރާއި ސިހުމެވެ. ކަމެއްގެ ހަގީގަތް ފޮރުވަން މަސައްކަތްކުރާކަމުގެ އަސަރުތަކެވެ. ނައީމަށް ވީގޮތް ފެނި، ޔަޒްދާނަށް އެކަން ކަށަވަރު ވިއެވެ. މައްސަލައާއިގެން ކުރިއަށް ދާން އިތުރު ހިތްވަރެއް ލިބުނެވެ.
"މިކުދިން ވީތަނެއް ބުނޭ!..." ޔަޒްދާން މޭޒުގައި އަތުން ޖެހިއެވެ.
"އަހަރެން ކައިރީ ތި ސުވާލު ކުރުމުގެ ބޭނުމަކީ ކޮބާ؟.." ނައީމުގެ މަގުސަދަކަށްވީ ޔަޒްދާނަށް ހަގީގަތް އެނގުނުކަން ކަށަވަރު ކުރުމެވެ.
"ވިހި އަހަރު ކުރިން މިކުދިން ކިޑްނެޕްކުރި މީހަކީ ކާކު ކަން އެނގޭތީއޭ މި ސުވާލު މިކުރަނީ..." ޔަޒްދާން ބޭނުންވީ ނައީމު ލައްވާ ވާހަކަ ދައްކުވާށެވެ.
"އަހަރެން ކައިރީ ސުވާލުކުރަން ކަލޭ ތީ ކާކު؟..." ޔަޒްދާން ބޭނުންވިގޮތަށް ނައީމު ރުޅިގަދަވާން ފެށިއެވެ.
ޔަޒްދާންގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ރުޅިއަކީ ހިތުތެރޭގައި ފޮރުވާފައި ހުންނަ ކިތަންމެ ވާހަކައެއް ބޭރުކުރުވާވަރުގެ ނުރައްކާތެރި އެއްޗެކެވެ.
"އަހަރެން މީ ފުލުހެއް... މީ އަހަންނާ ހަވާލުވެފަ އޮތް މަސްއޫލިއްޔަތެއް... މަސައްކަތް މިކުރަނީ މިކުދިންނަށް ކަލޭ ހެދި ގޮތުގެ ހަގީގަތް ހޯދާ އެކުދިންނަށާ އެކުދިންގެ އާއިލާއަށް އިންސާފު ހޯދައިދޭން..." ނައީމުގެ ކުރިމަތީގައި އޮތް ފައިލުގައި އިނގިލި ޖައްސައިލަމުން ޔަޒްދާން ބުނެލިއެވެ.
"މިހާރު އަހަންނަށް އޮޅިއްޖެ... އަހަރެން މިތަނަށް ގެނައީ ކޮން ކަމެއްގެ ތަހުގީގަކަށްތޯ ސުވާލު އުފެދިއްޖެ..." ނައީމު މަލާމާތުގެ ގޮތަކަށް ހިނިގަނޑެއް ޖަހައިލިއެވެ.
"ކުރި ސުވާލުގެ ޖަވާބު ދޭނީތަ، ނޫނީ ގަދަކަމުން ހޯދަންވީތަ؟..." ޔަޒްދާން އިންޒާރު ދިނެވެ.
"ގަދަކަމުން ހޯދާލަބަލަ ކެރެންޏާ..." ނައީމު ބޭނުންވީ ޖަދަލުކުރާށެވެ.
"ކަލޭ އަނގައިން ނުބުންޏަސް، ހެކި ހޯދޭނެ ގޮތް ހުންނާނެ..." ޔަޒްދާން ބުނެލިއެވެ.
