ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދުމާއެކު، ހަތް އަހަރަށްފަހު ދިވެހި ފުޓުބޯޅައަށް އަނެއްކާވެސް ޓްރޮފީއެއް ލިބިއްޖެއެވެ.
ކުރިން ހަތަރު ގައުމުގެ މެދުގައި ކުޅެން ނިންމި ސައުތު އޭޝިއަން ސުޕަ ކަޕް އެންމެފަހުން ކުޅެން ޖެހުނީ ރާއްޖެއާ ލަންކާ އެކަންޏެވެ.
ރާއްޖެއަށް އެންމެ ފަހުން ބައިނަލްއަގްވާމީ ޓްރޮފީއެއް ލިބުނީ 2018 ވަނަ އަހަރުގައެވެ. އެއީ އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އޭގެފަހުން ދިވެހި ފުޓުބޯޅައަށް އައި ހީނަރުކަމާއެކު މިއީ ދިވެހި ފުޓުބޯޅައިގެ ރޫހު އާކުރަން ލިބުނު ރަނުގެ ފުރުސަތެކެވެ.

ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި ދެ ލެގަށް ކުޅުނު މުބާރާތުގެ ފުރަތަމަ ލެގުގައި މި މަހު ހަ ވަނަ ދުވަހު ރާއްޖޭން ވަނީ 3-0 އިން މޮޅުވެފައެވެ. ދެ ވަނަ ލެގުގައި މިރޭ ރާއްޖޭން ވަނީ 1-1 އިން ލަންކާއާ އެއްވަރުކޮށް، އެގްރިގޭޓުން 4-1 އިން މޮޅުވެފައެވެ.
މެޗު ފަށައިގެން ފުރަތަމަ 15 މިނެޓު ތެރޭގައި ރާއްޖެއިން ގޯލު ޖަހަން ތިން ފުރުސަތު ތަނަވަސްކުރިއެެވެ. ނަމަވެސް ފުރަތަމަ މެޗާ ޚިލާފަށް މި މެޗުގައި ލަންކާގެ ފަރާތުން ފެނުނީ ޑިފެންސް ރަނގަޅުކޮށެވެ.
ރާއްޖެއިން ލީޑުނެގި ލަނޑު ޖެހީ މެޗުގެ 66 ވަނަ މިނިޓްގައެވެ. އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަހަކުން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ބޮލުން ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ލިބުނު ބޯޅަ ނާއިޒު ހަސަން (ދާދު) ވަނީ ގޯލަށް ފޮނުވާލާފައެވެ.
ލަންކާއިން ނަތީޖާ އެއްވަރުކުރީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ.
ރާއްޖެއަށް މި ލިބުނު ކާމިޔާބީއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މަރުހަބާ ކިޔުއްވައިފައެވެ. އެގޮތުން ސައުތު އޭޝިއަން ސުޕަ ކަޕްގައި، ދިވެހި ގައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.