ސްކައުޓް އެސޯސިއޭޝަންގެ އޮފީހާއި، ފިހާރަ ހިންގާނެ އިމާރާތެއް ހަމަނުޖެހެނީސް، މިހާރު ހިންގާ ތަނުން ނިކުންނަން ޖެހުމުން، އެ އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ މިއަދު ބަންދުކޮށްފިއެވެ.
އެ އެސޯސިއޭޝަނުން މިއަދު ކުރި އިއުލާނެއްގައިވަނީ ސްކައުޓުންގެ އޮފީހާއި ފިހާރަ ހުސްކުރަން އަންގައިފައި އޮތީ މިއަދުގެ ކުރިން ކަމަށެވެ. އަދި އިތުރު އޮފީހެއް ހަމަޖެހިފައިނުވާތީ، ތަނެއް ލިބެންދެން އޮފީހާއި ފިހާރަ ވަގުތީ ގޮތުން ބަންދުވާނެކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
މީގެކުރިން، މިދިޔަ މޭ މަހު، ގައުމީ ސްކައުޓް ދުވަހު އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ސްކައުޓުގެ ހަރަކާތަށް ސަރުކާރުގެ ތެރެއިން ވަރަށް ގިނަ ކަންކަން ކުރަން ޖެހިފައި އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ދުވަހު އިމާރާތުގެ ވާހަކަ ވެސް ރައިސް ފާހަގަކުރެއްވިއެވެ.
އެގޮތުން އެ ހަރަކާތަށް ބޭނުންވާ ކަންކަމަށް، މާލީ ގޮތުންނާއި އުމްރާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ވަރަށް ގިނަ ޗެލެންޖުތަކުގައި އުޅެން ޖެހިފައި [ސްކައުޓުންނަށް] ވަނީ. ވަންނާނެ އިމާރާތެއް ނެތި ބާވެފައި ހުންނަ އިމާރާތްތަކުން އެއް ތަނުން އަނެއް ތަނަށް ބަދަލު ވަމުން ދަނީ، އެއީ އެކަން ވާން ޖެހޭނެ ގޮތެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ސްކައުޓް އޮފީސް މިހާރު ހުންނަނީ، ޗާންދަނީ މަގުގައި ހުންނަ އަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތުގައެވެ.
އެއީ ވަރަށް ބޮޑަށް ބާވެ، ތަނބުތަކަށް ގެއްލުންވެފައިވާ އިމާރާތެކެވެ. އެހެންވެ 2022ވަަނަ އަހަރުން ފެށިގެން އެ އިމާރާތުގައި ކިޔަވައިދިނުން ވެސް ވަނީ ހުއްޓައިލައިފައެވެ.