ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހާމަކުރަންޖެހޭ މުއްދަތުގައި ފަސް މެންބަރުން ބަޔާން ހާމަނުކުރުމުން ދިން އިތުރު މުއްދަތުގައި އެ ހުރިހާ މެންބަރުން ވެސް މާލީ ބަޔާންތައް މިހާރު ހާމަކޮށްފައިވާކަން އެނގިއްޖެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވައިކުރާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަންޖެހޭނެއެވެ. އެހެންވެ، މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނީ މޭ މަހުގެ 28ވަނަ ދުވަހަށް އެއް އަހަރު ފުރުމުން، މިދިޔަ މަހުގެ 31ވަނަ ދުވަހުގެ ކުރިންނެވެ.
އެ މުއްދަތު ހަމަވިއިރު ފަސް މެންބަރަކު މާލީ ބަޔާން ހާމަކޮށްފައެއް ނުވެއެވެ. އެއީ:
- މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް
- ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް
- ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު
މެންބަރަކު އަމީންއާންމަށް މާލީ ބަޔާން ހުށަނޭޅުއްވުމުން، ފުރަތަމަ އޮންނަނީ އިތުރު 15 ދުވަހުގެ މުއްދަތެއް ދީ އެކަން ލިއުމުން އެންގުމެވެ. އޭގެ ފަހުން ވެސް މާލީ ބަޔާން ނުދެއްވައިފިނަމަ ދެން އެ މެންބަރެއްގެ ނަން ތަޅުމުގައި އިއްވާނެއެވެ. އޭގެ ފަހުން އެ މެންބަރަކަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލީ ބަޔާން ހުށަހެޅުއްވުމުންނެވެ. އަދި، މާލީ ބަޔާން ހުށަހެޅުއްވުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މެންބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުން ދާނެއެވެ.
މަޖިލީހުގެ ވެބްސައިޓުގައި ވާގޮތުން އެ ހުރިހާ މެންބަރުން ވެސް މިހާރު ވަނީ މާލީ ބަޔާންތައް ހާމަކޮށްފައެވެ. އެހެންވެ، މާލީ ބަޔާން ހުށަހަޅަން ދިން އިތުރު 15 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުރިހާ މެންބަރުން ވެސް ވަނީ މާލީ ބަޔާން ހުށަހަޅާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަސް މެންބަރަކު މާލީ ބަޔާން ހާމަނުކުރާ ޚަބަރު މީޑިއާތަކުން ރިޕޯޓުކުރުމާ އެކު، އެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރު އިސްމާއިލް ނިޒާރު އެކަމާ ހިތްހަޖެހިވަޑައިނުގެން، މީޑިއާ ކޮންޓްރޯލް ބިލު އަވަސްކުރުމަށް މިދިޔަ މަހު ތިންވަނަ ދުވަހު ގޮވާލެއްވިއެވެ.
އެކަމަކު، މިހާރު އޭނާގެ ފޭސްބުކް އެކައުންޓުން އެ ޕޯސްޓު ފެންނާކަށް ނެތެވެ. ބެލެވެނީ ޑިލީޓްކޮށްލީ ކަމަށެވެ.
މީގެ އިތުރުން، މެންބަރުންގެ މާލީ ބަޔާންތަކުގައި 'ހަދިޔާ'ގެ ގޮތުގައި ބޮޑެތި އަދަދުތަކަށް ލިބިވަޑައިގެން ކަމަށް ބަޔާންކޮށްފައިވާތީ ވެސް އާންމުންނާއި ސިޔާސީ ބޭފުޅުންގެ ނުރުހުން އަމާޒުވިއެވެ. ޚާއްސަކޮށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އަހަރެއް ތެރޭ މިލިއަނެއްހާ ރުފިޔާ ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންއިރު، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދަށް ވެސް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގަތެވެ.
އެއީ، ރިޝްވަތު ނޫން އެއްޗަކަށް ނުވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި، 'ހަދިޔާ'ގެ ގޮތުގައި ބޮޑެތި އަދަދުތައް ލިބިވަޑައިގަތުމުން ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.
މެންބަރުންގެ މާލީ ބަޔާންތަކުގައި ހިމެނޭ ވާހަކަތައް ނޫސްތަކުގައި ރިޕޯޓުކުރުމުން ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފައި ވެސް ވެއެވެ.
މިހާރުގެ އުސޫލުގައި، މާލީ ބަޔާނުގައި އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރީން ވެސް ހިމެނޭ ގޮތަށް ފުރިހަމަ ކުރަންޖެހޭ މައުލޫމާތުގެ ތެރޭގައި ހިމެނެނީ:
- ރާއްޖެއާއި ރާއްޖޭން ބޭރުގައި ހުރި މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތައް
- ވިޔަފާރީގެ މަސްލަހަތުތަކުގެ މައުލޫމާތު
- އަރަންޏާއި ދަރަނީގެ ހިސާބުތައް
- އެހެން ވަޒީފާއެއް އަދާ ކުރާނަމަ، އެ ވަޒީފާގެ ޒިންމާތައް
އެ ގަވާއިދުގައި ވާގޮތުން މާލީ ބަޔާން ހުށަހަޅަން ޖެހެނީ ކޮންމެ މީލާދީ އަހަރެއްގެ ވެސް އޮގަސްޓު މަހުގެ 31ގެ ކުރިންނެވެ.