އެޕަލް ކުންފުނިން އަންގާރަ ދުވަހު ތައާރަފުކުރި އައިފޯން އެއާގެ ޑިޒައިން ރީތި ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އޭއައި ފީޗާތަކާމެދު ސުވާލު އުފައްދަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިފޯން އެއާއަކީ، އެޕަލްއިން މިހާތަނަށް ނެރުނު އެންމެ ތުނި އަދި އެންމެ ރީތި ފޯނު ކަމަށް އެނެލިސްޓުން ދެކެއެވެ. އެ ޑިޒައިނަށް ތައުރީފު ކުރި ނަމަވެސް، ފޯނުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތަކުގެ ގާބިލިއްޔަތާމެދު ބައެއް އެނެލިސްޓުން ވަނީ ސުވާލު އުފައްދައިފައެވެ.
ފާއިތުވި އަށް އަހަރުގެ ތެރޭގައި އައިފޯނަށް ގެނައި އެންމެ ބޮޑު ބަދަލުތަކާއެކު އައިފޯން އެއާ ތައާރަފުކުރިއިރު، އޭއައި ދާއިރާގައި އެޕަލް އަދިވެސް ފަހަތުގައިވާ ކަމުގެ ކަންބޮޑުވުންތައް ބައެއް ފަރާތްތަކުން ފާޅުކުރެއެވެ.
އެނަލިސްޓުން ބުނާ ގޮތުގައި އައިފޯން އެއާގެ ޑިޒައިން ގިނަަ ބަޔަކަށް ކަމުދިޔުމުގެ ނަތީޖާއަކަށް ވާނީ އައިފޯން އަޕްގްރޭޑް ކުރާ މީހުންގެ އަދަދު ވެސް އިތުރުވުމެވެ. ނަމަވެސް، ގޫގުލް ފަދަ ކުންފުނިތަކުން އޭއައިގެ ދާއިރާއިން ކުރިއަރާފައިވާއިރު، އެޕަލްގެ އޭއައިގެ ގާބިލިއްޔަތާމެދު ސުވާލުތަކެއް އެބަހުއްޓެވެ.
ޚާއްސަ ގޮތެއްގައި، އައިފޯން އެއާގެ އޭއައި ފީޗާތަކަކީ ވާދަވެރި ފޯނުތަކުގައި ފެންނަފަދަ އެޑްވާންސްޑް ޖެނެރޭޓިވް އޭއައި ގާބިލިއްޔަތުތަކެއް ހިމެނޭ ފޯނެއް ނޫން ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން، ޔޫޒަރުންނަށް ޕާސަނަލައިޒްޑް އަދި އިންޓެރެކްޓިވް އޭއައި ތަޖުރިބާތައް ފޯރުކޮށްދިނުމުގައި އެޕަލް ފަހަތަށް ޖެހިފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މީގެ އިތުރުން އައިފޯން އެއާގައި ހުންނަނީ އެންމެ ކެމެރާއެއް ކަމަށްވާއިރު، އައިފޯން 17 ގައި ދެ ކެމެރާ އަދި ޕްރޯ މޮޑެލްތަކުގައި ތިން ކެމެރާ ހުރެއެވެ.
ނަމަވެސް، އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަން (އައިޑީސީ)ގެ ސީނިއާ ރިސާޗް ޑިރެކްޓަރު ނަބީލާ ޕޮޕާލް ވިދާޅުވީ، އެޕަލްއިން ރޭހުގެ ފަހަތުގައި އުޅުނު ނަމަވެސް، އެންމެ ރަނގަޅު ބަދަލުތައް ގެންނަ ކަމަށެވެ. އަދި އައިފޯން އެއާގެ އަގު ހެޔޮކަމުން، މިއީ ވަރަށް ގިނަ ބަޔަކު ގަންނާނެ ފޯނެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އައިފޯން އެއާގެ މައިގަނޑު ސިފަތަކުގެ ތެރޭގައި 5.6 މިލިމީޓަރުގެ ތުނި ޑިޒައިނަކާއި، ދުވަހުގެ ބޭނުންތަކަށް ފުދޭވަރަށް ހުންނަ ހައި-ޑެންސިޓީ ބެޓެރީއެއް ހިމެނެއެވެ. މީގެ އިތުރުން އޭއައި މަސައްކަތްތަކަށް ޚާއްސަކޮށްފައިވާ އާ އޭ19 ޕްރޯ ޕްރޮސެސަރާއި، މުޅިން އާ ކޮމިއުނިކޭޝަން ދެ ޗިޕްވެސް ހިމެނެއެވެ.
ފޯނުގެ ބޭރުގައި ޓައިޓޭނިއަމް ފްރޭމަކާއި ސެރެމިކް ޝީލްޑް ގްލާސް ބޭނުންކޮށްފައިވާތީ، ފޯނު ވަރަށް ވަރުގަދަވާނެ ކަމަށް އެޕަލްއިން ބުނެއެވެ.
އައިފޯން އެއާގެ އަގު ސެމްސަންގްގެ ގަލެކްސީ S25 އެޖްއަށްވުރެ 100 ޑޮލަރު ދަށެވެ. މީގެ އިތުރުން އެޕަލްއިން އައިފޯން 17، 17 ޕްރޯ އަދި 17 ޕްރޯ މެކްސް ވެސް ތައާރަފުކޮށްފައިވެއެވެ.
އައިފޯން އެއާގެ ފެށޭ އަގަކީ 999 ޑޮލަރު ކަމަށްވާއިރު އައިފޯން 17ގެ ފެށޭ އަގަކީ 799 އެވެ. އަދި 17 ޕްރޯގެ އަގުތައް ފެށެނީ 1099 ޑޮލަރުންނެވެ.