ބޮލީވުޑްގެ ބަތަލާ ކަރިޝްމާ ކަޕޫރުގެ ދެ ކުދިން ކަމަށްވާ ސަމައިރާ އާއި ކިއާންއަށް އެ ކުދިންގެ ބައްޕަގެ މުދަލުން އެއްވެސް ބައެއް ދިނުމަށް ވަސިއްޔަތްކޮށްފައި ނުވާތީ އެ މައްސަލަ ނިއު ދިއްލީގެ ހައިކޯޓަށް ހުށަހަޅައިފިއެވެ.
މި އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު މަރުވެފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ޕޯލޯ މެޗެއް ކުޅެން ހުއްޓާ ކުއްލި ގޮތަކަށް ހާޓް އެޓޭކްއެއް ޖެހިގެން ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.
ކަރިޝްމާގެ ދެ ކުދިންގެ ފަރާތުން ނިއު ދިއްލީގެ ހައިކޯޓަށް މައްސަލަ ހުށަހަޅާފައި މިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ މަރުވިއިރު އޭނާގެ މިލްކިއްޔާތުގައި ހުރިހާ މުދަލެއް އަންހެނުން ޕްރިޔާ ކަޕޫރަށް ދީފައިވާ ކަމަށް ބުނާ ވަސިއްޔަތެއް އޮތުމުން އެ މައްސަލަ ސަންޖޭގެ އާއިލާގެ ފަރާތުން ވެސް ފެންމަތިކޮށްފައި ވަނިކޮށެވެ.

ކަރިޝްމާ ކަޕޫރު ދެ ކުދިންނާ އެކު ސަންޖޭގެ އާއިލާ--ފޮޓޯ/އިންޑިއާފޯރަމްސް
ސަންޖޭ މަރުވިއިރު އޭނާގެ މިލްކިއްޔާތުގައި ހުރި މުދަލުގެ އަގު 3.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަންޖޭ އާއި ކަރިޝްމާގެ ކައިވެންޏަށް ލިބިފައިވާ ދެ ކުދިންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ ސަންޖޭގެ އަންހެނުން ޕްރިޔާ ވަނީ ސަންޖޭގެ ވަސިއްޔަތް ފޯޖުކޮށްފައި ކަމަށާއި އެ ވަސިއްޔަތުގައި ބުނާގޮތުން ކަރިޝްމާގެ ދެ ކުދިންނަށް ބައްޕަގެ މިލްކިޔާތުގެ އެއްވެސް ހިއްސާއެއް ދީފައި ނުވާތީ އެ މައްސަލަ ބަލައިދިނުމަށެވެ.
މި މައްސަލައިގެ އަޑު އެހުންތައް ހައި ކޯޓުގައި ބާއްވާފައިވާއިރު ސަންޖޭގެ އަންހެނުން ޕްރިޔާގެ ލީގަލް ޓީމްގެ ސީނިއަ ވަކީލު ރާޖީވް ނަޔަރު ކޯޓުގައި ބުނެފައި ވަނީ، ކަރިޝްމާގެ ކުދިންގެ ފަރާތުން މައްސަލަ ހުށަހެޅުމުގެ ފަސް ދުވަސް ކުރިން ސަންޖޭގެ މިލްކިޔާތުން 1،900 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 216 މިލިއަން އެމެރިކާ ޑޮލަރު)ގެ އަގުހުރި އެސެޓު އަދި ހިއްސާ ކުދިންނަށް ދީފައިވާ ކަމަށެވެ.
އެއީ އެ އާއިލާގެ ރާނީ ކަޕޫރު ޓްރަސްޓް ކަމަށް ވެސް ވަކީލު ވަނީ ބަޔާންކޮށްފައެވެ. އެވަރުވެސް ކަރިޝްމާގެ ދެ ކުދިންނަށް ނުފުދެނީތޯ އާއި އެ ކުދިން ބޭނުންވެގެން އުޅެނީ ކިހާ އަދަދެއްގެ މުދަލެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް ކައިކޯޓުގައި ޕްރިޔާގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅިގެން ކަރިޝްމާއަށާއި ބަތަލާގެ ދެ ކުދިންނަށް އާއްމުންގެ ހަމްދަރުދީގެ ބަސްތައް ލިބެމުން އަންނައިރު ގިނަ ބަޔަކު ބުނެފައި ވަނީ ސަންޖޭގެ ދެ ކުދިންނަށް އޭނާގެ މިލްކިއްޔާތުގެ ހިއްސާ ލިބެންޖެހޭނެ ކަމަށެވެ.
މިހާރު އެ ކުދިންނަށް ދީފައިވާ ހިއްސާ އަކީ ސަންޖޭގެ މުޅި މިލްކިއްޔާތުގެ އަގާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެއް ކަމަށާއި އެ މައްސަލަ އިންސާފުވެރިކޮށް ނިމޭނެ ކަމަށް އުއްމީދުކުރާ ކަމަށް އާއްމުންގެ ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ސަންޖޭގެ ދޮށީ ދަރިފުޅު ސަމައިރާގެ ފަރާތުން މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ މަންމަ ކަރިޝްމާ ކަޕޫރެވެ. މި މައްސަލައިގެ ޖެނެރަލް ޕަވަ އޮފް އެޓާނީގެ ގޮތުގައި ހަމަޖައްސާފައި ވަނީ ވެސް ކަރިޝްމާއެވެ.
ސަންޖޭ އާއި ކަރިޝްމާގެ ފިރިހެން ދަރިފުޅު ކިއާން އަކީ އަދި 18 އަހަރު ނުފުރޭ ކުއްޖެއް ކަމުން އޭނާގެ ފަރާތުން ކޯޓުގެ އަޑުއެހުންތަކަށް ހާޒިރު ވަނީ ކަރިޝްމާއެވެ.
މި ކޯޓުގެ ދެވަނަ އަޑު އެހުން ދެން ބާއްވާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ސަންޖޭގެ މިލްކިއްޔާތުގައި ހުރި ހުރިހާ މުދަލަކާއި އެ މުދާތައް ބަހާލެވިފައިވާ ގޮތުގެ ތަފުސީލު ހައިކޯޓުގެ ފަނޑިޔާރަށް ހުށަހެޅުމަށް ސަންޖޭގެ އަންހެނުން ޕްރިޔާގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ބޮލީވުޑްގެ 90އިގެ އަހަރުތަކުގައި ވިދާލި ބަތަލާ ކަރިޝްމާ އާއި ސަންޖޭގެ ކައިވެނި ކުރީ 2003 ވަނަ އަހަރުއެވެ. ސަންޖޭ އާއި ކަރިޝްމާގެ ވަރީގެ މައްސަލައަށް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބުނުއިރު ވަރީގެ މައްސަލަ ނިމުނީ 2016 ވަނަ އަހަރުއެވެ. ސަންޖޭ މިހާތަނަށް ތިން ކައިވެންޏެއް ކޮށްފައިވާއިރު އެންމެފަހުގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.