އަރިއުތުރު ކުޅިވަރު ފެސްޓިވަލުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން މަގާމާ އެކު އއ. ތޮއްޑޫން ގޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ.
އއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ތޮއްޑޫން ހޯދީ ރަސްދޫގައި ބޭއްވި މުބާރާތުގެ ފައިނަލުގައި ބޮޑުފުޅަދޫ ބަލިކުރުމަށް ފަހެވެ.
ފައިނަލު މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވުމާ އެކު ތޮއްޑޫން ނަތީޖާ ނެރުނީ ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުންނެވެ.
ގޯލްޑް ކަޕް އިންތިޒާމުކުރާ "ނައިންޓީ ޕްލަސް" މި ފަހަރުގެ މުބާރާތުން 28 ޓީމަށް ޖާގަ ދޭން ފޯމެޓް އެކުލަވާފައިވާއިރު، އަރިއުތުރުގެ ކުޅިވަރު ފެސްޓިވަލުގެ ފުޓްބޯޅައިގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ގޯލްޑް ކަޕުން ފުރުސަތު ދޭގޮތަށް ނިންމިއެވެ.
މި 28 ޓީމުގެ ތެރެއިން ޗެމްޕިއަނުން ނުވަތަ ކޮލިފައިންގައި ހޮވާނީ 18 އަތޮޅުގެ ރަށްތަކުގެ މެދުގައެވެ. އަރިއުތުރު ކުޅިވަރު ފެސްޓިވަލުގެ މި ފަހަރުގެ ފުޓްބޯޅަ މުބާރާތުން، އެ އަތޮޅުން ގޯލްޑް ކަޕްގައި ވާދަކުރާ ޓީމު ކަނޑައަޅަން ނައިންޓީ ޕްލަސްއާއި އއ. އަތޮޅު ކައުންސިލާ އެކު އެއްބަސްވުން ހެދިއެވެ.
އަތޮޅު ކައުންސިލުން ދޭ 50،000 ރުފިޔާގެ ފައިސާގެ އިނާމާއި ޗެމްޕިއަން ޓޮރޮފީއާ އެކު މި ފަހަރުގެ ގޯލްޑް ކަޕުގެ ޖާގަ ވެސް ތޮއްޑޫއަށް ކަށަވަރުވީއެވެ.
ކޮލިފައިން މަރުހަލާއިން ދެ އޮތޮޅަކަށް ނިސްބަތްވާ ދެ ޓީމު މިހާރު ވަނީ ގޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށްފައެވެ. އެއީ ތޮއްޑޫގެ އިތުރުން ލ. ގަމެވެ.