ސައުތު އޭޝިއަން ސުޕަކަޕް 2025ގައި ރާއްޖޭގެ ގައުމީ ޓީމު ހޯދި ފަޚުރުވެރި ކާމިޔާބީއާއެކު އެނބުރި ރާއްޖެ އައުމުން، ބޮޑުބެރުގެ ހަރަކާތްތަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މި ހަރަކާތަށްފަހު މިއަދު ބާއްވާ އެންމެ ބޮޑު ހަރަކާތް ރާވާފައިވަނީ ގަލޮޅު ފުޓުބޯޅަ ދަނޑުގައެވެ. މި ހަފުލާއަށް ވީހާވެސް ގިނަ ސަޕޯޓަރުން ރަތް ކުލައިގެ ހެދުމުގައި ގަލޮޅު ދަނޑަށް އައުމަށް ކުޅިވަރު ވުޒާރާއިން ވަނީ ހުރިހާ ރައްޔިތުންނަށް ދައުވަތުދީފައެވެ.

ވެލާނާ އެއާޕޯޓުގެ ވީއައިޕީން ގައުމީ ޓީމަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ/ މޫސާ ނަދީމް
ސްރީލަންކާ އަތުން ހޯދި ބޮޑު މޮޅާއެކު ރާއްޖެއިން އުފުލާލި ސުޕަ ކަޕް ޓްރޮޕީއާއެކު ފޮޓޯ ނެގުމާއި، ގައުމީ ޓީމު ކުޅުންތެރިންނާއެކު ފޮޓޯ ނެގުން އަދި އުފާވެރި ވަގުތުކޮޅެއް ޓީމާއެކު ހޭދަކޮށްލުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ.
މިއަދު މެންދުރުފަހު ގައުމީ ޓީމުގެ ކުޅުންތެރިން ރާއްޖެ އައުމަށްފަހު ޓީމު ބަހެއްގައި މާލެ އައިސް ގަލޮޅު ދަނޑަށް އަންނާނީ ބޮޑުތަކުރުފާނުމަގުން ގޮސް ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ވަށާލައިގެން އައިސް މަޖީދީމަގުންނެވެ.

ވެލާނާ އެއާޕޯޓުގެ ވީއައިޕީން ގައުމީ ޓީމަށް މަރުހަބާ ކިއުމުގެ ހަަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް
ވީހާވެސް ގިނަ ދިވެހިން، ދިވެހިންގެ ފަޚުރުކަމުގައިވާ ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް ގަލޮޅު ދަނޑަށް ދިއުމަކީ ކުޅިވަރު ވުޒާރާއާއި އެފްއޭއެމްގެ ވަރަށް ބޮޑު އެދުމެކެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދުމާއެކު، މިއީ ދިވެހި ފުޓުބޯޅައަށް ބޮޑު ކާމިޔާބީއެކެވެ. ސައުތު އޭޝިއަން ސުޕަ ކަޕަކީ ހަތް އަހަރަށްފަހު ދިވެހި ފުޓުބޯޅައަށް ލިބުނު ބައިނަލްއަގްވާމީ ފުޓުބޯޅަ ޓްރޮފީއެވެ.
ކުރިން ހަތަރު ގައުމުގެ މެދުގައި ކުޅެން ނިންމި ސައުތު އޭޝިއަން ސުޕަ ކަޕް އެންމެފަހުން ކުޅެން ޖެހުނީ ރާއްޖެއާއި ލަންކާ އެކަންޏެވެ.
ރާއްޖެއަށް އެންމެ ފަހުން ބައިނަލްއަގުވާމީ ޓްރޮފީއެއް ލިބުނީ 2018 ވަނަ އަހަރެވެ. އެއީ އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައެވެ.