އިންޑިއާގެ 15 ވަނަ ނާއިބު ރައީސަކަށް ސީޕީ ރާދަކްރިޝްނާން އިންތިޚާބުކޮށްފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ (ކ) އާއި ނާއިބު ރައީސް ސީޕީ ރާދަކުރިޝްނާން -- ފޮޓޯ/ އިންޑިއާޓީވީ ނިއުސް

އިންޑިއާގެ 15 ވަނަ ނައިބު ރައީސަކަށް ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ގެ ކެންޑިޑޭޓް ސީޕީ ރާދަކްރިޝްނާން އިންތިޚާބުވެވަޑައިގެންފިއެވެ.

މިއަދު ބޭއްވި އިންތިޚާބު ރާދަކްރިޝްނާން ކާމިޔާބު ކުރެއްވީ 452 ވޯޓުގެ ސާފު އަޣުލަބިއްޔަތުންނެވެ. ރާދަކްރިޝްނާނާއި ވާދަކުރެއްވީ އިދިކޮޅު އިންޑިއަން ނޭޝަނަލް ޑިވެލޮޕްމަންޓަލް އިންކްލޫސިވް އެލަޔަންސް (އިންޑިއާ ބްލޮކް) ގެ ކެންޑިޑޭޓް ބީ ސުދަރްޝަން ރެޑީއެވެ. ރެޑީއަށް ލިބިވަޑައިގަތީ 300 ވޯޓެވެ.

އިންތިޚާބު ކާމިޔާބު ކުރުމަށް މަދުވެގެން 391 ވޯޓު ބޭނުންވެއެވެ.

އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ އިންޑިއާ ގަޑިން ހެނދުނު 10 ޖެހިއިރުއެވެ. ނިންމާލީ ހަވީރު ފަހެއް ޖެހިއިރުއެވެ.

އިންޑިއާގެ ގާނޫނުއަސާސީގެ 66 ވަނަ މާއްދާގައިވާ ގޮތުން ނައިބުރައީސް އިންތިޚާބު ކުރަނީ މަޖިލީހުގެ ދެ ގެކޮޅުގެ މެންބަރުން ހިމެނޭ އިލެކްޓޯރަލް ކޮލެޖުގެ މެންބަރުންނެވެ.

އިލެކްޓޯރަލް ކޮލެޖުގައި ޖުމްލަ 788 މެންބަރުން ތިއްބަވައެވެ. އޭގެތެރެއިން 245 މެންބަރުންނަކީ ރާޖްޔާ ސަބާގެ މެންބަރުންނެވެ. އަދި 543 މެންބަރުން ލޯކް ސަބާއިންނެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ 12 މެންބަރުންނަށް ވެސް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ނާއިބު ރައީސަކު ހޮވުމަށް އިންތިޚާބު ބޭއްވީ ސިއްހީ ފަރުވާއަށް އިސްކަން ދިނުމަށް ބޭނުންފުޅުވާތީ، ޖުލައި 21 ވަނަ ދުވަހު ކުއްލި ގޮތަކަށް ކުރީގެ ނައިބު ރައީސް ޖަގްދީބް ދަންކަރް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވިއިރު، ފަސް އަހަރުގެ ދައުރުގައި ދެ އަހަރު ބާކީ އޮތެވެ.

އަލަށް އިންތިހާބު ކުރާ ނައިބު ރައީސް އަށް ފުރިހަމަ ފަސް އަހަރުގެ ދައުރެއް ލިބޭނެއެވެ.

ސީޕީ ރާދަކްރިޝްނާން އުފަންވެވަޑައިގަތީ 1957 ވަނަ އަހަރުގެ މެއި މަހުގެ ހަތަރު ވަނަ ދުވަހު ތަމިލް ނާޑޫގެ ޓިރޫޕޫރަށެވެ. އުމުރުން 16 އަހަރުގައި 1973 ވަނަ އަހަރު ރާޝްތުރިޔާ ސްވަޔަމްސެވަކް ސަންގް (އާރުއެސްއެސް)އާއި ގުޅިވަޑައިގަތެވެ. އޭގެފަހުން ސިޔާސީ ދާއިރާއަށް ނިކުމެ ވަޑައިގެން ޖަނަތާ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ފެއްޓެވިއެވެ. އެމަނިކުފާނު އެންމެ ފަހުން ގުޅިވަޑައިގަތީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއެވެ.

ރާދަކްރިޝްނާންގެ ޕާލަމެންޓްރީ ކެރިއަރު ފެށުނީ 1998 ވަނަ އަހަރު ބީޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކޮއިމްބަތޫރު ދާއިރާ ކާމިޔާބު ކުރެއްވުމުންނެވެ. 1998 ވަނަ އަހަރު 1.5 ލައްކައަށް ވުރެ ގިނަ ވޯޓުގެ އަޣުލަބިއްޔަތު ލިބިވަޑައިގެންނެވިއިރު، 1999 ވަނަ އަހަރު ގާތްގަނޑަކަށް 55،000 ވޯޓުގެ އަޣުލަބިއްޔަތު ލިބިވަޑައިގެންނެވިއެވެ.

ޕާޓީގެ ތެރޭގައި އޭނާގެ ނުފޫޒު ވަރުގަދަވެ، 2004 އިން 2007 އަށް ބީޖޭޕީ ތަމިލް ނާޑޫގެ ރައީސް ކަމަށް އައްޔަނު ކުރިއެވެ.

ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށް އެންޑިއޭއީން ރާދަކްރިޝްނާން ހޮވިއިރު، އޭނާ ހުންނެވީ މަހާރާޝްތުރާގެ ގަވަރުނަރުގެ މަގާމުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް