އެކްސިޑެންޓުވެ ބަޔަކަށް އަނިޔާވީ އޯވަޓޭކްކުރަން އުޅެނިކޮށް ބަހުގެ ދަށުވެގެން، ސައިކަލު ޓޯކޮށްފި

ހައިވޭގައި މިރޭ ހިނގި އެކްސިޑެންޓުގެ ތެރެއިން: ފުލުހުން ބުނީ އޯވާޓޭކް ކުރަން އުޅުނު ސައިކަލު ވަނީ ޓޯކޮށްފައި --

ސިނަމާލެ ބުރިޖުގެ ހައިވޭގައި މިރޭ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އޯވަޓޭކްކުރަން އުޅެނިކޮށް ކަމަށާއި، އެ ސައިކަލު މިހާރު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހައިވޭގައި މިރޭ ހިނގި އެކްސިޑެންޓުގައި ހަތަރު އުޅަނދެއް ހިމެނޭއިރު، އޭގެ ތެރޭގައި ފުލުހުންގެ ސައިކަލަކާއި މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ބަހެއް ވެސް ހިމެނެއެވެ.

ފުލުހުން އެންމެ ފުރަތަމަ ބުނީ، މި އެކްސިޑެންޓުގައި ފުލުހުންގެ ސައިކަލެއް ހިމެނޭހެން ތިން ސައިކަލަކާއި ބަހެއް ހިމެނޭ ކަމަށާއި، މި އެކްސިޑެންޓްގައި ބަޔަކަށް އަނިޔާވެގެން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެ ފަހުން ފުލުހުން ވަނީ އެކްސިޑެންޓް ހިނގި ގޮތުގެ ތަފްސީލު ހިއްސާކޮށްފައެވެ.

މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލެއް، އެހެން ސައިކަލަކާއި ބަހެއްގެ ދެމެދުން އޯވަޓޭކްކުރަން އުޅުމުގެ ތެރޭގައި ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލުގައި ޖެހި ބަހުގެ މެދާ ދިމާލުން އެ ސައިކަލު ދަށުވުމުން ކަމަށެވެ.

އަދި ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލު، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ތިބި ފުލުހުންގެ ސައިކަލެއްގައި ޖެހުނު ކަމަށް، ފުލުހުން ބުންޏެވެ.

https://www.sun.mv/211090

މި އެކްސިޑެންޓުގައި އަނިޔާވީ ބާރު ސްޕީޑުގައި އޯވަޓޭކްކުރަން މަސައްކަތްކުރި މީހާއާއި ބަހުގެ ދަށުވި ސައިކަލު ދުއްވަން އިން މީހާއާއި އޭނާގެ ފަހަތުގައި އިން 15 އަހަރުގެ އަންހެން ކުއްޖަކަށެވެ. އޭގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެއެވެ.

ބާރަށް ދުއްވި ސައިކަލު މިހާރު ޓޯކޮށް، މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި، ހައިވޭގައި އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓްވި ސައިކަލުން ވެއްޓުނު މީހުންގެ ހެލްމެޓާއި ސައިކަލުގެ ބައިތައް ހައިވޭ މައްޗަށް ދުރުދުރަށް ބުރައިގެން ގޮސްފައި ހުއްޓެވެ.

comment ކޮމެންޓް