އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ޕްރިންސް ހެރީ ބައްޕާފުޅާ ބައްދަލުކުރައްވައިފި

ޕްރިންސް ހެރީ. ހެރީ ވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ބައްޕާފުޅާ ބައްދަލުރައްވާފައި. ފޮޓޯ/އޭޕީ

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަގެ ދަރިކަނލުން ޕްރިންސް ހެރީ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ބައްޕާފުޅާ ބައްދަލުކުރައްވައިފިއެވެ.

ބަކިންހަމް ޕެލަސް އިން ކަށަވަރުކޮށްދިން ގޮތުގައި ޗާލްސް އާއި ހެރީ އިއްޔެ އެކުގައި ވަގުތު ހޭދަކުރެއްވީ ލަންޑަނުގައި ހުންނަ ރަސްގެފާނު ދިރިއުޅޭ ކްލެރެންސް ހައުސްގައެވެ.

ޖުލައި މަހު ޗާލްސްގެ މަންދޫބުންނާއި ހެރިއާއެކު ބޭއްވި ބައްދަލުވުމަކީ ޝާހީ އާއިލާ އާއި ހެރީގެ ގުޅުން ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް މީޑިއާތަކުން އޭރު ރިޕޯޓުކުރިއެވެ.

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލް ވަނީ 2020 ގައި ޝާހީ އާއިލާގެ ޒިންމާތައް ދޫކޮށްލައްވައި، ދިރިއުޅުން އެމެރިކާއަށް ބަދަލުކުރައްވާފައެވެ.

ޝާހީ އާއިލާއާ އޮންނަ ގުޅުން އިތުރަށް ހީނަރުވީ ޝާހީ އާއިލާއިން އެ ދެމަފިރިންނާ މެދު އަމަލުކުރި "ނިކަމެތި" ގޮތާއި ނަސްލީ ތަފާތުކުރުމުގެ ވާހަކަތައް އޯޕްރާ ވިންފްރީއަށް ދެއްވި އިންޓަވިއުއެއްގައި ހާމަ ކުރި ހިސާބުންނެވެ.

އޯޕްރާއަށް ހެރީގެ ދެކަނބަލުން ދެއްވި އެ އިންޓަވިއު އަކީ 2018 ގައި ކައިވެނި ބައްލަވައިގަތް ފަހުން އެހާ ފާޅުކަން ބޮޑުކޮށް ޝާހީ އާއިލާއާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ހެރީ ބާއްޕާފުޅާއި އެންމެ ފަހުން ބައްދަލުވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެއީ ޗާލްސްއަށް ކެންސަރު ޖެހިވަޑައިގެންނެވިކަމުގެ ޚަބަރު ލިބިވަޑައިގަތުމުންނެވެ.

ހެރީއާއި ބޭބެ އަދި ޗާލްސް ތިންވަނައިގެ ދޮށީ ދަރިކަނލުން ޕްރިންސް ވިލިއަމްއާވެސް މާބޮޑު ގުޅުމެއް ނޯންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް