ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ހިނދުކޮޅަކަށް ލެރީ އެލިސަންއަށް

އޮރެކަލްގެ ކޯ ފައުންޑާ ލެރީ އެލިސަން -- ފޮޓޯ/ގެޓީ

އޮރެކަލް ކުންފުނީގެ އެއް ބާނީ، ލެރީ އެލިސަންއަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ހިނދުކޮޅަކަށް ލިބިއްޖެއެވެ.

ބްލޫމްބާގް ބިލިޔަނާސް އިންޑެކްސްއިން ދައްކާ ގޮތުގައި އިއްޔެ ހެނދުނު އެލިސަންގެ މިލްކިއްޔާތު ވަނީ، އެންމެ މުއްސަނދި މީހާ ކަމަށްވާ އިލޯން މަސްކްއަށްވުރެ އިތުރުވެފައެވެ. އެގޮތުން މަސްކްގެ މިލްކިއްޔާތު 385 ބިލިއަން ޑޮލަރުގައި ހުއްޓައި، އެލިސަންގެ މިލްކިއްޔާތު ވަނީ 393 ބިލިއަން ޑޮލަރަށް އަރައިފައެވެ.

އެލިސަންގެ މުއްސަނދިކަން އިތުރުވީ އޭނާގެ ސޮފްