އިސްރާއީލުގެ އަސްކަރިއްޔާއާއި ޑޮމެސްޓިކް ސެކިއުރިޓީ އެޖެންސީ ޝިން ބެޓްއާއި ގުޅިގެން އެ ގައުމުގެ ވައިގެ ސިފައިން, ގަތަރުގެ ވެރިރަށް ދޯހާގައި ތިބި ހަމާސްގެ އިސް އޮފިޝަލުންތަކެއް އަވާހަރަކޮށްލަން މަސައްކަތްކޮށްފައިވާ ކަމަށް އިސްރާއީލުން ކަށަވަރުކޮށްދީފިއެވެ.
އިސްރާއީލުން ބުނީ ހަމަލާ އަމާޒުކުރި، ހަމާސްގެ މެންބަރުންނަކީ އެ ޖަމާއަތުގެ ހަރަކާތްތަކުގައި އަހަރުތަކެއް ވަންދެން އިސްކޮށް ތިބި ބައެއް ކަމަށެވެ. އަދި ޓެރަރިސްޓު ޖަމާއަތް ބަލިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުން ބުންޏެވެ.
މި ހަމަލާ ދީފައި މިވަނީ އިސްރާއީލުގެ ސިފައިންގެ ވެރިޔާ، އީޔަލް ޒަމީރު ގައުމުން ބޭރުގައި ދިރިއުޅޭ ހަމާސްގެ ލީޑަރުން އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދެއްވިތާ ދުވަސްތަކެއް ފަހުންނެވެ. އަދި އެމެރިކާއިން ހުށަހެޅި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމެއް އިސްރާއީލުން ބަލައިގަތް ކަމަށް ޚާރިޖީ ވަޒީރު ގިޑިއަން ސާރު ވިދާޅުވިތާ ގަޑިއެއްހާއިރު ފަހުންނެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދޯހާގައި އިސްރާއީލުން ހަމަލާ އަމާޒުކުރި ތަނަކީ މީހުން ދިރިއުޅޭ އަވަށްތަކާ ކައިރި ސަރަހައްދެކެވެ.
އިސްރާއީލުގެ އެ ހަމަލާ ގަތަރުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހަމާސްގެ ސިޔާސީ ބިއުރޯގެ ބައެއް މެމްބަރުން ދިރިއުޅޭ އިމާރާތްތަކަށް ދިން ހަމަލާ އެގައުމުން "އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށެވެ.