ލިސާން: ވާހަކަ --

އިންޖާބު ދިޔަ ދިމާލަށް ބަލަން ހުރި ބަތީލާއަށް މެއާ ދިމާލުގައި އަތް އަޅައިލެވުނެވެ. އައިސްފައިހުރި ރުޅީގައި އިންޖާބު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ.

އިންޖާބުގެ ރުޅިވެރިކަމާއި ހަރުކަށިކަން އެނގޭތީ ބަތީލާ ހުރީ އިންތިހާއަށް ހާސްވެފައެވެ.

އިންޖާބު ނުކުމެގެން ދިޔަތަން ބަލަން ހުރި، ޝައިސްތާ ސޯފާގައި އިން ނާވީއަށް ނަޒަރެއް ދީފައި ގޮސް ބަތީލާގެ ކައިރީގައި މަޑުކޮށްލިއެވެ.

"މަންމާ... ބައްޕަ... ނަމީރު ވީތަނެއް އެނގުނީތަ؟ ބައްޕަ ނަމީރަށް ކަމެއް ކޮށްފާނެތަ؟" ޝައިސްތާވެސް ކަންބޮޑުވުން ފާޅުކޮށްލިއެވެ. އަވަސް އަވަހަށް ސުވާލުކޮށްލުމާއެކު، ބަތީލާ ޝައިސްތާގެ އަތުގައި ހިފައްޓައިލިއެވެ. އިންޖާބު އެ ދިޔައީ ވަރަށް ރުޅި އައިސްގެންކަން އެ ހިނދު ޝައިސްތާއަށް ވެސް ފަހުމްވިއެވެ.

އިންޖާބު ގޮސް ގަނޑުވަރުން ނުކުތްއިރު މުޅި މާހައުލު ވަނީ ހަލަބޮލިވެފައެވެ. ތުންތުން މަތީން ރައާބިލްގެ ވާހަކަތައް ދެކެވެން ފެށިކަން އޭނައަށް ފަހުމްވިއެވެ. އާދަޔާ ޚިލާފު ނުތަނަވަސްކަމެއް މުޅި މާހައުލަށް ވަނީ ފެތުރިފައެވެ. ކޮޅު ކޮޅު މައްޗަށް ދުވަމުން ހޭލަމޭލަވެ އުޅުނު ސިފައިންނާއި ފާރަވެރިންގެ ލޮލުގައި، އިންޖާބު އަޅަައިގަތުމާއެކު، ކޮންމެ މީހަކުވެސް ކުރަން ހުރި ކަންތައް ބަހައްޓާފަައި އިންޖާބަށް އިޚްތިރާމް އަދާކުރިއެވެ. އިންޖާބު އޭނާގެ ކައިރީގައި ހުރި ސިފައިންގެ މީހާއަށް ބަލައިލާފައި އޭނާއަށް މަގު ދައްކަން އެދުނެވެ. ސިފައިންގެ މީހާ ބޯ ޖަހައިލިއެވެ.

އިންޖާބާއެކު ބައެއް ސިފައިންވެސް ގަނޑުވަރުން ނުކުތެވެ. އިންޖާބުގެ ރުޅިވެރިކަން ފެނުމުން އެމީހުން އެންމެން ވެސް ތިބީ ހާސްވެފައެވެ.

ހުރިހާ ސިފައިންނާއެކު، އިންޖާބުގެ މިސްރާބު ހުރީ ޖުންދީ އުޅޭ ގެއާ ދިމާލަށެވެ.

އިންޖާބަށް ނިކަ ގަހާ ހިސާބަށް ދެވުމާއެކު، ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ގަސްދޮށުގައި ޖުންދީއާއެކު ހުރި ނަމީރެވެ. އެ ދެމީހުން ތިބީ ކޮންމެވެސް ވާހަކައެއްގައެވެ. ޖުންދީއަށް އޭނާގެ މަސައްކަތް ފުރިހަމަނުކުރެވޭކަމަށް ބުނެ އޭނާ ނަމީރު ގާތުން އެދުނީ އަދި ކުޑަ އިރުކޮޅަކަށެވެ. އޭރު އޭނާގެ އަތުގައި ރޮދި ފަށަކާއި އުޅާއެއް އޮތެވެ.

ކުއްލިއަކަށް ޖުންދީގެ ލޮލުގައި އިންޖާބާ ގަނޑުވަރުގެ ސިފައިން އަޅައިގަތެވެ. ދެން އިވުނީ އިންޖާބުގެ ބާރު ހަޅޭކުގެ އަޑެވެ.

"ނަމީރު..."

އެއާއެކު އެ ހިސާބު ގަނޑުގެ ގަސްތަކުގައި ތިބި ކާޅާއި ކޮވެލިތައް ވެސް ރޮއިގަނެފައި އުދުހިގަތް އަޑުން ފަޒާގެ ހިމޭންކަން މުގުރާލާ މާހައުލަށް ބިރުވެރިކަމެއް ގެނުވައިފިއެވެ. ބާރު ވައިރޯޅިއެއް ޖެހިލާ މުރަނަވެގެން ބިން މައްޗަށް ފައިބައިފައިވާ ގަސްތަކުގެ ފަތްތައްވެސް ބުރައިގެން ގޮސްފިއެވެ.

އިވުނު އަޑާއެކު، ނަމީރު ފަސް އެނބުރި ބަލައިލިއިރު ޖުންދީގެ ނަޒަރު ވެސް ހުރީ އިންޖާބަށް ހުއްޓިފައެވެ. އިންޖާބުގެ ރުޅިވެރި ނަޒަރާއި، ތަނުގެ ޙާލަތު ފެނުމާއެކު ޖުންދީގެ ދެލޯ ބޮޑުވެގެން ދިޔައިރު ނަމީރުގެ ވެސް ހިތުގެ ހިނގުން އަވަސްވެ މީހާ ފިނިވެއްޖެއެވެ. ހަށިގަނޑު ތެރޭގައި އުފެދުނު އުދާސްކަމާއެކު، ނިތުން ފިނި ދަލެއް ހިއްލާލައިފިއެވެ.

"ބައް... ބައްޕާ..." ނަމީރަށް ބުނެވުނީ އަމިއްލަ ނަފްސަށް އަޑު އިވޭވަރަށެވެ. ހާސްވި ވަރުން ރަނގަޅަށް އޭނާގެ އަރުތެރެއިން އަޑުވެސް ނުނިކުތެވެ. ފިލަންދާނެ ގޮތެއް ނެތެވެ. ދެން އޮތީ އިންޖާބާ ކުރިމަތިލުމެވެ. އެކަން ކުރާނީ ކިހިނެެއް ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެއީ އޭނަގެ ބައްޕަައެވެ. އަދި ބައްޕައާ ކުރިމަތިލުމަކީ ބުއްދިވެރިގޮތަކަށް ވެސް ނުވާނެއެވެ.

"ހަމަ މިހާރު އެމީހުން ހައްޔަރުކުރޭ." ސިފައިންނަށް އަމުރު ކޮށްލުމާއެކު، އަނެއްކާވެސް އިންޖާބުގެ ބާރު އަޑުފަށްގަނޑު މުޅި ސަރަހައްދުގައި ގުގުމައިލިއެވެ. އެއާއެކު ސިފައިން ގޮސް ޖުންދީ ހައްޔަރުކޮށްފިއެވެ. އެވަގުތު ޖުންދީގެ އަތުގައި އޮތް ރޮދި ފަށާއި އުޅާވެސް އެމީހުން އަތުލިއެވެ. އެ ގެންގޮސް އިންޖާބަށް ދައްކައިލުމުން އެ އެއްޗެހި ހަލާކުކޮށްލަން އިންޖާބު އަމުރު ކުރިއެވެ. އެއީ ކީއްކުރާ އެއްޗެއްކަން އޭނާއަށް އެނގެއެވެ. އެއީ ޖުންދީ، ރައާބިލްގެ އިންސީގެ ހިމާޔަތަށް ހަދާފައިވާ އެއްޗެކެވެ. ވަކީން ޚާއްސަކޮށް އޭނަގެ ފަރާތުން ރައްކާތެރިކަން ހޯދުމަށެވެ. އެހެންނަމަވެސް އޭގެ މަސައްކަތް އަދި ފުރިހަމަ ނުކުރެވޭކަން އޭނާއަށް އެނގުނެވެ.

"އެހެންވީމަ ކަލޭދޯ ރައާބިލްއަށް މިކަމަށް އެހީތެރިވަނީ..." އިންޖާބު ބުނެލިއެވެ. އެއަށްފަހު، އޭނަގެ ނަޒަރު ދެން ދަތުރުކުރީ ނަމީރަށެވެ. ނަމީރަށް އިސްޖަހައިލެވުނެވެ. ބައްޕައަށް ބަލައިލުމުގެ ހިތްވަރު ނެތް ފަދައަކުންނެވެ.

"ކަލޭމެން ކިހިނެއްވެފަ ތި ތިބީ؟ އޭނަވެސް ހައްޔަރުކުރޭ!" ނަމީރުގެ ކައިރީގައި ތިބި ސިފައިންނަށް އިންޖާބު އަމުރުކުރިއެވެ. އެއާއެކު ކިޔަމަންތެރިކަމާއެކު، ބޯޖަހާލާފައި، އެމީހުން ނަމީރު ހައްޔަރުކުރިއެވެ.

ނަމީރާ ޖުންދީއާ ދެމީހުން ގެންގޮސް ބިންގަރާހަށް ވެއްދުމަށްފަހު، އިންޖާބު އެ ދެމީހުންނާ ކުރިމަތިލިއެވެ. އެންމެ ފުރަތަމަ އޭނަ ވާހަކަ ދެއްކީ ޖުންދީއާއެވެ.

"ކަލޭއަކީ އަހަރެމެންގެ ތެރެއިން މީހެއް ނޫން. ކަލޭގެ ޝަހަރަކީ ކޮބައިކަން ބުނޭ!" އިންޖާބު އޭނަގެ ހަރުކަށިކަން ދައްކައިލުމާއެކު ފެހިނޫކުލައިން އޭނަގެ ދެލޯ ދިއްލުނެވެ. އެ ހިނދު އެ ކުލައިގެ އަލިކަމެއް ވެސް އެތަނަށް ފެތުރިގެން ދިޔައެވެ.

"ޖަވާބު ދީ!" އިންޖާބު ދެވަނަ ފަހަރަށް ސުވާލު ތަކުރާރުކޮށްލިއިރު، އިހުނަށްވުރެ ރުޅި ގަދަވެއްޖެއެވެ.

"އަހަރެން އައީ އެފްރިކާ ބައްރުން..." ޖުންދީ އެހެން ބުނެލިއިރު އޭނަވެސް ހުރީ ޖެހިލުންވެފައެވެ. އިންޖާބާ، އޭނާގެ ރަސްކަމުގެ އިތުރުން، ހަރުކަށިކަމުގެ ވާހަކަތައް ތުންތުންމަތީން އެ ހިސާބަށްވެސް ފެތުރިފައިވެއެވެ. އޭނާގެ ވެރިކަމުގެ ހައިބަވަންތަކަމާއި، ޝާހީ ޚާންދާނުގެ ވާހަކަތައް ވެސް އެމީހުންގެ ތެރޭގައި ދެކެވެއެވެ.

"ކަލޭ ކީއްކުރަން މި ޝަހަރަށް އައިސްގެން ތިއުޅެނީ؟" އިންޖާބު އަހައިލިއެވެ. އެއާއެކު ޖުންދީ އޭނާ އެ ޝަހަރަށް އައި ސަބަބު ހާމަކޮށްލިއެވެ. އޭނަ ބުނީ ރަޙްމަތްތެރިއަކާއެކު މި ސަރަހައްދު ބަލައިލަން އައި އައުމުގައި މި ސަރަހައްދުގައި އުޅޭ އެކުވެރިއަކާ ބައްދަލުކޮށްލަން އައި ކަމުގަ އެވެ. އެކުވެރިޔާ ދިޔަނަމަވެސް، އޭނަ އަދި މަޑުކޮށްލައިގެން ހުރީކަމުގައެވެ.

"ކަލޭގެ ޝަހަރުގެ މީހުންނަށް އެނގޭތަ ކަލޭ ތިކަން ކުރިކަން؟" އިންޖާބު ދެވަނަ ސުވާލެއް އަމާޒުކޮށްލިއެވެ. އެއާއެކު ޖުންދީ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ކަލޭމެންގެ ގޮތެއް އަހަންނަކަށް ނޭނގެ. އުސޫލުތަކެއް ވެސް ނޭނގެ. ކަލޭ ތިކުރީ އަހަރެމެންގެ ތެރޭގައި ހަރުކަށި އަދަބު ކަނޑައެޅިފައިވާ ކުށެއް. އެކަމަށް އަހަރެން ކަލޭއަށް އަދަބު ދޭނަން. އެއީ ކަލޭ އެހީތެރިވީ އަހަރެމެންގެ ތެރެއިން މީހަކަށް ކަމުގައިވާތީ." އިންޖާބު ގޮތެއް ނިންމިއެވެ.

"ނޫން. ނޫން.... އަހަރެން މިނިވަންކޮށްދީ... އަހަންނަށް ތިހެން ނަހަދާ..." ޖުންދީ އާދޭސްކުރަން ފެށިއެވެ.

"ކުށްކުރިއިރު މިހެން ވެދާނެކަމަށް ވިސްނައިލި ނަމަ މި އަނިޔާއެއް ކަލޭއަކަށް ނުލިބުނީސް..." އިންޖާބު ބުނެލިއެވެ.

"ހެޔޮނުވާނެ. އަހަރެން ދޫކޮށްލާ. އަހަރެން ދެން ދުވަހަކުވެސް މި ޝަހަރަކަށް ނާންނާނަން. އަހަރެން މިނިވަންކޮށްދީ..." ޖުންދީ ބުނަމުން ދިޔައެވެ. "އަހަންނަކީ މި ޝަހަރުގެ މީހެއް ނޫން. އަހަންނަށް އަދަބު ދީ އަނިޔާކުރުމަކީ ރަނގަޅު ގޮތަކަށް ނުވާނެ. އަހަރެންގެ މީހުންނަށް އަހަރެން ހައްޔަރުކުރިކަމާއި އަނިޔާދިންކަން އެނގުމުން ބޮޑު ހަނގުރާމައެއް ފެށުން ވެސް އެކަށީގެންވޭ. ދެބައި މީހުން ދެމެދު ނުތަނަވަސްކަން އުފެދުން ނޫންކަމެއް ނުވާނެ!" ޖުންދީ ވާހަކަ ދެއްކިއެވެ. އެ ހިސާބުގަނޑުގެ ޖިންނީންނަކީ އިންޖާބާ މާ ގާތް ގުޅުމެއް އޮންނަ ބައެއް ނޫނެވެ. އެހެންކަމުން ޖުންދީ ބުނި ވާހަކައާ މެދު ވިސްނައިލަން އިންޖާބަށް މަޖުބޫރުވިއެވެ.

"އޭނަ ގެންދޭ. އަހަރެން ވަކި ގޮތެއް ނިންމަންދެން ހައްޔަރުކޮށްފަ ބަހައްޓާ!" އިންޖާބު އަމުރުކުރިއެވެ. އެއާއެކު ޖުންދީއަށް ކުޑަ ނަމަވެސް ތަސައްލީ އެއް ލިބިގެން ދިޔައެވެ. ޖުންދީ އެތަނުން ގެންދިޔުމާއެކު، އެތަނުގައި ތިބި ސިފައިންނަށް އިންޖާބު އަމުރުކުރީ އެތަނުން ދިޔުމަށެވެ. އޭނަ ބޭނުންވީ ނަމީރާ އެކަނި ވާހަކަ ދައްކާށެވެ. ސިފައިންތައް ނުކުމެގެން ދާން ފެށުމުން ކުއްލިއަކަށް އިންޖާބު އެމީހުން ހުއްޓުވިއެވެ. އަދި އެ އިން އެއްވެސް ވާހަކައެއް ބިންގަރާހުން ބޭރުވެެއްޖެނަމަ އެކަން ކުރި މީހަކަށް ހަރުކަށި އަދަބު ދޭނެކަމަށް ބުނެ އިންޒާރު ދިނެވެ. އެނަ ބޭނުންވީ ނަމީރުގެ ކުށް ސިއްރުކުރާށެވެ. ނަމީރުގެ ސަބަބުން، އޭނަގެ އަގު ވެއްޓޭކަށް އިންޖާބު ބޭނުމެއް ނޫނެވެ. އެންމެން ނުކުމެ ތަން ހިމޭންވުމުން އިންޖާބު ނަމީރާ ކުރިމަތިލިއެވެ. ތަނުގައިވަނީ ފާރުގައި ހަރުކޮށްފައިވާ ލަކުނޑި ގަނޑުން އަރަމުން ދިޔަ އަލިފާނުގެ އޮރެންޖު އަލިކަމެވެ.

"ކީކޭ ހިތަށް އަރައިގެން ތި ފަދަ ކަމެއްގެ ތެރެއަށް ތިވަނީ؟" އިންޖާބު ބުނެލި އެވެ.

"ބައްޕާ އަޅުގަނޑު..." ނަމީރު ވާހަކަ ދައްކަން އުޅުނެވެ. އެހެންނަމަވެސް އަރުތެރެ ބެދިފައިވުމުން އުނދަގޫވިއެވެ.

"ރައާބިލް ކޮބާ؟" އިންޖާބު ދެވަނަ ސުވާލެއް ނަމީރާ ސުވާލުކޮށްލިއެވެ.

"ނޭނ... ނޭނގެ!" ނަމީރު ބުނެލިއެވެ.

"އެނގޭނެ. އެހެން ނޫންނަމަ ޖުންދީ ކައިރިއަކަށް ނަމީރެއް ނުދިޔައީސް." އިންޖާބަށް ބުނެވުނީ އެވަރަށެވެ. ފަހަތުން އިވުނު އަޑާއެކު ދެން ފެނުނީ އެ ދިމާލަށް އަންނަމުން ދިޔަ ބަތީލާއާއި ޝައިސްތާއެވެ.

އެ ދެމީހުން އައިސް ކައިރިއަށް ހުއްޓުނެވެ.

"ނަމީރު. ދަރިފުޅު ކީއް ތި ކުރީ؟" ބަތީލާއަށް ބުނެވުނެވެ.

"ނަމީރު..." ޝައިސްތާއަށް ހަމަ އެކަނި ނަމީރަށް ގޮވައިލެވުނީއެވެ.

"ރައާބިލް ވީތަނެއް ބުނަންދެން ނަމީރު ހުންނާނީ މިތަނުގަ." އިންޖާބު ގޮތެއް ނިންމިއެވެ. "އެކަކުވެސް ނަމީރާ ބައްދަލުކޮށްގެން ނުވާނެ. "

"އެކަމަކު އިންޖާބު..." ބަތީލާ ދެކޮޅު ހަދަން އުޅުނު ނަމަވެސް، އިންޖާބު ރުޅިވެރިކަމާއެކު ބަލައިލުމުން އޭނަ ހިމޭންވިއެވެ. ނަމީރު ކުރީ ކުށެއްކަން އޭނައަށް އެނގެއެވެ. ނަމީރު ހިމާޔަތްކުރަން ބުނާނެ އެއްޗެއް ނޭނގި ބަތީލާ ހިމޭންވި ސަަބަބަކީ އެއީއެވެ. ރޮވިފައި ހުރި ޝައިސްތާއަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ.

"ހިނގާ ދާން." ސިފައިންނަށް ގޮވާލާފައި ނަމީރު އެތަނުގައި ހައްޔަރުކޮށްފަައި ބަހައްޓަން އަމުރު ކޮށްފައި އިންޖާބު ބަތީލާއާއި ޝައިސްތާއަށް ބަލައިލީ އޭނައާއެކު އަންނާށޭ ބުނާފަދައަކުންނެވެ. އެކަމާ އިންޖާބާ ޖަދަލު ކުރާނެ ހިތްވަރެއް އެކަކަށްވެސް ނުލިބުނެވެ. ނުކުތުމުގެ ކުރިން ޝައިސްތާ ނަމީރަށް ބަލައިލުމަށްފަހު، ކަރުނަތައް ފުހެލިއެވެ.

*****

ޝަހަރުގައި ހިނގައި ދިޔަ އެއްވެސް ކަމެއްގެ ހިލަމެއް ނުވާ ރައާބިލް ހުރީ ރަށެއްގެ ރީތި ގޮނޑުދޮށުގައެވެ. ހިމުން ދޮންވެލި ތުނޑިމަތީގައި ހުރިއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ދުރު ދުރަށް ދާންދެން ފެތުރިފައި އޮތް ކަނޑުގެ ސަތަހައަށެވެ. ކައިރީގައި ހުރި ރަށްތަކުގެ މަލަމަތި ވެސް ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔައެވެ. ރައާބިލް އިންތިޒާރުކުރަމުން ދިޔައީ ނަމީރު އަންނާނެ އިރަކަށެވެ. އިރުއިރުކޮޅަކާ ވަށައިގެން ބަލައިލެވެއެވެ. އެތަކެއް އިރެއް ވީއިރުވެސް ނަމީރެެއް ނަޔެވެ. އެންމެފަހުން ކެތްނުކުރެވުމާއެކު، ރައާބިލް ގަސްތުކުރީ، ޝަހަރަށް ދިޔުމަށެވެ. އޭނާއަކަށް ވަގުތެއް ނެތެވެ. ފައުޒީ އޭނަގެ މަސައްކަތް ފަށައިފިއެވެ. އަނެއްކޮޅުން އިންޖާބުމެންގެ ނުރައްކާވެސް އެބަ އޮތެވެ. ހުރިހާ ކަމެއް ބޮއްސުން ލުމުގެ ކުރިން ސަމްރާއާއި އޭނާގެ ދަރިފުޅުގެ ރައްކާތެރިކަން ކަށަވަރު ކުރަން އެބަ ޖެހެއެވެ.

ރައާބިލް ތުނޑިމަތީގައި ދުއްވައިގަތްހެން ހީނުވެ ދެން ފެނުނީ ވައިގެ ތެރޭގައި އުދުހިގެން ގޮސް ގެއްލުނު ތަނެވެ.

ޝަހަރުގެ ގަސްބޯ ޖަންގައްޔަށް ރައާބިލް ތިރިކޮށްލީ ފަރުވާތެރިވެ ހުރެއެވެ. އޭނާ ޖުންދީ އުޅޭ ނިކަ ގަހާ ކައިރިވީ ވަރަކަށް އެ ހިސާބުގަނޑުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންގެ އަޑު ކަންފަތުގައި ޖެހުނެވެ. އެމީހުން ޖުންދީ ހައްޔަރުކުރިކަން ރައާބިލްއަށް އެނގުނީވެސް އެހާ ހިސާބުންނެވެ. ފިލައިގެން ހުރި ރައާބިލް އެ ވާހަކަތައް އަޑު އަހަން ހުރިއިރު ނަމީރުގެ އެއްވެސް ވާހަކައެއް އެމީހުން ނުދައްކައެވެ.

ރައާބިލް ދެން ގަސްތުކުރީ ނަމީރު ހޯދުމަށެވެ. ވީގޮތެއް ރަނގަޅަށް އެނގޭނީ އޭރުންނެވެ. ރަށު ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ އިންޖާބުގެ ސިފައިންނާއި ގަނޑުވަރުގެ ފާރަވެރިންގެ ސަބަބުން ތަންތަން ހޯދުމަކީ ރައާބިލްއަށް ފަސޭހަކަމަކަށް ނުވިއެވެ. އެންމެފަހުން މާޔޫސްކަމާއެކު އޭނަ އެތަނުން ދިޔައީ ނަމީރާ މެދު ވެސް ޝަކުވާ އުފެދިފައިވާ ޙާލުގައެވެ. ނަމީރަށް ކަމެއް ވީކަމުގައި ސިކުނޑި ބުނެލި ނަމަވެސް، އެކަން ޤަބޫލުކުރަން އޭނަގެ ހިތް ދެކޮޅު ހަދަމުންދިޔައެވެ.

