ދޮންފަނު ބިން ނުހިއްކިޔަސް، ބަނދަރު ހަދައި، ގޮޑުދޮށް ޙިމާޔަތްކުރާނަން: މުއްތަލިބު

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައީސް އޮފީހުގައި -- ފޮޓޯ: ރައީސް އޮފީސް

ބ. ދޮންފަނު ބިން ހިއްކައިފި ނަމަ ހަނިފަރު ބޭއަށް ގެއްލުންވާނެތީ، އެ ތަނުގެ ހިމާޔަތުގައި އެތައް ހާސް ބަޔަކު ތެދުވުމުން ބިން ނުހިއްކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވުމުން އެ ޕްރޮޖެކްޓް ނުހިންގި ނަމަވެސް އެ ރަށުގެ އެހެން މަޝްރޫއުތައް ހިންގަވާނެ ކަމަށް, ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ދޮންފަނުގެ ބިން ހިއްކަން ރައީސް ވައުދުވެ، އެއްބަސްވުމުގައި ސޮއިކުރުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. އަދި، ގިނަ ބަޔަކު ވަނީ އެކަން ހުއްޓާލަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ. އިދިކޮޅު ސިޔާސީ ލީޑަރުންނާއި އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ވެސް އެ މަޝްރޫއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

https://www.sun.mv/211044

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދޮންފަނުގައި ބިން ހިއްކަން ވައުދުވީ އެ ރަށު ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި، އެ ވައުދު ފުއްދަން އެއްބަސްވުމުގައި ސޮއިކުރި ކަމަށެވެ. އެކަމަކު ރައްޔިތުން މިހާރު ދޮންފަނުގެ ބިން ހިއްކަން ބޭނުންނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވެ ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ކަން ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއެއްގެ ޒަރިއްޔާއިން އަންގާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ޕޯސްޓް ރީޕޯސްޓް ކުރައްވަމުން މުއްތަލިބު ވިދާޅުވީ ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.

އެންމެ 400 އެއްހާ މީހުން ދިރިއުޅޭ ދޮންފަނުގައި 13 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަސައްކަތް ދިނީ މިދިޔަ މަހުގެ 13ވަނަ ދުވަހު، ރައީސް އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

އެ އެއްބަސްވުމާ އެކު، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. މަޝްރޫއު ހުއްޓާލަން ގޮވާލައި ޕެޓިޝަނެއްގައި ވެސް އަންނަނީ ސޮއިކުރަމުންނެވެ. އެ ޕެޓިޝަންގައި 5،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެއެވެ.

މި ޕެޓިޝަން ހިންގާ ފަރާތްތަކުން މީގެ ކުރިން ބުނީ، ހަނިފަރު ބޭއަކީ ހަމައެކަނި ކަނޑުގެ ސަރަހައްދެއް ނޫން ކަމަށާއި އެއީ ދުނިޔެއިން ނެތިގެން ދިއުމުގެ ބިރު ހީވެފައިވާ މާފަށާއި، މިޔަރު ކޮވެއްޔާއި، އެތައް ބާވަތެއްގެ ގާފުޅިތަކަށް ދިރިއުޅުމުގެ މާހައުލަކަށް ވެފައިވާ ތަނެއް ކަމަށެވެ. މިފަދަ ނިޒާމުތަކަކީ ދުނިޔޭގެ ދިރުންތަކުގެ ވެށީގެ މުހިންމު ބައެއް ކަމަށް އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، މިހާރު ހަނިފަރު ބޭގެ މި މުހިންމުކަން ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައި ކަމަށް ޕެޓިޝަންގައި ފާހަގަކުރެއެވެ. ދޮންފަނު ބިން ހިއްކައިފި ނަމަ އެ ތަން ނެތިދިއުމުގެ ބިރު އެބައޮތެވެ. އެެހެންވެ، އެ ނުރައްކަލަކީ ހަމައެކަނި ތިމާވެށީގެ ގޮތުން ލިބިދާނެ ގެއްލުމެއް ނޫން ކަމަށާއި މިއީ އިގުތިސާދީ އަދި ސަގާފީ ގޮތުން ވެސް ލިބިދާނެ ބޮޑު ގެއްލުމެއް ކަމަށް ޕެޓިޝަންގައި ބުންޏެވެ.

ބިން ހިއްކުމުގެ ސަބަބުން ކަނޑުގެ ފެން ދައުރުވާ ނިޒާމަށް ބަދަލުތައް އަންނާނެ ކަމަށާއި އެ ކަމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސްގަނޑު ޖަމާވެ، މާފަށާއި މިޔަރު ކޮވެއްޔަށް ކާނާގެ ގޮތުގައި ބޭނުންވާ ކުދިކުދި ދިރުންތައް ކަމަށްވާ ޕްލެންކްޓަން ނެތިދިއުމުގެ ނުރައްކާ އެބައޮތް ކަމަށް ޕެޓިޝަންގައި ބުނެއެވެ.

ހަނިފަރު ބޭއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ. ދިވެހިރާއްޖޭގެ މުޅި އިގުތިސާދު ބަރޯސާވެފައި އޮތީ ފަތުރުވެރިކަމަށެވެ. ފަތުރުވެރިކަން ބަރޯސާވެފައި އޮންނަނީ ރާއްޖޭގެ ގުދުރަތީ ރީތި ކަމަށެވެ.

comment ކޮމެންޓް