ވިއްކި ޒޯންތައް އަތުލުމުން މާލޭ މަގުމަތިން 1000 ޕާކިން ސްލޮޓް ހުސްވާނެ

މާލޭގެ މޭޔަރު އާދަމް އާޒިމާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ބައްދަލު ކުރެއްވުން: ބަދަލާ އެކު މާލޭ މަގުމަތިން 1000 ޒޯން ހުސްވާނެ -- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު, މާލޭގެ މޭޔަރަކަށް ހުންނެވިއިރު މާލޭގެ މަގުމަތިން ޕާކިން ޒޯންގެ ގޮތުގައި ވިއްކި ތަންތަން ހުސްކުރަން މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާއިރު, މި ނިންމުމާއެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 1,000 އެއްހާ ޕާކިން ސްލޮޓް މަގުމަތިން ހުސްވާނެ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

ޕާކު ކުރާނެ ޖާގައެއް ނެތް, ތޮއްޖެހިފައިވާ މާލޭގެ މަގުމަތިން, ޕާކިން ސްލޮޓްތައް އޭރުގެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވަނީ ޕްރައިވެޓް ކާރުތަކަށް 1،500 ރުފިޔާއަށް އަދި ޓެކްސީތަކަށް 700 ރުފިޔާއަށެވެ. މަގުތައް ވިއްކަނީ ކަމަށް ބުނުމާއި މި ކަމުގެ ފަހަތުގައި އިތުރަށް ފައިސާ ދޭ މީހުންނަށް އިސްކަން ދިނުން ފަދަ ކަންކަން އޮތް ކަމަށް ބުނެ, އޭރު ވެސް މިއީ ރައީސް މުއިއްޒަށް ވަރަށް ފާޑުކިޔުން އަމާޒުވި ކަމެކެވެ.

https://www.sun.mv/211020

މާލޭގެ ގިނަ މަގުތަކަކުން ގިނަ އަދަދެއްގެ ޕާކިން ސްލޮޓް ވިއްކާފައިވުމާ އެކު, ބަންޑާރަ މަގުތަކުގައި ހުރި އެ ޒޯންތައް ގިނަ ބަޔަކު ބޭނުންކުރަނީ އެ މީހުންނަށް އެކަނި އެތަން ބޭނުންކުރެވޭ ގޮތަށް އެކި ގޮތްގޮތަށް ބަންދުކޮށް ހަދައިގެންނެވެ. މީގެ ސަބަބުން ޕާކް ކުރާނެ ޖާގަ ހޯދަން އިންތިހާއަށް ދަތިވެއެވެ.

މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީން, މާލޭ ސިޓީ ކައުންސިލަށް އަންގާފައިވަނީ ކުއްޔަށް ދޫކުރާ އުސޫލުން ޕާކިން ޒޯންތައް ދޫނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެެގޮތަށް ނުވިއްކުމަށާއި މިހާރު ވިއްކާފައިވާ ސްލޮޓްތައް ވެސް އެގޮތަށް ދޫނުކުރަން ވަނީ އަންގައިފައެވެ.

މި ނިންމުން ތަންފީޒު ކުރާނެ ގޮތާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ, މަގުތަކުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާހެއްހާ ޕާކިން ސްލޮޓް ވިއްކާފައި އެބަހުރި ކަމަށެވެ.

މި މަހުގެ ފަހު ހަފުތާއިން ފެށިގެން އެ ޖާގަތައް އާއްމުކޮށް އެންމެނަށް ޕާކްކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެ ހިސާބުން ފެށިގެން ވަކި ބޭފުޅެއްގެ ޕާކިން ޒޯނެއް ނޯންނާނެ. އެންމެންނަށް ބޭނުން ކުރެވޭނެ ޒޯންތައް ހުންނާނީ. މާލޭގެ ހުރިހާ ޕާކިންއަކީ ވެސް އެންމެންނަށް ވެސް ޕާކް ކުރެވޭނެ ތަންތަނަށް ބަދަލު ވެގެން ދާނެ," އާޒިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ, ހޮސްޕިޓަލްތަކާއި ސްކޫލުތަކުގެ އިތުރުން އާއްމުކޮށް މީހުން އެއްވެ އުޅޭ އެހެން ބައެއް ސަރަހައްދުތަކުގެ ޕާކިން ޒޯންތަކުން ގިނަ ބަޔަކަށް ފުރުސަތު ދިނުމަށްޓަކައި ގޮތްތަކެއް ރާވަމުން ވެސް ގެންދަވާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލުތައް ފަހުން ހާމަ ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލައެވެ. އާންމުންގެ ޝަކުވާއަކީ މާލޭގައި ޕާކުކުރާނެ ތަންކޮޅެއް ނެތި ވެހިކަލްތައް ގިނަވެ، ތޮށްޖެހުމެވެ. ޚާއްސަކޮށް ވެހިކަލްތަކަށް ގަވާއިދުން ފީތައް ދައްކަމުން ދިޔަ ނަމަވެސް، ޕާކު ކުރާނެ ޖާގަ ނުދައްކައި, ނުގަވައިދުން ޕާކް ކުރުމުން ސްޓިކާ ޖެހުމާއި ޓޯ ކުރުން ފަދަ ކަންކަން ކުރާތީ ޝަކުވާ ބޮޑެވެ. މިއަދާ ހަމައަށް ވެސް އެ މައްސަލައަށް ހައްލެއް ނުލިބެއެވެ.

މާލޭގައި ޕާކިން މައްސަލަ އިންތިހާށް ބޮޑުވެފައިވަނީ ކެރީން ކެޕޭސިޓީއަށްވުރެ އިތުރަށް އުޅަނދު މާލޭ ތެރޭގައި ބޭނުންކުރާތީއެވެ.

މީގެ ކުރިން މާލޭގެ ބައެއް ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިންތަކެއް ހުރި ނަމަވެސް އެ ބޭނުންކުރެވިފައެއް ނުވެއެވެ. އަދި، މާ ބޮޑު ހައްލެއް ވެސް ލިބިފައެއް ނުވެއެވެ.

މާލޭގައި، ސިޓީ ކައުންސިލުން މިހާރު ޕާކިން ޖާގަ ހަދަނީ ގަބުރުސްތާނުތައް ހުސްކޮށްގެނެވެ. އެގޮތުން އެންމެ ފަހުން ވަނީ މާފަންނު ސަހަރާ ހުސްކޮށް އެ ތަނުގައި ޕާކިން ޖާގައާއި ހިތްފަސޭހަ މައިޒާނެއް ހަދަން މަސައްކަތް ފަށައިފައެވެ. މީގެ އިތުރުން މޯޗަރީ ހުންނަ ގަލޮޅު ސަހަރާގެ ބައެއް ވެސް ސާފުކޮށް ޕާކިން ޖާގަ ހަދައިފައިވެއެވެ.

ނަމަވެސް، ގަބުރުސްތާނުތައް ހުސްކުރާތީ އެކަމުގެ ކަންބޮޑުވުން އާންމު ރައްޔިތުން ކުރެއެވެ. އަދި، އެ ފަދަ ކަންކަމަށް ސަހަރާތައް ހުސް ނުކުރެވޭނެ ކަމަށް ފަތުވާ މަޖިލީހުން ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް