ބ. ދޮންފަނު ބިން ހިއްކައިފި ނަމަ ހަނިފަރު ބޭއަށް ގެއްލުންވާނެތީ، އެ ތަނުގެ ހިމާޔަތުގައި އެތައް ހާސް ބަޔަކު ތެދުވުމުން ބިން ނުހިއްކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމެވުމުން, އެކަމާ ދެކޮޅަށް ދޮންފަނުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާގޮތުން 400 އެއްހާ މީހުން ދިރިއުޅޭ, ދޮންފަނު ހިއްކަން އެމްޓީސީސީއާ ހަވާލުކުރުމަށް ފަހު އެކަން ނުކުރައްވަން ރައީސް މިއަދު ނިންމެވީ އެކަން ކޮށްފިނަމަ އެ ރަށް ކައިރި އޮންނަ, ގުދުރަތީ ގޮތުން ވަރަށް މުއްސަދިކަން ލިބިފައިވާ, އަދި ޓޫރިސްޓުންގެ ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވާ, ހަނިފަރު ބޭއަށް ލިބޭނެ ގެއްލުންތަކާ ގުޅިގެން އެތައް ހާސް ބަޔަކު ކަންބޮޑުވުން ފާޅު ކުރުމާ ގުޅިގެންނެވެ.
ރައީސް އެ ނިންމުން ނިންމެވިކަން ހާމަކުރެއްވި ފަހުން ދޮންފަނު ކައުންސިލް އިދާރާ ކުރިމައްޗަށް އެ ރަށުގެ ބައެއް ރައްޔިތުން އެއްވެ ވަނީ މުޒާހަރާ ކޮށްފައެވެ. އެ މީހުން ގޮވާލީ ބިންހިއްކުން ކުރިއަށް ގެންދިއުމަށެވެ.
މިކަމާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ދޮންފަނު ކައުންސިލް މެންބަރު އަބްދުﷲ އަހްސަން ވިދާޅުވީ، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދަވާނެކަން ރައީސް އިއުލާނުކުރެއްވީ ކައުންސިލާ ވެސް، ރައްޔިތުންނާ ވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.
"މި ރަށުގެ ރައްޔިތުން ބޭނުންވަނީ ބިން ހިއްކަން. ރަށުގެ ރަޖިސްޓްރީގައި މި ވަގުތު 630 މީހުން އެބަތިބި. އެންމެ ފަހުން ގޯއްޗަށް ހުޅުވާލުމުން ވެސް ގިނަ ބަޔަކު ކުރިމަތިލި. އެކަމަކު، ގޯތި ދޭނެ ޖާގައެއް ނެތް،" އަހްސަން ވިދާޅުވިއެވެ.
ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ، ހަނިފަރު ބޭއަށް ގެއްލުން ވެދާނެތީ ފާޅުކުރާ ކަންބޮޑުވުންތައް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ހަމަ އެ ރަށް ކައިރި އޮންނަ ދަރަވަންދޫ އެއާޕޯޓު ބޮޑުކުރަން ބިން ހިއްކިިއިރު ވެސް ހަމަ ހުރިހާ ކިސަޑުތަކާއި ނުސާފުކަމެއް ހަނިފަރު ބޭއަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ދުވަސްވަރު އެ ތަނުގެ އަޑި ނުފެނޭ ކިލަނބުކަމުން. އެހެންވީމާ މި ރަށު ބިން ހިއްކަން ވީމާ އެ މައްސަލަ ޖައްސަނީ ކޮން ބޭނުމަކުތޯ ސުވާލު އުފެދޭ," އަހްސަން ވިދާޅުވިއެވެ.
އެހާ ކުޑަ އާބާދީއެއް އޮތް ރަށެއް, ތިމާވެއްޓަށް ބޮޑު ގެއްލުމެއްދީ ހިއްކުމުގެ ބަދަލުގައި އެެހެން ރަށަކަށް ބަދަލުވުމާ މެދު ރައްޔިތުންނާއި ކައުންސިލްގެ ވިސްނުމަކީ ކޮބާތޯ ސުވާލުކުރުމުން އަހްސަން ވިދާޅުވީ، އެއް ފަސްކުރުމަކީ ކައުންސިލުން އަބަދު ވެސް ތާއީދުކުރާ ކަމެއް ކަމަށެވެ.
"އެއީ ޚަރަދު ކުޑަވެފައި، ފައިސާ ސަލާމަތް ވާނެ ވެސް ކަމެއް. އެކަމު ރަށުގެ ބިން ހިއްކަން ބޭނުންވަނީ މި ސަރަހައްދަކީ ޓޫރިޒަމް އޮތް ސަރަހައްދަކަށްވުމުން، ގެސްޓުހައުސް ފަދަ ތަންތަން އަޅަން ބޮޑެތި ބިން ވެސް ދޫކުރަން ބޭނުންވާތީ. އޭރަށް ރަށަށް ލިބޭ ފައިސާ ގިނަވެ، ރައްޔިތުންނަށް ކުރިއެރުން ލިބޭނެ," އަހްސަން ވިދާޅުވިއެވެ.
ދޮންފަނު ހިއްކުން ހުއްޓާލި ނަމަވެސް އެ ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިއަދު ވިދާޅުވިއެވެ.