ރާއްޖޭގައި ޓެކްސީއަކުން ޓޫރިސްޓެއްގެ އަތުން އިތުރަށް ފައިސާ ނަގާ މަންޒަރަށް 5 ލައްކަ މީހުންގެ ސަމާލުކަން

ފަތުރުވެރިޔާ ޓެކްސީއަށް އަރަނީ: އޭނާގެ އަތުން ޓެކްސީ ޑްރައިވަރު އިތުރަށް ފައިސާ ނެގި މައްސަލަ ދަނީ ބަލަމުން -- ފޮޓޯ/ ކެން އެބްރޯޑް ޝޯޓްސް، ސްކްރީންޝޮޓް

ރާއްޖެއަށް އައި ފަތުރުވެރިއަކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށް ދާން ޓެކްސީއެއް ނެގުމުން، ޓެކްސީ ޑްރައިވަރު އޭނާގެ އަތުން އިތުރަށް ފައިސާ ނަގާ މަންޒަރު ފެންނަ ވީޑިއޯއަކަށް ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އެކި ގައުމުތަކަށް ދަތުރުކޮށް، ތަފާތު ކަންކަން ތަޖުރިބާ ކުރުމަށް ފަހު ޔޫޓިއުބުގައި ވީޑިއޯ ހިއްސާކުރާ ކެން ޑޮޝާ މިފަހުން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ މަހު އޭނާ ވަނީ ރާއްޖެއަށް އައިސް އޭނާ ކުރި ތަޖުރިބާގެ ވީޑިއޯތަކެއް އޭނާގެ ޔޫޓިއުބް ޗެނަލް ކެން އެބްރޯޑް ޝޯޓްސްގައި ހިއްސާކޮށްފައެވެ.

އެއް ވީޑިއޯއިން ފެންނަނީ އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކިޔޫއިން ޓެކްސީއެއް ނަގައި، ޓެކްސީއަށް އަރާ މަންޒަރެވެ. އޭނާ ޓެކްސީއަށް އަރައި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ހޮޓަލެއްގެ ނަން ބުނެ، އެތަނަށް ދެވޭނެ އިރަކާއި، ހުޅުމާލޭގައި މީހުން އާބާދުވިއިރެއް ވެސް ޓެކްސީ ޑްރައިވަރު ގާތު އަހައެވެ.

އެއަށްފަހު ހޮޓަލަށް ދެވުމުން، ޓެކްސީއަށް ދައްކަން ޖެހެނީ ކިހާ ވަރެއްތޯ އެހުމުން، ހަތް ޑޮލަރު ނުވަތަ 100 ރުފިޔާ ދޭން ބުނާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

އެ ފައިސާ ދިނުމަށް ފަހު އެ ވީޑިއޯގައި ކެން ވަނީ، އަސްލު އެ ދަތުރަށް ދައްކަން ޖެހޭނީ 80 ރުފިޔާކަން ފާހަގަކޮށްފައެވެ. އަދި ޓެކްސީތަކުން ނަގަން ޖެހޭ ފައިސާގެ އަދަދު އެއާޕޯޓުގައި ހުންނަ ބޯޑަކުން ދައްކައިފައިވާކަން ވެސް އޭނާ ފާހަގަކުރިއެވެ.

https://youtube.com/shorts/JF9F2h_6-7s?si=3kpBJeB0J5vxF2hc

އެ ވީޑިއޯ މިހާތަނަށް ފަސް ލައްކައަށް ވުރެ ގިނަ މީހުން ބަލައިފައިވާއިރު، 200 ވުރެ ގިނަ ކޮމެންޓު ވެސް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ދިވެހީން ވެސް ހިމެނޭއިރު، ޓެކްސީތަކުން އިތުރަށް ފައިސާ ނެގުން، ޚާއްސަކޮށް ފަތުރުވެރީންގެ އަތުން އިތުރަށް ފައިސާ ނަގާ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، ފުލުހުންނަށް ހުށަހަޅާ އެފަދަ މައްސަލަތަކާއި ފުލުހުންގެ ސަމާލުކަމަށް އަންނަ އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. އަދި، އެ ވީޑިއޯއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ގަވައިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި، އެ ފަތުރުވެރިޔާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، އެދަތުރުތަކުގެ ވީޑިއޯތައް އޭނާގެ ޔޫޓިއުބްގައި ހާމަކުރަމުން އަންނަ ކޮންޓެންޓް ކްރިއޭޓަރެކެވެ. ކެން އެބްރޯޑް ޝޯޓްސްގެ ނަމުގައި ޔޫޓިއުބްގައި މިހާތަނަށް 580 ވީޑިއޯ އާންމުކޮށްފައިވާއިރު، ބައެއް ވީޑިއޯތަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. 327،000 މީހުން މިހާތަނަށް އެ އެކައުންޓު ވަނީ ފޮލޯކޮށްފައެވެ.

https://sun.mv/192149

ފަތުރުވެރިއެއްގެ އަތުން ގަވައިދާ ޚިލާފަށް ޓެކްސީ ދަތުރަކަށް ރުފިޔާ ނެގިއިރު، މީގެ ކުރިން އެފަދަ މައްސަލަތައް ފެންމަތިވެއެވެ. އެހެންވެ، މިދިޔަ އަހަރުގެ މެއި މަހުގެ 12ގައި ޓެކްސީ އަގުތަކަށް ބަދަލު ގެނެސް ޓެކްސީ ކުރުމުގެ ގަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ.

comment ކޮމެންޓް