ސަމްރާގެ ގާތަށް ދިޔުމުގެ ކުރިން ސަމްރާއާއި، ދަރިފުޅުގެ ހިމާޔަތަށް ކޮންމެވެސް ކަހަލަ ކަމެއް ކުރެވޭތޯ، ރައާބިލް މަސައްކަތްކުރި ނަމަވެސް އޭނައަށް އެކަމުގައި ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ. އެންމެފަހުން އޭނަ ސަމްރާ ގާތަށް ދިޔައީ މާޔޫސްކަމާ އެކުގައެވެ.

ރައާބިލް ފެނުމާއެކު ކޮޓަރީގެ އެނދުމަތީގައި އިން ސަމްރާ ފުންމައިގެން ތެދުވިއެވެ. ހާސްކަމާއެކު، ގޮސް އޭނަ ރައާބިލްގެ ކައިރީގައި ހުއްޓުނެވެ. އެރޭ ދެ ނަމާދު ދޭތެރޭގައި އެގެއަށް އެބުނާ ފައުޒީއެއް އަންނާނެއެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން ސަމްރާއަށް ވަނީ، އޭނާގެ މައިންބަފައިން ދެއްކި ވާހަކަތައް އަޑު އިވިފައެވެ.

"ރައާބިލް... އެބުނާ މީހަކު މިރޭ އެބަ އާދޭ... އަހަރެމެން ދެން ކިހިނެއް ހަދާނީ؟ އޭނަ ރައާބިލް މަރާލަފާނެ. އަހަރެމެން ދެމީހުން ވަކިކޮށްލާނެ. މަންމަމެން ވެސް އަހަރެންގެ ވާހަކައެއް ޤަބޫލެއް ނުކުރާނެ. އެމީހުން ހީކުރަނީ އަހަރެން ހުރީ މޮޔަވެފައިކަމަށް." ހާސްވެގެން ސަމްރާ ތެޅި ފޮޅެނީއެވެ. ހިތުގެ ހިނގުން ބާރުވެފައިވާ ހާލު ރައާބިލްއާ ބަނޑުގައިވާ ދަރިފުޅާ މެދު އޭނަ ވަނީ ނުހަނު ބޮޑަށް ނުތަނަވަސްވެފައެވެ.

"ސަމްރާ ހަމަޖެހޭ. އޭނަ އަކަށް އެހާ ފަސޭހައެއް ނުވާނެ އަހަންނާ ކުޅޭކަށެއް. އޭނަ އަކީ ބޮޑު ސިހުރުވެރިއެއް. ސިހުރުވެރިން އެމީހުންގެ ބާރުވެރިކަން ކިތަންމެ ދެއްކި ނަމަވެސް ހަޤީޤަތަކީ އެމީހުންނަށް ހުރިހާކަމެއް ކުރުމަށް އެހީތެރިވަނީ އެމީހުންގެ ކައިރީގައި އުޅޭ ޖިންނީންކަން." ރައާބިލް ސަމްރާގެ ހިތް ހަމަ ޖައްސައިލަދޭން މަސައްކަތްކުރި ނަމަވެސް، ކަންބޮޑުވެފައިވާ ސަމްރާއަށް ހަމަޖެހުންވީ ދަތިކަމަކަށެވެ.

"އަހަރެމެންގެ ދަރިފުޅު... އެމީހުން އެ ކުއްޖާއަށް ވެސް ގޮތެއް ހަދާފާނެ." ސަމްރާއަށް ބުނެވުނެވެ.

"ސަމްރާ. ހަމަޖެހިލާފަ އަހަރެން ދައްކާ ވާހަކަ އަޑު އަހާ..." އެހެން ބުނެލުމަށްފަހު، ރައާބިލް އޭނާގެ އުނަގަނޑުގައި އަޅުވާފައި އޮތް ދަބަހުން ކޮންމެވެސް އެއްޗެއް ނެގިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު