ރާއްޖެއަށް މޭވާއާއި ތަރުކާރީ އެތެރެކުރުމަށް އެސްޓީއޯއާ ހަވާލުކުރި ނަމަވެސް، އެއީ 'ފުޑް ސެކިއުރިޓީ' ނުވަތަ ކާނާގެ ޔަގީންކަން ކަށަވަރުވާ ކަމެއް ނޫން ކަމަށް މިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ބަދަލުތަކެއް ގެންނަން ކެބިނެޓުން ނިންމާފައިވާ ކަން ހާމަކުރައްވާފައެވެ.

ރޯދަމަހަށް ތައްޔާރުވުމަށް ތަރުކާރީ އާއި މޭވާ ގަންނަ މީހުން ވަނީ ބާޒާރުމަތި ފުރާލާފައި: އަމީރު ވިދާޅުވީ، މޭވާއާއި ތަރުކާރީ އެތެރެކުރަނީ ވިޔަފާރިތަކުން ސަރުކާރަށް ނަގާ ޑޮލަރުން، އޭރަށް ބަނގުރޫޓުވަނީ އަމިއްލަ ވިޔަފާރިތައް ކަމަށް -- ސަން ފޮޓޯ/ މުޙައްމަދު މާވީ
އެގޮތުން ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި, އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އަމީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަކެތި ގެނައުމަށް އެސްޓީއޯއާ ހަވާލުކުރުމަކީ ''ފުޑް ސެކިއުރިޓީ'' ލިބުން ނޫން ކަމަށާއި، ފުޑް ސެކިއުރިޓީއަކީ އެތެރެކުރުމަށް ނިންމި ބާވަތްތައް ރާއްޖޭގައި ހެއްދުމުން ކަށަވަރުވާ ކަމެއް ކަމަށެވެ. އަދި، މިހާރު ކެބިނެޓުން ނިންމި ގޮތުން، ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯއިން ވަންނަނީ އަމިއްލަ ވިޔަފާރިތަކަށް ކަމަށް އަމީރު ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން އަމީރު "ސަން"އަށް ވިދާޅުވީ، އެސްޓީއޯއިން މޭވާއާއި ތަރުކާރީ ގަންނާނީ ސަރުކާރުން، އަމިއްލަ ވިޔަފާރިތަކާއި ފަތުރުވެރިންގެ އަތުން މަޖުބޫރުން ނަގާ ފައިސާއިން ކަމަށެވެ. އެގޮތުން، މޭވާއާއި ތަރުކާރީ އެތެރެކުރަން އެ އާމްދަނީ ސަރުކާރު ކުންފުންޏެއް ނުވަތަ އެސްޓީއޯއަށްދޭ ކަމަށް އަމީރު ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް އަސަރުކޮށް، ބަންދުކުރާ ހިސާބަށް ދާނެ ކަމަށް އަމީރު ލަފާކުރެއްވިއެވެ.
މިހާރު ސަރުކާރުން މިކުރާ ކަމަކީ ވިޔަފާރިވެރިން އަތުން ނަގާ ޑޮލަރު އެސްޓީއޯއަށް ދީފައި، އެސްޓީއޯ ކައިރީ މި ބުނަނީ މީތި [ކާބޯތަކެތި] ގެންނާށޭ. މިވެނި އަގެއްގައި ގެނެސް، އަގުހެޔޮކޮށް ވިއްކަނީ. ވިޔަފާރިތަކުން އެ މީހުންގެ އަމިއްލަ މަސައްކަތުން ހޯދާ ޑޮލަރު ނަގާފައި އެސްޓީއޯއަށް ދީގެން ވިޔަފާރިތައް ބަނގުރޫޓު ކުރުވަނީއެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
އަމީރު ވިދާޅުވީ، ތަކެތީގެ އަގު ބޮޑުވެގެން އަޅާ ފިޔަވަޅަކާ ފުޑް ސެކިއުރިޓީއަކާ ގުޅުމެއް ނެތް ކަމަށެވެ. އެގޮތުން ފުޑް ސެކިއުރިޓީއަކީ ކާރިސާއެއް ދިމާވެގެން އެހެން ގައުމަކަށް ބަރޯސާނުވެ، އަމިއްލަ ގައުމުގައި ބާވަތްތައް ހައްދަން މަސައްކަތް ކުރުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ދިވެހީން އާއްމުކޮށް ބޭނުން ކުރާ ބައެއް ބާވަތްތަކުގެ އަގު ބޮޑުވުމުން އެސްޓީއޯއިން އެތަކެތި ގަނޑުކޮށް ގެނެސް އަގު ހެޔޮ ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. މިފަހުން މާލޭގެ ބާޒާރުގައި ކާށީގެ އަގު އުފުލުމުން އެސްޓީއޯއިން ވަނީ ގަނޑުކޮށް ބޭރުން ކާށި އެތެރެކޮށް ވިއްކަން ފެށިއެވެ. އަދި މިހާރު އާފަލާއި އޮރެންޖުގެ އަގު ބޮޑުވެފައިވުމުން، އެސްޓީއޯއިން މިއަދު ވަނީ އޮރެންޖު ކިލޯއެއް 35 ރުފިޔާއަށް ވިއްކަން ފަށާފައިވާ ކަމަށް ބުނެފައެވެ.
ހަމައެހެންމެ، ހުރިހާ ސަރުކާރެއްގައި ވެސް ރޯދަ މަހު, ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށް އެސްޓީއޯ މެދުވެރިކޮށް, އާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ތަކެތި ގެނެސް ވިއްކުމަކީ ކުރާ ކަމެކެވެ.
ކާބޯތަކެތި ހިމެނޭހެން ގިނަ ބާވަތްތަކެއްގެ އަގުތައް ބާޒާރުގައި އުފުލިފައިވާއިރު ވިޔަފާރިވެރިން ބުނަނީ އެހެން އެކަން ދިމާވާ ސަބަބަކީ މުދާ އެތެރެ ކުރަން ޑޮލަރު ގަންނަން ޖެހޭ އަގު ބޮޑުވުން ކަމަށެވެ. މީގެ ކުރިން ބްލެކް މާކެޓުން ޑޮލަރެއް ގަންނަން 16 ރުފިޔާއަށް ނުވަތަ އެއަށް ވުރެން ކުޑަތަންކޮޅެއް ބޮޑުކޮށް ލިބޭއިރު މިހާރު ޑޮލަރެއްގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ.