ދުނިޔޭގެ ސިޔާސީ ތާރީޚަކީ ލެއިން ތަތްތެޅިފައިވާ ކަޅު މާޒީއެކެވެ. ރޯމްގައި ޖޫލިއަސް ސީޒާ އަވަހާރަކޮށްލުމާއި، ފުރަތަމަ ބޮޑު ހަނގުރާމައަށް ވެގެން އައިއިރު ފްރެންޒް ފާޑިނަންޑް އަވަހާރަކޮށްލުމާއި، ޖޯން އެފް ކެނެޑީ އަވަހާރަކޮށްލުން އެއީ އެންމެ މަޝްހޫރު ހާދިސާތަކެވެ. ސިޔާސީ ތާރީޚުގެ ދަރިވަރުންނަށް ޔުނިވާސިޓީތަކުގައި ނަގައިދޭ ދިގު ފިލާވަޅުތަކެކެވެ.
ކޮންމެ ހާދިސާއެއް، ކަމެއް، ދިރާސީ ނަޒަރަކުން ބަލައިލީމާ އެއީ ވެރިންނަށް ލިބޭ އަގުނުކުރެވޭނެ ބޮޑެތި ފިލާވަޅުތަކެވެ.
ދިވެހި ސިޔާސީ ތާރީޚުގައި ވެސް އެ ކަޅުކަން އެބަހުއްޓެވެ. ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން އިންގިލާބުކޮށްލި ގޮތާއި ފަހުން ވެދިޔަ ނުރައްކާތެރި ކަންކަން އެއީ އިހުގެ ފިލާވަޅެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާއި 'ހަތެއް ފެބްރުއަރީގެ ބަޣާވާތް' އެއީ މިހާރުގެ މީހުން ހަނދާން ހުންނަ މާޒީއެވެ. ހައްތަހާ ވެސް އިބުރަތެވެ. ސިޔާސީ ފިލާވަޅެވެ. ތަކުރާރުވާން ނޭދޭ ކަޅު ދުވަސްތަކެކެވެ.
އަނެއްކާ ވެސް، މި ފަހުން އޭޝިއާ ބައްރަށް މި އޮތީ 'އިންގިލާބުގެ މޫސުމެއް' ލައިގެންފައެވެ.
އޭޝިއާގައި ހުސް 'ޖެން ޒީ އިންގިލާބު'
ފުރަތަމަ 2022 ވަނަ އަހަރު އަވައްޓެރި ސްރީ ލަންކާގައެވެ. ކޮރަޕްޝަނާއި ވައްކަމާއި އެ ނޫން ވެސް ހަޑިހުތުރު ކަންކަމާ ދެކޮޅަށް އެ ގައުމުގެ ޒުވާނުންނާއި އާންމުން ނުކުތީ ކެތްނުވާވަރު ވީމައެވެ. ތެލަށް ސަލާންޖަހަން ޖެހުނީއެވެ. ގައުމު ބަނޑަށްޖެހުނީއެވެ. އޭރު އޮތް ރާޖަޕަކްސާ ވެރިކަމުން 'ދަރަނި ދެއްކޭނޭ' ކިޔަކިޔާ ތިއްބާ ދަރަނި ނުދެއްކި، ބަނގުރޫޓުވީއެވެ.
ކަންކަން ގޯހުން ގޯހަށް ދިޔައީ އެ ހިސާބުންނެވެ. ރައީސް ގޮޓާބަޔާ ރާޖަޕަކްސާއާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ވެސް އިސްތިއުފާދެއްވާފައި ފިއްލަވަން މަޖުބޫރުވީއެވެ. ރަސްމީ ގެކޮޅުގައި ވެސް ތިބީ އިންގިލާބުގެ ބައިވެރިންނެވެ. ފުރާނައިގެ ދިފާއުގައި ގައުމު ދޫކުރައްވަން މަޖުބޫރުވީއެވެ.
އެއަށް ފަހު މި ފިލާވަޅުތައް ނަގައިދިނީ މިދިޔަ އަހަރު ބަންގާޅުންނެވެ. ބަންގްލަދޭޝްގައި ދިގު، ޚުދުމުޚުތާރު ވެރިކަމެއް ކުރައްވަމުން ގެންދެވި ޝެއިހް ހަސީނާ ނެންގެވި ބައެއް ފިޔަވަޅުތަކުން ގައުމު ކެކުނީއެވެ. އެކަން ފެށުނީ އަސްކަރިއްޔާގައި ޚިދުމަތްކުރި ބައެއް މީހުންނަށް ވަޒީފާތައް ޚާއްސަކުރާ ގޮތަށް ހެދި ގާނޫނުގެ ސަބަބުންނެވެ. ފަހުން އެ ބަދަލުވީ ކޮރަޕްޝަނާއި ވައްކަމާއި ނެޕޮޓިޒަމްއާއި އެ ނޫން ވެސް މި ރާއްޖޭގައި ވެސް އާންމު ހަޑިހުތުރު ކަންކަމާ ދެކޮޅަށް ހިންގި އިންގިލާބަކަށެވެ.
ރަސްމީ ގަނޑުވަރަށް މީހުން ވަދެގަނެ، ހެދުންތަކާއި އަންނައުނުތައް ވެސް ނަގާ ބޮޑު 'ހައިޖާންގަނޑެއް' އުފަންވީއެވެ. އަމަން ގެއްލުނީއެވެ. ހަސީނާއަށް ވެސް ފިއްލަވަން އިންޑިއާއަށް ވަޑައިގަންނަވަން މަޖުބޫރުވީއެވެ. އެ ކަމަނާ ވެސް ހަށިކޮޅުގެ ދިފާއުގައެވެ.
މި އަހަރު މި އޮތީ ނޭޕާލެވެ. މުޒާހަރާތައް ކުއްލިއަކަށް ހޫނުވެ، 19 މީހަކު މަރުވުމުން ދެން ކެކިގަތީއެވެ. އިއްޔެ މުޅި ނޭޕާލްގައި އޮތީ ހުޅު ޖަހާފައެވެ. ގަނޑުވަރުގައި ވެސް ހުޅުޖަހާފައެވެ. ރައީސް ރާމް ޗަންދްރަ ޕުޑެލް ވެސް، ބޮޑުވަޒީިރު ކޭޕީ ޝަރުމާ އޮލީއާ އެކު އިސްތިއުފާދެއްވާފައި ފިއްލަވަން މަޖުބޫރުވީއެވެ. ފިނޭންސް މިނިސްޓަރު މަގުމަތިން އަތުލައިގަނެގެން، ދަމާ ކޫތާފައި، ތަޅާ އަނިޔަކުރަމުން ގެންދިޔަ ގޮތް އެ އޮތީ ފެންނާށެވެ.

ބަންގްލަދޭޝްގައި ހިނގި އިންގިލާބުގެ ތެރެއިން: ހަސީނާ ޖެހިވަޑައިގަތީ ގައުމު ދޫކުރަން --
ދުވަހަކު ވެސް މި ރާއްޖޭން ފެންނަން ނޭދޭނެ، އަނިޔާވެރި، އިންސާނުންނަށް ކަންކުރަން ހެޔޮނުވާވަރުގެ ކަޅު ސަފުހާއެކެވެ. ހުރިހާ ކަމެއް ފެށުނީ، ކޮރަޕްޝަނާއި ވައްކަމާއި ޚިޔާނާތް ފޮރުވަން ސޯޝަލް މީޑިއާ ހަންމަތަ ކުރެވޭނެ ކަމަށް ހިތާ އެ ގައުމުގެ ޚުދުމުޚުތާރު ސަރުކާރުން ހެދި ގާނޫނުންނެވެ. ސޯޝަލް މީޑިއާގެ 26 ޕްލެޓްފޯމެއް އެ ގައުމުގައި މަނާކުރުމުން ޒުވާނުން ކެކިގަތީއެވެ.
ފަހުން، ބަންގްލަދޭޝާއި ލަންކާގައި ވެސް ވީގޮތަށް މުޒާހަރާ ބަދަލުވީ ކޮރަޕްޝަނާއި ވައްކަމާއި ޚިޔާނާތާއި ނެޕޮޓިޒަމްއާއި އިސްރާފާ ދެކޮޅަށް ހިންގި 'އިންގިލާބަކަ'ށެވެ.
އެ ގައުމުތަކުގައި މައިގަނޑު ގޮތެއްގައި ނުކުތީ ޒުވާނުންނެވެ. ޖެން ޒީ ނުވަތަ 1990 އިން 2010 އާ ދެމެދުގެ ޖީލުގެ މީހުންނާއި ޒުވާން ކުދިންނެވެ. އެހެންވެ، އެންމެން ވެސް ދައްކަނީ މި ހިސާބުގަނޑުގައި މި ހިނގާ 'ޖެން ޒީ' އިންގިލާބުގެ ވާހަކައެވެ.
ދުނިޔޭގެ ސިޔާސީ ތާރީޚުގައި އާ ކަމެއް ނޫން
'އިންގިލާބުގެ މޫސުން'ތައް މި ނޫނަސް ދުނިޔެ ދެކެފިއެވެ. 'އަރަބް ސްޕްރިންގް'އަކީ އޭގެ އެންމެ މަޝްހޫރު އެއް މިސާލެވެ. އޭރު 2010 އާއި 2012 އާ ދެމެދު އެރި ވައިގައި މިސްރުގައި ހުސްނީ މުބާރަކް ކުރި ބާރުގަދަ ވެރިކަން ބިމާހަމަކޮށްލިއެވެ. އެ ހަޅައިގައި ލީބިޔާގައި މުއައްމަރުލް ގައްޒާފީ ކުރަމުން އައި ދިގު ވެރިކަން ވެސް ގަދަކަމުން ނިންމާލީއެވެ.
މިސްރާއީ ލީބިޔާ އެކަންޏެއް ނޫނެވެ. އެ ހަޅައިގައި، އެ ޖެހުނު ވައިގަނޑުގައި ޓުނިޝިއާ، ބަހްރެއިން، ޔަމަން އަދި ސީރިއާގެ ވެރިކަންތައް ވެސް ފުރޮޅުނެވެ.

އަރަބި ގައުމެއްގައި އޮތް މުޒާހަރާއެއްގެ ތެރެއިން: އޭރު އަރަބި ގިނަ ވެރިކަންތަކެއް ވެއްޓުނު -- ފޮޓޯ/ ގެޓީ އިމޭޖަސް
އެއަށް ވުރެ ކުރިއަށް ބަލައިލާނަމަ، އިރުމަތީ ޔޫރަޕަށް 1989 ވަނަ އަހަރުން ފެށިގެން ކުރި 'އިންގިލާބުގެ' މޫސުމުގައި ވެސް އެތައް ވެރިކަމެއް ފުނޑުފުނޑުވިއެވެ. ޖަރުމަނު، ޕޮލެންޑް، ހަންގޭރީ، ބަލްގޭރިއާގެ ވެރިކަންތައް ފުރޮޅުނީ އެ ކޮޅިގަނޑުގައެވެ. މިއީ ދުނިޔޭގެ އެންމެ މަޝްހޫރު 'އިންގިލާބުގެ މޫސުން'ތަކެވެ.
ރާއްޖެއަށް ހުސް ފިލާވަޅު
މިއިން ކޮންމެ އިންގިލާބެއްގެ އެންމެ އަޑިއަށް ފީނަލިއަސް އެއްގޮތްވާ އެއް ހަގީގަތް އޮންނާނެއެވެ. އެއީ، އެ ހުރިހާ ގަޑުބަޑެއް ވެސް ފެށެނީ އިގުތިސާދީ ހާލަތުންނެވެ. ތަކެތީގެ އަގު އަތުފަތުނޭޅުމުންނެވެ. ކައިބޮއެ ހަދަން ދަތިވާ ހިސާބަށް މީހުން ނިކަމެތިވީމައެވެ. އެއީ، އިއްތިފާގެއް ނޫނެވެ. ސިޔާސީ ހަމަޖެހުމާއި ނުޖެހުން އަބަދު ވެސް ގުޅިފައި އޮންނަނީ އިގުތިސާދުގެ ހަމަޖެހުމާއި ނުޖެހުމާއެވެ.
ކޮރަޕްޝަނާއި ވައްކަން ނެތީ ކޮން ގައުމެއްގައިހެއްޔެވެ؟ ވެރިންގެ ދަރިން މާ އުފަލުގައި ނޫޅެނީ ކޮން ތަނެއްގައި ހެއްޔެވެ؟ ތަފާތަކީ ރައްޔިތުން ބިކަކޮށްފައި އެހެން އުޅުމެވެ.
ދުނިޔެ ބަދަލުވެއްޖެއެވެ. އެއް ބައްރުން އަނެއް ބައްރަށް ކަމެއް ދައްކާލަން ނަގަނީ މަދު ސިކުންތުކޮޅެކެވެ. އެންމެން ތިބެނީ އެކެއް އަނެކަކާ ގުޅިފައެވެ. މި ސަރަހައްދަށް އައިސްގެން މި އުޅޭ އިންގިލާބުގެ މޫސުމުގައި ވެސް ފެނުނީ ކުޑަކުޑަ ކަންޏެއް ބުރައިގެން އުފެދޭ ބޮޑެތި ހުޅުހުޅުގެ ކުޑަ މިސާލެކެވެ. ކުޑަކުޑަ މުޒާހަރާއެއް ބޮޑު ހައިޖާންގަނޑަކަށް ބަދަލުވާން ނަގަނީ މަދު ވަގުތު ކޮޅެކެވެ.
މި ސަރަހައްދުގެ އިންގިލާބުތަކުން ދިވެހި ވެރިންނަށް ނަގައިދިނީ އަގުހުރި ފިލާވަޅެކެވެ. އެންމެ ބޮޑު ފިލާވަޅަކީ އިގުތިސާދީ ހަގީގަތެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން 135 އިންސައްތައެއްހާ ބޮޑު ދަރަންޏެއް ބޮލު އަޅައިގެން، މި އަހަރު 600 މިލިއަނެއްހާ ޑޮލަރު އަދި އަންނަ އަހަރު 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހިފައި އޮތް މި ރާއްޖޭގެ ވެރިން އެ ކަމާ ވިސްނަން ޖެހޭނެއެވެ. އާފަލުގެ އަގާއި ޑޮލަރުގެ އަގު އެ ހުރީ އަތްނުފޯރާ ފަށުގައެވެ.
