ގަތަރަށް ދިން ހަމަލާގައި ހަމާސްގެ އެއްވެސް އޮފިޝަލަކު އަވަހާރައެއްނުވޭ

އިސްރާއީލުން ގަަތަރަށް ހަމަލާދިން ސަރަހައްދުގައި ދުން އަރަނީ -- ފޮޓޯ/ ރޮއިޓާސް

ގަތަރުގެ ވެރިރަށް ދޯހާގައި ތިބި ހަމާސްގެ އިސް އޮފިޝަލުންތަކަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާގައި އެ ޖަމާއަތުގެ އެއްވެސް މެމްބަރަކު އަވާހަރަނުވާ ކަމަށް ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރު ސުހައިލް އަލް ހިންދީ ހާމަކުރައްވައިފިއެވެ.

ނަމަވެސް އެ ހަމަލާގައި އިތުރު ހަ މީހަކު މަރުވެފައިވާ ކަމަށާއި އޭގެތެރޭގައި ގަތަރުގެ ސެކިއުރިޓީ އޮފިސަރަކާއި ހަމާސްގެ ލީޑަރު ޚަލީލް އަލް ހައްޔާގެ ދަރިކަލުން އަދި އޮފީސް މެނޭޖަރު ވެސް ހިމެނޭ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

"މިކަމުން އަނެއްކާވެސް ހާމަވެގެންދަނީ ހިސާރުކުރުމުގެ ޖިނާއީ ސިފައާއި އެއްބަސްވުމަކަށް އައުމުގެ އެއްވެސް ފުރުސަތެއް ނުދޭން ކުރާ މަސައްކަތް." ހަމާސްއިން ބުންޏެވެ.

ދޯހާގައި ތިބި ހަމާސްގެ އޮފިޝަލުންނަށް ހަމަލާ އަމާޒުކުރި ކަމަށް އިސްރާއީލުން ވަނީ ކަށަވަރުކޮށްދީފައެވެ.

އިސްރާއީލުން ބުނީ ހަމަލާ އަމާޒުކުރި، ހަމާސްގެ މެންބަރުންނަކީ އެ ޖަމާއަތުގެ ހަރަކާތްތަކުގައި އަހަރުތަކެއް ވަންދެން އިސްކޮށް ތިބި ބައެއް ކަމަށެވެ. އަދި ޓެރަރިސްޓު ޖަމާއަތް ބަލިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުން ބުންޏެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދޯހާގައި އިސްރާއީލުން ހަމަލާ އަމާޒުކުރި ތަނަކީ މީހުން ދިރިއުޅޭ އަވަށްތަކާ ކައިރި ސަރަހައްދެކެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލިން ލީވިޓް ވިދާޅުވި ގޮތުގައި އިސްރާއީލުގެ ހަމަލާގެ މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެމެރިކާ އަސްކަރިއްޔާއިން އަންގާފައިވެއެވެ. އަދި އެ ވަގުތު އެމަނިކުފާނު ވަނީ ގަތަރަށް އެކަން އަންގަން ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޯފްއަށް އަންގަވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ގަތަރުން ބުނީ އިސްރާއީލުގެ ހަމަލާގެ ކުރިން އިންޒާރު ދީފައިވާ ކަމަށް ބުނެ ދައުރުވަމުންދާ ބަޔާންތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، އެމެރިކާގެ ފޯނު ކޯލު އައީ ހަމަލާ ދެމުން ދަނިކޮށް ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ހަމަލާގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށް ވިދާޅުވެ، އެކަމުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ދައްކަވަން މަސައްކަތްކުރައްވާފައެވެ.

އިސްރާއީލުގެ އެކުވެރި ގައުމުތަކުން މި ހަމަލާ ކުށްވެރިކުރިއިރު،އެ ގައުމުތަކުގެ ތެރޭގައި ފްރާންސްވެސް ހިމެނެއެވެ. އެއީ ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފްރާންސުން ބުނެފައިވާއިރު، އިނގިރޭސިވިލާތުން ބުނީ އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ހަމަނުޖެހުން އިތުރުވުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

އިސްރާއީލުގެ އެ ހަމަލާ ގަތަރުންވެސް ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހަމާސްގެ ސިޔާސީ ބިއުރޯގެ ބައެއް މެމްބަރުން ދިރިއުޅޭ އިމާރާތްތަކަށް ދިން ހަމަލާ އެގައުމުން "އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށެވެ.

comment ކޮމެންޓް