އެމްޓީސީސީގެ ބަހެއްގެ ދަށުވެ މަރުވި ބޭރު އަންހެން މީހާގެ މައްސަލަ ހައިކޯޓަށް

ޔުކްރެއިން އަންހެނަކު މަރުވި އެކްސިޑެންޓް: އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ވަނީ ފަށައިފައި -- ފައިލް ފޮޓޯ

ހުޅުމާލޭގައި މީގެ ހަ އަހަރު ކުރިން ހިނގި ބަސް އެކްސިޑެންޓެއްގައި ޔުކްރެއިންގެ އަންހެނަކު މަރުވި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ފަށައިފިއެވެ.

ހުޅުމާލޭގައި މެއި 6، 2019ގައި ހެނދުނު ޖޮގިންއަށް ނުކުމެ އުޅުނު 31 އަހަރުގެ ޔުކްރެއިންގެ އަންހެނެއްގެ ގައިގައި ބަހެއް ޖެހުނެވެ. އެމްޓީސީސީގެ އެ ބަސް އަންހެން މީހާގެ ގައިގައި ޖެހުނީ، ބަސް ޑްރައިވަރު ނިދިޖެހިފައި އިންދާ ރޭހަށް ލެވިގެން ކޮންޓްރޯލް ނުވެ ދިޔަ ބަސް ދަށުވެގެން ކަމަށް ދައުލަތުން ޝަރީއަތުގައި ބުންޏެވެ.

އެ މައްސަލަ ފުރަތަމަ ހިންގީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައެވެ.

އެ ކޯޓުން އެ މައްސަލައިގައި ބަސް ޑްރައިވަރުގެ މައްޗަށް ޖަލު ހުކުމެއް އިއްވުމުގެ އިތުރުން، އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔައެއް ނަގައިދިނުމަށްވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ބަސް ޑްރައިވަރުގެ ފަރާތުންނެވެ. ބަސް ޑްރައިވަރުގެ ފަރާތުން ހުށަހެޅި މި މައްސަލައިގެ އަޑު އެހުންތައް މި ހަފުތާގައި ހައިކޯޓުންވަނީ ފަށާފައެވެ.

އެ މައްސަލައިގެ އިސްތިއުނާފުގައި ބަސް ޑްރައިވަރުގެ ފަރާތުން ބުނެފައިވަނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބަކީ ޑްރައިވަރުގެ ގަސްތެއް އޮވެގެން ނޫން ކަމަށެވެ. އަދި އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔަ ނަގައިދޭން ހުކުމްކޮށްފައިވަނީ މަރުގެ ދިޔަ އިސްމާލީ ޝަރީއަތުގައި ހައްގުވާ މީހަކަށްތޯ ސުވާލު އުފައްދައި، ޑްރައިވަރުގެ ފަރާތުން އެދިފައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށެވެ.

ދިވެހި އަންހެނަކާ އެކު، ހެނދުނު ޖޮގިންއަށް ނުކުމެ އުޅެނިކޮށް ޔުކްރެއިނުގެ އަންހެންމީހާ ބަހުގެ ދަށުވިއިރު އެ ބަސް ދުއްވާފައި ދިޔައީ އެ މީހާގެ ގައިގެ މަތިން ކަމަށްވެއެވެ. ކުރީގެ ރިކޯޑްތައް ދައްކާ ގޮތުން، އެކްސިޑެންޓްގައި އެ އަންހެން މީހާގެ ހަށިގަނޑު އޮތީ ޗިސްވެފައެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ އެ މައްސަލައިގެ އަޑު އެހުންތައް އިއްޔެ ނިންމާލީ، އިތުރު އަޑު އެހުމެއް ބާއްވާނެކަން އިއުލާން ކުރެއްވުމަށް ފަހުގައެވެ.

comment ކޮމެންޓް