ރަޝިޔާގައި އުފައްދައި ޓެސްޓުކުރަމުން އައި ކެންސަރު ވެކްސިން، އެންޓެރޮމިކްސް، ކްލިނިކަލް ޓްރަޔަލްތަކުގައި 100 ޕަސެންޓް ކާމިޔާބު ކަމަށް އެ ގައުމުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އިއުލާނުކޮށްފައެވެ.
ރަޝިޔާގެ ނޫސް އެޖެންސީ، ޓާސްއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން, ރަޝިޔާގެ ފެޑެރަލް މެޑިކަލްބަޔޮލޮޖިކަލް އެޖެންސީ (އެފްއެމްބީއޭ)ގެ ވެރިޔާ ވެރޮނިކާ ސްކްވޯޓްސޯވާ މިކަން އިއުލާން ކުރެއްވީ ހޮނިހިރު ދުވަހު ވްލަޑިވޮސްޓޮކްގައި ބޭއްވި އިރުމަތީ އިކޮނޮމިކް ފޯރަމް (އީއީއެފް) ގައެވެ.
"ވެކްސިން މިހާރު ވަނީ ބޭނުން ކުރަން ތައްޔާރުވެފައި. އަޅުގަނޑުމެން މިތިބީ ރަސްމީ ރުހުން ހޯދުމަށް އިންތިޒާރުގައި." ސްކްވޯޓްސޯވާ ވިދާޅުވިއެވެ.
ސްކްވޯރޓްސޯވާ ފާހަގަކުރެއްވި ގޮތުގައި ޕްރީކްލިނިކަލް ނަތީޖާތަކުން ދައްކާ ގޮތުގައި ތަކުރާރުކޮށް ވެކްސިން ދިނުމުން ވެސް ވެކްސިންގެ ރައްކާތެރިކަން ކަށަވަރުވެ، އޭގެ ފައިދާ ބޮޑުކަން ވަނީ ކަށަވަރުވެފައެވެ.
ދިރާސާކުރާ ފަރާތްތަކުން ވަނީ ބަލީގެ ސިފަތަކަށް ބަލާއިރު ޓިއުމަރުގެ ސައިޒު ދަށްވެ، ޓިއުމަރުގެ ކުރިއެރުން 60 ޕަސެންޓާއި 80 ޕަސެންޓާ ދެމެދުގެ މިންވަރަކަށް މަޑުޖެހިފައިވާކަން ފާހަގަކޮށްފައެވެ.
ކޮވިޑްގެ ވެކްސިނާ އެއްގޮތަށް އުފެއްދި މި ވެކްސިންގެ ފުރަތަމަ ބާވަތް ބޭނުންކުރާނީ ކޮލޮރެކްޓަލް ކެންސަރުގެ ބަލި މީހުންނަށެވެ. އަދި އަނެއް ބެޗް، ސިކުނޑީގެ ނުރައްކާތެރި އަދި އާންމު ކެންސަރެއް ކަމަށްވާ ގްލިއޯބްލާސްޓޯމާ އާއި ހަމުގެ ކެންސަރުތަކާ ދެކޮޅަށް ބޭނުންކުރާނެ ކަމަށް ޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް ވެކްސިންގެ ރައްކާތެރިކަމާ ކާމިޔާބީއާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.
އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ކްލިނިޝަން ސައިންޓިސްޓެއް އަދި ކޮންސަލްޓަންޓް މެޑިކަލް އޮންކޮލޮޖިސްޓެއް ކަމަށްވާ ޑޭވިޑް ޖޭމްސް ޕިނާޓޯއާ ވިދާޅުވި ގޮތުގައި އާންމު ކުރަމުންދާ ޑޭޓާގެ ފެންވަރާ މެދު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ސައިންޓިފިކް ނަޒަރަކުން ބަލާއިރު ވެކްސިން އޮތީ ތަރައްގީގެ ކޮން މަރުހަލާއެއްގައިކަން ސާފު ނުވުމެވެ.
ޕިނާޓޯ ވިދާޅުވީ ޕްރީކްލިނިކަލް ޓެސްޓިންގެ މާނައަކީ އާންމުކޮށް ޖަނަވާރުތައް ބޭނުންކޮށްގެން ޓެސްޓް ކުރުން ކަމަށެވެ. އަދި ފުރިހަމަ ނަތީޖާއެއް ކަށަވަރު ކުރުމަށް އިންސާނުން ބޭނުންކޮށްގެން އިތުރު ޓެސްޓު ކުރަންޖެހޭ ކަމަށް ޕިނާޓޯ ވިދާޅުވިއެވެ.
"ވެކްސިން ކާމިޔާބުތޯ ބެލުމަށް ޖަނަވާރުތައް ބޭނުންކޮށް 100 ޕަސެންޓް ފައިދާ ލިބިފައިވީ ނަމަވެސް އެއީ އެއްވެސް މާނައެއް ނެތް ކަމެއް. އެއީ ވަރަށް ގިނަ ފަހަރަށް މި ވެކްސިންތަކަށް ކްލިނިކަލް ޓްރައިލްތަކުގައި ބޭނުންކުރާ ރޮޑެންޓްސް އާއި އެހެނިހެން ޖަނަވާރުތަކުގެ ދިފާއީ ނިޒާމު އިންސާނާގެ ދިފާއީ ނިޒާމު ނުވަތަ ކެންސަރުގެ ޖީނޯމްގެ ނަކަލު ނުކުރެވޭތީ." އޭނާ ވިދާޅުވިއެވެ.
ބައެއް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުގައި ވެކްސިން ފޭސް 1 ޓެސްޓް ކޮށްފައިވާ ކަމަށް ބުނި ނަމަވެސް އެއީ އިންސާނުން ބޭނުންކޮށްގެން ވެކްސިން ކާމިޔާބުތޯ ބެލުން ނޫން ކަމަށެވެ. އެއީ ވެކްސިނަކީ ރައްކާތެރި އެއްޗެއްތޯ ބަލަން ހަދާ ޓެސްޓެއްކަންވެސް ޕިނާޓޯ ފާހަގަކުރެއްވިއެވެ.
"ކޮންމެ ގޮތެއްވިޔަސް މިއީ ޕްރީކްލިނިކަލް ނުވަތަ ކްލިނިކަލް ޓެސްޓިންގެ ކުރީކޮޅު. އެހެންވެ ހަގީގަތުގައި ގޭމް ޗޭންޖަރެއް ކަމަށް ބުނަން އަދި ދަތި." އޭނާ ވިދާޅުވިއެވެ.
ވެކްސިން ޓެސްޓް ކުރިތާ ވީ މުއްދަތާއި، ނަތީޖާ ހުށަހަޅާފައިވަނީ ކޮންތަނަކަށްތޯއާއި ނަތީޖާގެ އެއްވެސް ވަރެއްގެ ރިވިއުއެއް ކުރެވިފައިވޭތޯއާއި ވެކްސިނާބެހޭ މިފަދަ މައުލޫމާތު ނެތްކަންވެސް ޕިނާޓޯ ވަނީ ފާހަގަ ކުރައްވާފައެވެ.