އެއް ދަރަނި ދައްކަން އަނެއް ދަރަނި ނަގައިގެން ގައުމު ހިންގީމާ، ޚަރަދު ކުޑަކުރަން ޖެހިލުންވީމާ ދެން އެ ފެންނަނީ މާ ނިކަމެތި، މާ ދެރަވަރު ކަންތައްތަކެކެވެ. އެއީ، ބޮޑު ފިލާވަޅެކެވެ.
އަނެއް ފިލާވަޅަކީ، ޒުވާނުން ބާރުވެރިކުރުވުމެވެ. ޒުވާނުން މާޔޫސްވާން ދޫކޮށްނުލެވޭނެ ކަމެވެ. މި ޒަމާނުގައި ބަޔަކު އެއްވެ، ވެރިކަމެއް ބަދަލުކޮށްލުމަކީ އުނދަގޫ ކަމެއް ނޫން ކަމެވެ. ހައިޖާންގަނޑެއް ރާވާލަން، އެ ހުޅުގަނޑު ފަޅައިގެންދާން މާ ގިނައިރުތަކެއް ނުނަގާ ކަމެވެ. މި ޒަމާނުގައި ހިޔާލުފާޅުކުރުމާއި އެ ނޫން ވެސް ހައްގުތައް ހަނިކޮށްގެން، ތަޅު އަޅުވައިގެން ނުގެންގުޅެވޭނެ ކަމެވެ.
އެ ހުރިހާ އިންގިލާބަކުން ވެސް ފެންނާނެއެވެ. މަގާމުތަކުގައި ތިއްބަވައިގެން މިލިއަން ރުފިޔާގެ 'ހަދިޔާ'އާއި ވެރިންގެ ދަރިންނާއި އާއިލާއަށް 'މޮޅު ގޮތް' ހެދުމާއި ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަން އެއީ ގަޑުބަޑުތައް އުފަންވާ ސަބަބެކެވެ. މުޑުދާރު ވެރިކަންތައް ތާއަބަދަކު ނޯންނާނެއެވެ. އަމުދުން އިގުތިސާދު ގޯސްވާ މިންވަރަކަށް އެ ތަނެއްގެ ހަމަޖެހުން ގެއްލެމުންދާނެކަން ދުނިޔޭގެ ކޮންމެ ދިމާއަކުން ފެނެއެވެ.
މިއީ ހައްތަހާ ވެސް ރާއްޖެއަށް ހުރި ފިލާވަޅެވެ. މި އޮތް ހާލަތުގެ ގޮތުން އަމުދުން ލާއިޤުވަނީއެވެ.
ސިޔާސީ ހަމަޖެހުން ގެއްލުނީމާ ދެންވާގޮތް ދިވެހީން ތަޖުރިބާކޮށްފިއެވެ. ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ވެއްޓުމުން، މި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް 'ސުވަރުގެ'އަށް ކުރިމަތިވި ދަތިތައް ދެކެފިއެވެ. މި ފަދަ އެތައް ގަޑުބަޑެއް ދިވެހީން ވެސް ތަޖުރިބާކޮށްފިއެވެ. މި ކަންކަން އަލުން ތަކުރާރުވާން އެކަކު ވެސް ނޭދޭނެއެވެ. އެ ފަދަ ހުތުރުކަން ބޮޑު މާޒީއެއް އިޔާދަވާން ނޭދޭނެއެވެ. އޭޝިއާއަށް އައިސްގެން މި އުޅޭ އިންގިލާބުގެ މޫސުމުގެ ކޮޅިގަނޑު މި ރާއްޖެއާ ހަމައަށް ފޯރަން ނޭދޭނެއެވެ.
އިންގިލާބުތައް ހިނގަނީ ރައްޔިތުންގެ ވެރިކަމެއް ނުކޮށްދެވޭތީއެވެ. ރައްޔިތުން ބޭނުންވާ ބަދަލުތައް ނުގެނެވޭތީއެވެ. އަމުދުން ރައްޔިތުން ނިކަމެތިވެ، ބިކަވެ، ފަގީރުކަން އިހުސާސްކުރަން ޖެހުމުންނެވެ. އޭޝިއާއަށް ވެރިވެފައި މި އޮތް އިންގިލާބުގެ މޫސުން ދިވެހި ވެރިންނަށް ނަގައިދެނީ އެ އިބުރަތާއި ފިލާވަޅެވެ. ދަސްކުރަންޖެހެއެވެ.