"ކޮބާ ހެއްކެއް؟... އެއްވެސް ހެއްކެއް ނޯންނާނެ..." ނައީމުގެ އަޑު ހިނދެއް ހިނދަކަށް ބާރުވަމުން ދިޔައެވެ. "ކެރެންޏާ، ނިކަނ އަހަރެންގެ އަނގައިން ބުނުވަބަލަ... އަހަންނާ ދެކޮޅަށް ހެކިބަސް ދޭނެ މީހަކުވެސް ނުހުންނާނެ... ކަލެއަށްވެސް އެނގޭނެ ވިހި އަހަރު ކުރިން އެއްވެސް ތާކު ކެމެރާގަނޑެއްހާ ހިސާބުވެސް ނުހުންނާނެކަން... އަހަރެން ތިކަހަލަ ކަމެއް ކޮށްފަ އޮތްކަން ތިހާ ޔަގީންކަމާ އެކީ ބުނަން ކަލެއަށް އެނގެނީ ކިހިނެއް؟... އަދި އެއް ވާހަކަ، އަހަރެން ކުރާ ކަމެއް ކުރަނީ ހުރިހާ ކަމަކަށް ވިސްނައިގެން... ކެމެރާ އަކީ އަހަރެންގެ ރާޑަރަށް އެންމެ ފުރަތަމަ އަރާނެ އެކަތި..."
ޔަޒްދާންގެ ކަންފަތަށް ޖަހާފައިވާ ހެޑްސެޓުން މީހަކު ވާހަކަ ދެއްކި އަޑު އިވުނެވެ. ޔަޒްދާން ފަސް އެނބުރިފައި، އޭނާގެ ފަހަތުގައި ހަރުކޮށްފައިވާ ބިއްލޫރިގަނޑާއި ދިމާއަށް ބަލައިލިއެވެ. ކޮންމެވެސް މީހަކަށް އިޝާރާތެއް ކުރާ ފަދައިން ބޯ ޖަހައިލިގޮތަށް ޔަޒްދާން ދިޔައީ ބޭރަށް ނުކުންނާށެވެ.
"ދަނީތަ؟... ހާދަ އަވަހަށޭ ގޮތްދޫކުރަނީ ތި..." ނައީމު އަނެއްކާވެސް ހޭންފެށިއެވެ.
ޔަޒްދާން ފާޑަކަށް ހީލާފައި ބޭރަށް ނުކުތެވެ. އޭރު، ގޮނޑިބަރީގައި ނަޖާތު އިނެވެ. ނަޖާތުގެ މޫނުން ކަންބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ. ޔަޒްދާން ފެނުމާއިއެކު ނަޖާތު ތެދުވިއެވެ.
"ކިހިނެއްވީ؟..." ނަޖާތު ހިނގައިގަތުމުގެ ކުރިން، ޔަޒްދާން ގޮސް ނަޖާތުގެ ކައިރީގައި ހުއްޓުނެވެ. ޔަޒްދާން ހީކުރީ ރޫބީއަށް ބޮޑުކަމެއް ދިމާވީ ކަމަށެވެ.
"ކިތައް މައްސަލައިގެ ހެކި ދައްކަންވީ؟..." ނަޖާތު ކުރީ ސުވާލެކެވެ.
"ތިބުނި އެއްޗެއް ނުވިސްނުނު..." ޔަޒްދާން އެއްބުމަ މައްޗަށް އުފުލައިލިއެވެ.
"މިބުނީ ނައީމު ހައްޔަރުކުރަން ބޭނުންވަނީ ކިތައް ހެކިހޭ؟..." ނަޖާތު އޭނާގެ ސުވާލު ތިލަކުރިއެވެ.
"ހިނގާ އިށީންނަމާ!..." ގޮނޑިބަރިއަށް އިޝާރާތްކުރަމުން ޔަޒްދާން ބުނެލިއެވެ.
"އިށީންނާކަށް ވަގުތެއް ނެތް..." ނަޖާތު ބޭނުންވީ ޔަޒްދާންގެ ކުރިމަތިން އަވަހަށް ދުރަށްދާށެވެ.
ނަޖާތު ދިއްކޮށްލީ ޕެންޑްރައިވްއަކާއި، ތަސްވީރުތަކެކެވެ. ޔަޒްދާން ފުރަތަމަވެސް ބެލީ ތަސްވީރުތަކެވެ. އެއީ ވިހި އަހަރު ކުރިން ގެއްލުނު ތިން ކުދިންގެ ތަސްވީރެވެ. އެ ތަސްވީރުތައް ނަޖާތުގެ އަތުގައި އޮތީ ކީއްވެ ހެއްޔެވެ؟ ކުއްލިއަކަށް އައިސް ޔަޒްދާންގެ އަތަށް ދިނީ ކީއްވެ ހެއްޔެވެ؟ ޔަޒްދާން ސުވާލު އުފެދިފައި ނަޖާތުގެ މޫނަށް ބަލައިލިއެވެ.
"ޕެންޑްރައިވްގަ ހުންނާނީ އެކި ދުވަސްމަތިން ނައީމު އަހަންނަށް ކޮށްފަ ހުރި ގޯނާތަކުގެ ސީސީޓީވީ ފުޓޭޖްތަކާ، ނައީމު ހިންގާފަ ހުރި ކޮރަޕްޓް ވިޔަފާރިތަކުގެ މައުލޫމާތު.... ނައީމު ހައްޔަރުކުރަން މިވަގުތަށް އެ ފުޓޭޖްތައް އެކަނިވެސް ފުދޭނެ..." ނަޖާތު އިތުރު ތަފްސީލް ދިނެވެ. "ދެން ފޮޓޯތައް... ވިހި އަހަރު ކުރިން، ތި ފޮޓޯތަކުގަ ހުރި ކުދިންގެ ހަށިގަނޑު އަހަންނަށް ފެނުނު... އެކުދިން ތިބީ ތާނގީއެއްގެ ތެރޭ ހައްޔަރުކޮށްފަ... އެދުވަހު ނައީމު އެކުދިން ބަންދުކޮށްގެން ގެންދިޔަ ތަން އަހަންނަށް ފެނުނު... މިހުރިހާ ދުވަހު އަހަރެން ނައީމުގެ ކައިރީ މި މަސައްކަތްކުރީ ތި ކުދިން ހޯދަން... އަހަރެން ފުރަތަމަ ހީކުރީ ޔަޒްދާނަކީވެސް ނައީމާ ގުޅުންހުރި މީހެއް ކަމަށް..."
"ދެން ކީއްވެ ކުރިން އެވާހަކަ ނުބުނީ؟..." ޔަޒްދާންގެ އަޑުގައިވީ ޝަކުވާއެވެ.
"އަހަރެން ބިރުގަތީ... އެދުވަހު އަހަރެން އެވާހަކަ ބުނެފިއްޔާ ނައީމު އަހަރެންވެސް ގެންގޮސްދާނެހެން ހީވީ... އެކަމަކު، އެދުވަހުގެ ފަހުން އަހަންނަށް ހަމަޖެހުމެއް ނުލިބޭ... އަބަދު ވިސްނުނީ އެކަމާ... ހުވަފެނުންވެސް ފެނުނީ އެކުދިން އަހަންނަށް ގޮވާ ތަން..." ނަޖާތު އިސްޖަހައިލިއެވެ.
"އިޓްސް އޯކޭ... އޭރު ތިވެސް ކުޑަކުއްޖެއް... އަހަންނަށް އެނގޭ ލަސްވެއްޖެކަން.. އެކަމަކު، މިއަދު ތި އައީ އެ މައްސަލަ ހައްލުކުރަން.. އެއްވެސް ފަސްޖެހުމެއް ނެތި.... އައި އޭމް ޕްރައުޑް އޮފް ޔޫ... މިއަދު ތިވަރުގެ ޑިސިޝަންއެއް ނެގީމަ ވަރަށް އުފާވެއްޖެ..." ނަޖާތުގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ޔަޒްދާން ބުނެލިއެވެ.
ނަޖާތު އިސްޖަހައިލިއެވެ. އޭރު ކަރުނައިގެ ރޮނގެއް އޭނާގެ ކޯތާފަތުގައި ދަތުރުކޮށްލައިފިއެވެ. ޔަޒްދާންގެ ހިތްވަރުގެ ބަސްތަކުން، ނަޖާތުގެ ޒަހަމުވެފައިވާ ހިތަށް ދިރުން ގެނެސްދިނެވެ.
********
"ދެން ކޮންއިރަކުންތަ މިކުއްޖާ ގެއަށް ދޫކޮށްލާނީ؟..." ނަރުސްކުއްޖަކު އައުމުން އިކާން އަހައިލިއެވެ.
"އަދި ހަފްތާއެއް..." ނަރުސްކުއްޖާ ބުނެލިއެވެ.
"ހަފްތާއެކޭ؟..." އިކާންގެ ދެލޯ ބޮޑުވިއެވެ.
"ކުޑައިރުކޮޅަކުން ދޫކޮށްލާނަން.." ނަރުސްކުއްޖާ ހެމުން ހެމުން ރޫބީއަށް ބަލައިލިއެވެ. "ދެކުދިންނަށްވެސް ވަރަށް އުފާވެރި ކައިވެންޏަކަށް އެދެން..."
ނަރުސްކުއްޖާ ދިޔުމުން، އިކާން ރޫބީ އޮތް އެނދުގައި ބޯއަޅައިލިއެވެ. ރޫބީ މަޑުމަޑުން އިކާންގެ ބޮލުގައި އަތް ޖައްސައިލިއެވެ. އިކާން އެއްޗެއް ނުބުނެ ރޫބީއަށް ބަލަން އޮތެވެ. ރޫބީ އިކާންގެ އިސްތަށިގަނޑާއި ކުޅެން ފެށުމުން، އިކާން އާފުރެން ފެށިއެވެ. މަޑުމަޑުން ދެލޯ މެރުނެވެ.
"އިނގޭތަ އިބާ ބުނި އެއްޗެއް؟..." ރޫބީ އަހައިލިއެވެ.
"ނޭނގޭ..." އިކާން ކަންނެތް ގޮތަކަށް ކުޑަކޮށް ލޯ ހުޅުވައިލިއެވެ.
"އިކާން ބޮލުގަ އެއްވެސް މީހަކު އަތްލާކަށް ހުއްދައެއް ނޯންނާނެއޯ... އެއީ ތެދެއްތަ؟..." ރޫބީ ސުވާލުކުރިއެވެ.
އިކާން ބޯ ޖަހައިލުމުން، ރޫބީ އިކާންގެ ބޮލުން އަތް ނެގިއެވެ. އިކާން ކުއްލިއަކަށް ރޫބީގެ އަތުގައި ހިފައި އަލުން އޭނާގެ ބޮލުގައި ރޫބީގެ އަތް ޖެއްސުވިއެވެ.
"މަނާވަނީ އެހެން ކުދިންނަށް... އަހަރެންގެ އެއްވެސް ކަމެއް ރޫބީއަށް މަނަލެއް ނުވާނެ!..." އިކާން ބަލައިލީ ސީދާ ރޫބީގެ ދެލޮލަށެވެ.
ބޭއިހުތިޔާރުގައި ރޫބީއަށް ހިނިތުންވެލެވުނެވެ. އިކާނަށް ރޫބީ އެހާ ހާއްސަ ހެއްޔެވެ؟ އިކާން އެތައް ގޮތަކުން އެކަން ހާމަކޮށްދެމުންދިޔައިރު، ރޫބީއަށް އިކާން މުހިއްމުވާވަރު ހާމަކޮށެއް ނުދެވެއެވެ. ހުދު އިކާންގެ ހިތްވެސް އެފަދަ ކަންކަމަށް ބޭނުންވާނޭވަރު ރޫބީއަށް އިހުސާސް ކުރެވުނެވެ.
*******
ރޫބީ ގެއަށް ދޫކޮށްލީ ފަތިސްވާން އުޅެނިކޮށެވެ. އޭރުވެސް އެންމެން ތިބީ ކައިވެނީގެ ހަފުލާއަށް ލީ ހެދުމާއި އެކުގައެވެ. އެހުރިހާއިރު ފައުދުވެސް ހޮސްޕިޓަލުގައި މަޑުކޮށްގެން ހުއްޓެވެ. ޔަޒްދާނާއި ނަޖާތުވެސް ރޫބީއަށް އަލްވަދާއު ކިޔަން އައިސް ތިއްބެވެ. ރޫބީ އާއި ކުރިމަތިލާނެ ހިތްވަރު ނެތިފައި، ތަންކޮޅެއް ދުރުގައި ވިރުދާ ބަލަން ހުއްޓެވެ. ވިރުދާ ހުރީ ރޫބީއަށް ނުފެންނާނޭހެން ތަނބަކާއި ނިވާވެގެންނެވެ.
"ކީއްވެ މާ ދުރުގަ ތިހުރީ؟... އަހަރެން އެހާއިރު އެތާ އޮތްއިރު ވަދެވެސް ނުލާ..." ނަޖާތާއި އަރާ ހަމަވެފައި ރޫބީ ޝަކުވާކުރިއެވެ.
"އުފަލުން އެއްޗެކޭ ނުބުނެވިފަ މިހުރީ..." ނަޖާތު ހެދީ ދޮގެކެވެ.
"އުފަލުން މީހަކު މިހެން ހުރޭތަ؟..." ނަޖާތުގެ ކޯތާފަތަށް ފިތައިލަމުން ރޫބީ ބުނެލީ ސަމާސާ ރާގަކަށެވެ. "ތިހުރީ ވަރަށް ދެރަވެފަކަން އެނގޭ... ދޯ ޔަޒްދާން؟"
ރޫބީ ބަލައިލީ ޔަޒްދާނަށެވެ. ރޫބީއަށް އެއްބަސްވުމުގެގޮތުން ޔަޒްދާންވެސް ބޯ ޖަހައިލިއެވެ.
"އެބުނީބު ޔެސް އޭ..." ރޫބީއަށް ހިތްވަރު ލިބުނެވެ.
"ހިތް ހުއްޓޭވަރުވެފަ ތިބި ކުދިން ވަރަށް ގިނަވެއްޖެ އިނގޭ.. މި ކުއްޖާވެސް އެހުރީ ހިތް ހުއްޓޭވަރުވެފަ..." ނަޖާތު ބޭނުންވީ ޔަޒްދާން ތަޅުވައިލާށެވެ.
"އަހަރެން ކީއްވެ ހިތް ހުއްޓެންވީ؟..." ޔަޒްދާން އަވަސް އަވަހަށް ބުނެލިއެވެ.
"އެއީ ރޫބީދެކެ..." ނަޖާތުގެ ޖުމުލަ ހުއްޓުވުމަށް ޔަޒްދާން ދެލޯ އަޅައިލިއެވެ.
"ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ...." ޔަޒްދާން އަވަސް އަވަހަށް ބުނެލިއެވެ.
"ދެން އެގެއަށް ދިޔާމަ ލިބޭނެއެއްނު ބެސްޓީއެއް..." އިބާއަށް އިޝާރާތްކޮށްލަމުން ނަޖާތު ބުނެލިއެވެ.
"ޖެލަސްވީތަ؟..." ރޫބީ ޖަހައިލީ ލުއި ހިނިގަނޑެކެވެ.
"ކާކު ޖެލަސްވީ؟..." އިބާއަށް ދުރުގައި ނުހުރެވުނެވެ. "މިހާރު މީ އަހަރެންގެ ދޮންބެދައްތަ..."
އިބާ ރޫބީގެ އަތުގައި އޮޅުލައިގަތެވެ. ނަޖާތާއި ދެމީހުންގެ ދެމެދަށް ވަނެވެ. ނަޖާތު މަޖާވެލާފައި ރޫބީގެ އަތުގައި ހިފޭތޯ އުޅެންފެށުމުން، އިބާ ރޫބީ ދުރުކުރިއެވެ. ރޫބީމެންގެ ހަރަކާތްތަކަށް ބަލަން ދުރުގައި ހުރި ވިރުދާ އިސްޖަހައިލިއެވެ. ރޫބީއަކީ ވިރުދާގެ ހަގީގީ އެކުވެރިއެއް ނަމަވެސް، ކުރެވުނު ކަންތަކުގެ ސަބަބުން ދެން އިތުރަށް ރޫބީއާއި ގާތްވާކަށް ވިރުދާއަކަށް ނުކެރުނެވެ. އެހުރިހާއިރު ވިރުދާގެ ހަރަކާތްތަކަށް ބަލަން ހުރި ޔަޒްދާންގެ ހިތަށް ހަމްދަރުދީ ވަނެވެ. ރޫބީއަށްޓަކައި ވިރުދާއަށް އެހީވާން އޭނާ ބޭނުންވިއެވެ.
"ވިރުދާ އެހުރީ ވަރަށް ދެރަވެފަ..." ޔަޒްދާން ބުނެލިއެވެ. "އޭނަ ބޭނުންވޭ މާފަށް އެދެން..."
"ކޮބާ؟..." ރޫބީގެ ދެލޯ ވިދައިލިއެވެ.
ރޫބީ ބަލައިލުމުން، ވިރުދާ އުޅުނީ އަވަހަށް އެތަނުން ދާށެވެ. އޭގެކުރިން ރޫބީ ގޮސް ވިރުދާގެ އަތުގައި ހިފައިލިއެވެ.
"އަހަންނަށް އެނގޭ، އަންޑަސްޓޭންޑްވޭ އެއީ ކީއްވެ ވިރުދާ ކުރި ކަމެއްކަން..." ރޫބީގެ އަޑުގައިވީ ހަމްދަރުދީއެވެ. "އަހަރެންގެ ހިތުގަ އެއްވެސް ބުރަކަމެއް ނެތް..."
"ސޮރީ..." ވިރުދާއަށް ރޮވުނެވެ.
"އަހަރެންގެ ހިތް ސާފު... އަހަންނަށް ކަމެއް ކޮށްދެންޏާ، ނައީމު ހައްޔަރުކުރަން ހެލްޕް ދީ..." ރޫބީ އެދުނެވެ.
ރޫބީ ކާރަށް އެރި މަންޒަރު ފެނުމުން، ނަޖާތަށް ހިންދިރުވައިލެވުނީ އުނދަގޫ ގޮތަކަށެވެ. ވޭތުވެދިޔަ ކުޑަ ދުވަސްކޮޅު ނަޖާތު ހުރީ ރޫބީއަށް އާދަވެފައެވެ. ރޫބީއާއި ނުލާ އުޅޭނެގޮތް ހިތަށް ސިފަކުރެވުމުން، ނަޖާތަށް އެކަނިވެރިކަން އިހުސާސްވިއެވެ.
ކާރު ނައްޓާލުމާއިއެކު، އިކާން ރޫބީގެ އަތުގައި ހިފައިލިއެވެ. ރޫބީ ކުޑަކޮށް ސިހިފައި އަތް ދަމައިގަންނަން އުޅުނެވެ. ހަމަ އެހާ އަވަހަށް ހިމޭންވިއެވެ.
"އަހަރެންގެ ވައިފް ކަން ހަނދާން ނެތުނީތަ؟..." އިކާން ލާނެތް އަޑަކުން ސުވާލުކުރުމުން، ރޫބީއަށް އަވަސް ނަޒަރެއް ދެވުނީ ކާރު ދުއްވަން އިން ފަޒާލަށެވެ.
(ނުނިމޭ)