މިހާރު އޮތްގޮތުން އަތޮޅު ކައުންސިލްތަކުން ކުރަން މާބޮޑު ކަމެއް ނޯވޭ: އާދަމް ޝަރީފް

ލޯކަލް ގަވަމެންޓް މިނިސްޓާރު އާދަމް ޝަރީފް އުމަރު: -- ފޮޓޯ/ ލޯކަލް ގަވަމެންޓް މިނިސްޓްރީ

މިހާރު އަމަލު ކުރަމުން މިއަންނަ ލާމަރުކަޒީ ނިޒާމު އޮތްގޮތުން, އަތޮޅު ކައުންސިލްތަކުން ރަށްރަށަށް އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަމެއް ފިޔަވައި ކުރަން މާބޮޑު ކަމެއް ނޯންނަ ކަމަށް, ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް ރައީސް މުއިއްޒު މިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި, އޮގަސްޓް މަހުގެ 19 ވަނަ ދުވަހު މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި، ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލަން އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އަތޮޅު ކައުންސިލްތަކަކަކީ ވެސް 'ފަށަލަ'އެއް ކަމަށް ސިފަކުރައްވައި ރައީސް ވިދާޅުވީ، އެއީ އެއްވެސް ބޭނުމެއް އޮތް މަގާމެއް ނޫންކަމެވެ.

https://www.sun.mv/210170

އެއާއެކު ކައުންސިލަރުންނާއި އިދިކޮޅު ޕާޓީތަކުން އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ. އެއީ އަތޮޅުތައް އުވާލުން ކަމަށް ފާޑުކިޔާ ބައެއް މީހުން ސިފަ ކުރެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އަތޮޅުތައް އުވާލަނީކަމަށް ބުނެ ބައެއް މީހުން ދައްކަމުންދާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި އެއީ މިހާރުގެ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.

ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފް ކުރިއިރު އެމްޑީޕީން ޕްރޮވިންސްތަކެއް ހެދުމުގެ ނަތީޖާއަކީ އެކި ކަންކަމުގައި މާލެއަށް ބަރޯސާވާން ޖެހޭ މިންވަރު ބޮޑުވުން ކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލް ރައީސުން އަތޮޅު ކައުންސިލްތަކުގައި ވެސް މަސައްކަތް ކުރަން ޖެހޭ ގޮތަށް ފަހުން ބަދަލުކުރި ކުރުމާއެކު ބައެއް ކައުންސިލަރުންގެ ޒިންމާ އިތުރުވި ކަމަށާއި އެއީ ގާނޫނާ ފުށުއަރާ ކަމެއް ކަމަށް, މިނިސްޓަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އަތޮޅު ކައުންސިލް ތަކަކީ މިހާރު އޮތްގޮތުން ލާމަރުކަޒީ ނިޒާމަށް ލެވިފައިވާ އިތުރު "ލޭޔަރެއް" ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ މިހާރު އަތޮޅު ކައުންސިލްތައް އެކުލަވާލާފައި އޮތްގޮތް ބަދަލު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ގުދުރަތީގޮތުން ވެސް ރާއްޖޭގެ އަތޮޅުތައް އުފެދިފައި އޮތްގޮތުންނާއި އޭގެ ޒާތުގައި މަސައްކަތް ކުރެވިގެންދާ ތަރުތީބުތަކަށް ބަލާއިރުގައި ވެސް ކޮންމެ އަތޮޅެއްގައި ވެސް އިދާރީގޮތުން ކުރެވޭ މަސައްކަތްތައް ކޮންމެވެސް ސިފައެއްގައި އިންތިޒާމް ކޮށްގެން ހިނގާނެ ގޮތްތަކެއް ރޭވިގެންދާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޚިދުމަތުގެ ބޮޑު ބައެއް ތައުލީމީ ދާއިރާގައި ހޭދަ ކުރައްވާފައިވާ, އާދަމް ޝަރީފް ވިދާޅުވީ މިނިސްޓްރީތަކުގެ އިދާރީ ހިންގުން ބެލެހެއްޓެވުމަށް ޕާމަނަންޓް ސެކްރެޓަރީން ތިއްބަވާ ގޮތަށް އަތޮޅު ކައުންސިލްތަކުގެ އިދާރީ މަސައްކަތްތަކުގައި ވެސް ތިއްބަވަން ވާނީ އިލްމީ ގާބިލު ބޭފުޅުން ކަމަށެވެ.

"[މިދެންނެވި މަގާމަށް] މި ބޭފުޅުން އައްޔަން ކުރަންވާނީ ސިވިލް ސަރވިސްގެ ތެރެއިން. އަދި އެ ބޭފުޅަކު ނެރޭ ނަތީޖާއަށް ބަލައި ފަސް އަހަރަށްވުރެ ދިގު މުއްދަތަކަށް ވެސް އައްޔަން ކުރައްވަން ރަނގަޅު," އާދަމް ޝަރީފް ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރުން އާބާދީއަށް ބަލައި, ރަށްރަށުގެ ކައުންސިލްތަކުގެ ސައިޒް ކުޑަކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކައުންސިލްތަކަށް ގާނޫނުން ދީފައިވާ ބައެއް ބާރުތައް އިންތިޚާބާ ވަކި ވަރަކަށް ގާތްވުމުން ސަސްޕެންޑްވާ ގޮތަށް ވެސް ވަނީ އިސްލާހުތަކެއް ގެނެސް, ތަސްދީގުވެސް ކުރައްވައިފައެވެ.

މި އިސްލާހާ ގުޅިގެން އަދި ކައުންސިލްތަކަށް ގެންނަން ހުށަހަޅުއްވާ އިސްލާހުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ފުނޑާލުންކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.

އެ ފާޑުކިޔުންތަކަށް ޖަވާބުދެއްވައި، ރައީސް ވަނީ މީގެކުރިން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ދިފާއުކުރައްވައިފައެވެ. އެގޮތުން، މިއީ ލާމަރުކަޒީ ނިޒާމު "ޗެމްޕިއަން"ކުރަން ގެންނަވާ އިސްލާހުތަކެއް ކަމަށް އޭރު އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް