މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ދޫކުރާ ލިޔުންތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު އެ އޮތޯރިޓީން ޖަހައިދިނުމަށް، ކަމާ ގުޅޭ އުސޫލެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.
ރާއްޖޭގައި މަތީ ތައުލީމު ހާސިލު ކުރި ކަމަށް ބުނެ ފޭކް ސެޓްފިކެޓް ހުށަހެޅުން މިފަހުން ވަނީ ވަރަށް އާންމުވެފައެވެ.
އާ އުސޫލުގެ މަގުސަދެއް ކަމަށް އެމްކިޔުއޭއިން ބުނަނީ، އެ އޮތޯރިޓީން ދޫކޮށްފައިވާ އެކި ލިޔުންތަކުގެ ކޮޕީގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގައި އެ އޮޓޯރިޓީން އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި، އިޖުރާއަތްތައް އެކުވަލާލުން ކަމަށެވެ.
އޭގެއިތުރަށް، އެ އޮޓޯރިޓީން ދޫކޮށްފައިވާ ރަސްމީ ލިޔުންތަކުގެ ކޮޕީ އެހެން ފަރާތްތަކަށް ހުށަހެޅުމުގައި އެ ލިޔުންތަކުގެ ސައްހަކަން ފަސޭހަކޮށް، ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން ވެސް ހިމެނެއެވެ.

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު: ދެން ތައުލީމީ ސެޓްފިކެޓުތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދޭނީ އެމްކިއުއޭއިން އެކަނި -- ފޮޓޯ/ އެމްކިއުއޭ
އެމްކިއުއޭއިން އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދޭ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ، ވެލިޑޭޓުކޮށްދޭ ސަނަދުތަކުގެ ކޮޕީއާއި އެސެސްމަންޓު ރިޕޯޓު ކޮޕީއާއި ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް ލިޔުމުގެ ކޮޕީއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ސަނަދު ގަބޫލުކުރުމަށް ފަހު ދޫކުރާ ލިޔުމުގެ އިތުރަށް އެމްކިއުއޭއިން ދޫކުރާ އެހެނިހެން ލިޔުންތަކުގެ ކޮޕީގައެވެ.
އެމްކިއުއޭއިން ދޫކުރާ ލިޔެކިޔުމުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހަައިދިނުމަށް ފީއެއް ނަގާނެއެވެ. އެގޮތުން، ވެލިޑޭޓުކޮށްދޭ ސަނަދާއި އެސެސްމަންޓް ރިޕޯޓާއި އިންޓެންޑެޑް ލެޓާގެ ކޮޕީގެ ކޮންމެ ސަފުހާއަކަށް 10 ރުފިޔާގެ ފީއެއް ނަގައެވެ. އަދި، ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށް ފަހު ދޫކުރާ ލިޔުމުގެ ކޮންމެ ސަފުހާއަކަށް ނަގާނީ 20 ރުފިޔާ ކަމަށް އުސޫލުގައިވެއެވެ.
ލިޔުންތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދެވޭ ގޮތަށް އުސޫލެއް އާންމުކުރިއިރު، އެމްކިއުއޭގެ ޕްރޮގްރާމު އޮޑިޓު ނުހަދައި، ގްރެޖުއޭޝަންގައި ދަރިވަރުންނަށް ސަނަދު ދޭ ތިން މަރުކަޒަކަށް އެކަން ހުއްޓާލަން އަންގައި މިދިޔަ މަހު ވަނީ ނޯޓިސް ދީފައެވެ.