ރާއްޖެއަށް ބޭސް އެތެރެކުރަން ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި، އާ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސް އެެތެރެކުރަން ސަރުކާރުން ވަކި ކުންފުންޏެއް ހަދަން ނިންމައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

އެއާއެކު، އާ ކުންފުނި އުފެއްދެވިކަން މިއަދު ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ރައީސް އޮފީހުން ބުނީ މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމަށް އުފައްދަވައިފައިވާ ކުންފުންޏެއް ކަމަށެވެ.

މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ކުންފުނި އުފެއްދިއިރު، މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފައެވެ.

https://sun.mv/208370

އާ ކުންފުންޏެއް އުފެއްދިއިރު، މިކަމުގެ ކަންބޮޑުވުން މީގެ ކުރިން އެކި މީހުން ފާޅުކޮށްފައިވެއެވެ. އެގޮތުން ބޭސް ހޯދަން ލުއިފަސޭހަ ކުރަންކަމަށް ބުނެ ދައުލަތުން އާ ކުންފުންޏެއް އުފެއްދުމުން، އެ ކަން ވާނީ އިތުރު ބޮޑު ޚަރަދަަކަށް ކަމަށާއި، ލިބޭނީ ވެސް އިތުރު އުނދަގޫކަމަށް ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު ވަނީ ވިދާޅުވެފައެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި، އެކަމަށް ފާޑު ވިދާޅުވަމުން އަމްރު ވިދާޅުވީ ރައްޔިތުންނަށް ބޭސް ލިބުން ދަތިވެފައިވަނީ އެއްވެސް ކުންފުންޏެއްގެ މައްސަލައަކާ ހެދި ނޫން ކަމަށެވެ. އަދި ކުއްލިއަކަށް ކަންކަން ނިންމަނީ އެއްވެސް ސިޔާސަތެއް، ދުރު ވިސްނުމެއް ނެތިކަމަށް އަމްރު ވިދާޅުވިއެވެ. އެހެންވެ، އެކި ނަންނަމުގައި ކުންފުނިތައް އުފެއްދުން މި ސަރުކާރުގައި އާންމުވެއްޖެ ކަމަށެވެ.

އަމްރު ވިދާޅުވީ ބޭސް އެތެރެކުރުމަކީ އެސްޓީއޯއާއި، އަމިއްލަ ވިޔަފާރިތަކުން ޒަމާނުއްސުރެ ކުރަމުން އަންނަކަމެއް ކަމަށެވެ. އެހެން އެ ކަން އޮއްވައި، އާ ކުންފުންޏެއް ހަދައިގެން ވާނީ އިތުރަށް އުނދަގޫ ކަމަށް އަމްރު ވިދާޅުވިއެވެ.

އެއީ، އަމިއްލަ ކުންފުނިތަކާއި، އެސްޓީއޯއިން ވެސް ބޭސް އުފައްދާ ކުންފުނިތަކާއެކު ހުންނަނީ ދިގު މުއްދަތަށް އެއްބަސްވުންތައް ހަަދައިފައި ކަމަށާއި، އާ ކުންފުންޏެއް އައުމުން އެ ކުންފުންޏަށް ބޭސް ހޯދަން ދުވަސް ނަގާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އާ ކުންފުންޏެއް އުފެއްދުމަކީ އިތުރު ބޮޑު ޚަރަދެއް ހިނގާނެ ކަންތައް ކަމަށެވެ. އެގޮތުން އެތަނަށް މެނޭޖިން ޑިރެކްޓަރަކާއި، އިތުރު ވެރިންނާއި، މުވައްޒަފުންނާއި، އޮފީސް ހަމަޖައްސާށާއި އެހެނިހެން ޚަރަދުތަކަށް އިތުރު ފައިސާއެއް ނޫނީ ނުހިނގާނެކަމަށް އަމްރު ވިދާޅުވިއެވެ

comment ކޮމެންޓް