ނޭޕާލްގައި ކުރި މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު އިސްތިއުފާ ދެއްވައި ގައުމުގެ ސަލާމަތީ ކަންކަން ބެލުމަށް ސިފައިން ހަވާލުވެފައިވާ ދަނޑިވަޅުގައި ބޮޑުވަޒީރުގެ މަގާމަށް ގެންނަން ޒުވާނުން އެންމެ ބޭނުންވަނީ ބަލެންގެ ނަމުން މަޝްހޫރު ބަލެންދްރާ ޝާހު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކަތުމަންޑޫގެ މޭޔަރެއްގެ މަގާމުގައި ހުރި އުމުރުން 33 އަހަރުގެ ކުރީގެ ރެޕާ އަދި އިންޖިއަނަރު ޝާހު އަކީ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލައި ހަރުދަނާ އިސްލާހުތައް ގެނައުމަށް ވާކާލާތުކޮށް އެކަން ކަމަށް ތާއީދުކުރައްވާ ބޭފުޅެއް ކަމުން ޒުވާނުންގެ މެދުގައި އޭނާ ވަނީ މަގުބޫލުވެފައެވެ.
ސޯޝަލް މީޑިއާ މަނާކުރުމާއި ކޮރަޕްޝަނާ ދެކޮޅަށް ޖެން ޒީން އިސްކޮށް ތިބެ، ކުރިއަށް ގެންދިޔަ މުޒާހަރާތަކަށް ޝާހު ވަނީ ފާޅުގައި ތާއީދުކުރައްވާފައެވެ. ނޭޕާލްގެ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އޭނާ ފާހަގަވެގެން ދިޔައީ އާދަޔާ ހިލާފު ލީޑާޝިޕް ސްޓައިލްގެ ސަބަބުންނެވެ.
"ތިޔައީ އަހަރެމެންގެ އާ ބޮޑުވަޒީރު ކަމަށް ވާންޖެހޭނެ." މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ ރެވަންތު އަދީކާރީ ބުންޏެވެ.
ނޭޕާލަށް ދެން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅިގެން ރައީސް ރާމް ޗަންދްރާ ޕައުޑެލްއާ މަޝްވަރާކުރާ ޖެން ޒީގެ މަންދޫބުންގެ ތެރޭގައި ޝާހު ހިމެނިވަޑައިގަންނަވަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ދުސްތޫރީ މާހިރު ބަލާރަމް ކޭ.ސީވެސް ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ޝާހުގެ ބަހެއް މިހާތަނަށް ލިބިފައެއްނުވެއެވެ.
ބަލެންގެ ނަމުން މަޝްހޫރު ޝާހުއަކީ 2022 ވަނަ އަހަރު ބޭއްވި މޭޔަރު އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކާމިޔާބު ހޯއްދެވި ބޭފުޅެކެވެ.
ޝާހުގެ ރެޕް ޓްރެކްތަކުގެ ތެރެއިން 2020 ވަނަ އަހަރު ރިލީޒްކުރި "ބަލިދާން" ނުވަތަ "ސެކްރިފައިސް" ފާހަގަކޮށްލެވޭއިރު، އެ ރެޕަށް 11 މިލިއަނަށް ވުރެ ގިނަ ޔޫޓިއުބް ވިއުސް ލިބިފައިވެއެވެ.
އަށް ލައްކައަށް ވުރެ ގިނަ މީހުން ފޮލޯކުރާ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ޝާހު ވަނީ މުޒާހަރާގެ ބައިވެރިންނަށް ތާއީދުކުރާ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. އަދި ބޮޑުވަޒީރު އޮލީ އަކީ "ޓެރަރިސްޓެއް" ކަމަށް ޝާހު ބުނެފައިވެއެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރު ކަތުމަންޑޫއަށް އުފަންވި ޝާހް ވަނީ ނޭޕާލުން ސިވިލް އިންޖިނިއަރިން ކިޔަވައި އިންޑިއާގައި ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ހާސިލްކޮށްފައެވެ. ޓައިމް މެގަޒިން އިން ވަނީ 2023 ވަނަ އަހަރުގެ ޓޮޕް 100 އިމާޖިން ލީޑަރުންގެ ތެރޭގައި ޝާހުގެ ނަން ލިސްޓުކޮށްފައެވެ.
ނޭޕާލުގައި މުޒާހަރާތައް ފެށީ، އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ހިމެނެއެވެ.