ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓު އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ފުލުހުން މިއަދު ހެނދުނު ވަނީ މަސްތުވާތަކެތި ހުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެންކަމަށާއި، ނަމަވެސް އެފަދަ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިއަދު ހެނދުނު ފުލުހުން ބުނި ގޮތުގައި އެ ތަނުގައި ވަނީ ޑްރަގް އެންފޯސްމަންޓް އޮޕަރޭޝަން ޓީމެއް ހަރަކާތްތެރިވެފައެވެ.
"ސަން"އާ ވާހަކަދައްކަވަމުން އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވީ އެ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ތަނުން ވަކި އެއްޗެއް ހޯދަން ހިންގަމުން އަންނަ އޮޕަރޭޝަނެއް ކަމަށެވެ. އޭރު އެއީ ކޮން އެއްޗެއް ކަމެއް ހާމައެއް ނުކުރައްވައެވެ.
"ޕޮލިސް އަޅުގަނޑުމެންނަށް ޝައްކުކުރެވޭ ވަކި އައިޓަމެއް ހޯދުމަށް ޓަކައި މި ހިންގީ ހާއްސަ އޮޕަރޭޝަނެއް. މި އޮޕަރޭޝަންގައި މުޅި ރިހެބިލިޓޭޝަން ސެންޓަރުގެ ހުރިހާ ތަނެއް ބަލައި ޗެކްކުރައްވާނެ،" ލުބްނާ ވިދާޅުވިއެވެ.
ނަމަވެސް ފަހުން ފުލުހުން ބުނީ، ބަލައިފާސްކުރަން ހިންގި އެ އޮޕަރޭޝަނުގައި އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި އެ ސެންޓަރުން ފެނިފައިނުވާ ކަމަށެވެ.
https://x.com/HomeMinistrymv/status/1965337573406228864
މި އޮޕަރޭޝަނާ ގުޅިގެން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ނެރުނު ބަޔާނެއްގައި ވަނީ އެ އެޖެންސީން މަސްތުވާތަކެއްޗާ ގުޅޭ ކަންކަމުގައި އަބަދުވެސް ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަމަށެވެ.
އަދި މިފަދަ އޮޕަރޭޝަންތަކަކީ، ފަރުވާ ހޯދާ މީހުން ތިބޭ ސެންޓަރުތަކަކީ މަސްތުވާތަކެއްޗާއި، އެހެނިހެން މަނާ ތަކެތި ނެތް ރައްކާތެރި ތަންތަންކަން ކަށަވަރުކުރަން ހިންގާ އޮޕަރޭޝަންތަކެއް ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ފަދަ އޮޕަރޭޝަންތައް ހިންގާނެކަމަށް އެޖެންސީން ބުންޏެވެ.