އިސްރާއީލަށް ސަޕޯޓު ކުރާ ބްރޭންޑުތަކާއި ކުންފުނިތަކާއެކު މަސައްކަތް ކުރުން ހުއްޓާލުމަށް ނިންމައި ހޮލީވުޑްގައި މަސައްކަތް ކުރާ 3،900 އަށްވުރެ ގިނަ ތަރީންނާއި އިންޑަސްޓްރީގެ ކްރޫއިން ވައުދުވެއްޖެއެވެ.
ފަލަސްތީނުގެ އާންމުން ގަތުލުކުރަމުން ގެންދިޔުމާ ދެކޮޅަށް އެތައް ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. މީގެ ކުރީން ހޮލީވުޑްގައި ގިނަ ބަޔަކު އިސްރާއިލަށް ސަޕޯޓު ކުރަމުން އައި ނަމަވެސް އެ ސަޕޯޓު އަންނަނީ ގެއްލެމުންނެވެ. ހޮލީވުޑްގެ ބޮޑެތި ކުންފުނިތަކަކީ އިސްރާއިލަށް ސަޕޯޓު ކުރާ ކުންފުނިތަކަށް ވުމުން އިންޑަސްޓްރީގައި މަސައްކަތް ކުރާ ގިނަ ބައެއްގެ އަނގަތައް އޮތީ ބަންދު ކޮށްފައެވެ.
އެހެންނަމަވެސް އެ އަޑުތަކާ ދެކޮޅަށް އެތައް ފަންނާނުން އަންނަނީ ތެދުވަމުންނެވެ. އަދި ހޮލީވުޑްގެ ބޮޑެތި ނަންތައް މީގެ ކުރީންވެސް ފަލަސްތީނަށް ސަޕޯޓު ކުރަމުން އައި އިރު މިހާރު އެ ފަންނާނުންގެ އަޑުތައް ވަރުގަދަކޮށް މަސައްކަތްތައް ވަނީ އިތުރުކޮށްފައެވެ.
އަލަށް ލިޔުމުން އާންމުކޮށްފައިވާ ވައުދުގައި އިސްރާއިލު ބޮއިކޮޓު ކުރުމަށް 3،900 އަށްވުރެ ގިނަ ފަންނާނުން އެކީގައި ގޮވާލާފައިވެއެވެ. އަދި އިސްރާއިލަށް ސަޕޯޓުކޮށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކާއެކު މަސައްކަތް ނުކުރާނެ ކަމުގެ ވައުދުވެސް ވަނީ ވެފައެވެ.
އޭގެތެރޭގައި ފާހަގަކޮށްލެވޭ ބޮޑެތި ނަންތައް އެބަހުއްޓެވެ. އެގޮތުން ހޮލީވުޑް އޭލިސްޓު ތަރިން ކަމަށްވާ މާކް ރަފަލޯ އާއި އޮލިވިއާ ކޯލްމަން އާއި އަޔޯ އެޑެބެރީ އަދި ޖޯޝް އޮކޯނާ ފަދަ ތަރީން ހިމެނެއެވެ. މީގެ އިތުރުން މެލިސާ ބެރޭރާ އާއި އެމާ ސްޓޯން އާއި ހަވިއޭ ބާޑެމް އާއި ރިޒް އަހުމަދުގެ އިތުރުން އެއިމީ ލޫ ވުޑް އާއި ނިކޮލާ ކޮކްލިން އަދި ޖޯ އެލްވިން ފަދަ ބޮޑެތި ތަރީން ހިމެނެއެވެ.
މި ލިސްޓުގައި އެންމެ ފާހަގަކޮށްލެވޭ ނަންތަކަކީ އެންމެ ކުރީންވެސް ފެށިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކަމުން ގެންދިޔަ ފަންނާނުންނެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ހޯދުމަށް އެދި މި ތަރީންތައް ވަނީ 2023ގެ ކުރީންވެސް ވާހަކަ ދައްކާފައެވެ.