މިޔަންމާ، ކެމްބޯޑިއާ ސައިބާ ސްކޭމް ނެޓްވޯކްތަކަށް އެމެރިކާއިން ފިޔަވަޅުއަޅައިފި

މި ނެޓްވޯކްތަކަކީ ޗައިނާގެ ކުންފުނިތަކުން ހިންގާ ތަންތަން ކަމަށް އެމެރިކާޢިން ތުހުމަތު ކުރޭ --- ފޮޓޯ: ރޮއިޓާސް

މިޔަންމާ އަދި ކެމްބޯޑިއާގައި ހިންގާ ބިލިއަން ޑޮލަރުގެ ސައިބާ ސްކޭމް ނެޓްވޯކްތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް މިއަދު އަޅައިފިއެވެ.

މި ސްކޭމްތަކުގެ ސަބަބުން މިދިޔަ އަހަރު އެމެރިކާގެ ރައްޔިތުންގެ އެތައް ބިލިއަން ޑޮލަރެއް ވަގަށް ނަގާފައިވާ ކަމަށް އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ބުނެއެވެ.

ކްރިމިނަލް ނެޓްވޯކްތަކުން ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ސްކޭމް ކޮމްޕައުންޑްތަކަށް، ޚާއްސަކޮށް ތައިލެންޑް-މިޔަންމާ ބޯޑަރު ސަރަހައްދުތަކަށް، އެތައް ލައްކަ ބަޔަކު ޓްރެފިކްކޮށްފައެވެ. މި މީހުންނަށް މަޖުބޫރުކޮށްފައިވަނީ ދަރަނީގެ އަޅުވެތިކަމުގައި އުޅެ، އޮންލައިންކޮށް ނޭނގޭ މީހުންނަށް މަކަރާ ހީލަތް ހަދައި ފައިސާ ހޯދުމަށެވެ.

"ދެކުނު އިރުމަތީ އޭޝިއާގެ ސައިބާ ސްކޭމް އިންޑަސްޓްރީގެ ނުރައްކާ އޮތީ ހަމައެކަނި އެމެރިކާގެ ރައްޔިތުންގެ މާލީ ސަލާމަތަށް އެކަންޏެއްނޫން، މިއީ އެތައް ހާސް ބަޔަކު އަޅުވެތިކަމުގެ ތެރެއަށް ވައްދާ ކަމެއް." އެމެރިކާގެ ޓްރެޒަރީގެ ޓެރަރިޒަމް އަދި ފައިނޭންޝިއަލް އިންޓެލިޖެންސް ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި އަންޑާ ސެކްރެޓަރީ ޖޯން ކޭ. ހާލީ ވިދާޅުވިއެވެ.

މި ސްކޭމްތަކުގެ ތެރޭގައި މަނީ ލޯންޑަރިންއާއި، ގަވާއިދާ ޚިލާފު އޮންލައިން ޖުވާއާއި، އަދި މަކަރާ ހީލަތް ހަދައިގެން އިންވެސްޓްމަންޓް ކުރުވުން ހިމެނެއެވެ. މި ސްކޭމްތައް ހިންގާ ފަރާތްތަކަކީ ގިނަ ފަހަރަށް ބިދޭސީންނެވެ. މި މީހުންނަކީ ސްކޭމް ކޮމްޕައުންޑްތަކުގައި މަސައްކަތް ކުރުމަށް މަޖުބޫރުކޮށްފައިވާ ބަޔެކެވެ.

ދަތިކުރުމުގެ ފިޔަވަޅު އެޅުނު ފަރާތްތަކުގެ ތެރޭގައި މިޔަންމާގެ ތައި ބޯޑަރުގައިވާ ކަރެން ސްޓޭޓްގެ ޝްވޭ ކޮކޯގައި ހަރަކާތްތެރިވާ ނުވަ ކުންފުންޏަކާއި ފަރުދުން ހިމެނެއެވެ. މިތަނުގެ އޮޕަރޭޓަރުން ވަނީ މަކަރާ ހީލަތް ހަދައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސް، އެމީހުންނަށް އަނިޔާކޮށް، އޮންލައިން މަކަރާ ހީލަތް ހެދުމަށް މަޖުބޫރުކޮށްފައެވެ. މިކަމުގައި ދަރަނީގެ އަޅުވެތިކަމާއި، އަނިޔާ، އަދި ޖިންސީ އަޅުވެތިކަމުގެ ބިރު ދެއްކުން ހިމެނެއެވެ.

އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ވަނީ ކެމްބޯޑިއާގައި ހަރަކާތްތެރިވާ 10 ފަރާތަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މިތަންތަނަކީ ޗައިނާގެ ކްރިމިނަލް ނެޓްވޯކްތަކުން ހިންގާ ތަންތަން ކަމަށް އެމެރިކާޢިން ތުހުމަތު ކުރެއެވެ. މިތަންތަނުން މައިގަނޑު ގޮތެއްގައި ސަމާލުކަން ދީފައިވަނީ ޑިޖިޓަލް ކަރަންސީގެ މަކަރާ ހީލަތްތަކަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނާ ގޮތުގައި ކެމްބޯޑިއާގެ ބައެއް ކޮމްޕައުންޑްތައް ހުންނަނީ ޖަލުތަކާ އެއްގޮތަށެވެ. ނަމަވެސް ކެމްބޯޑިއާއިން މި ތުހުމަތުތައް ދޮގުކުރެއެވެ.

2021 ވަނަ އަހަރުގެ އަސްކަރީ އިންގިލާބަށް ފަހު މިޔަންމާގައި ސްކޭމް ސެންޓަރުތައް ވަރަށް ބޮޑަށް ފުޅާވެފައިވެއެވެ. މިތަންތަން ވަނީ މިލިޝިއާ ކޮންޓްރޯލް ކުރާ ސަރަހައްދުތަކުން ޖުންޓާ ކޮންޓްރޯލް ކުރާ ސަރަހައްދުތަކަށް ފެތުރިފައެވެ.

comment ކޮމެންޓް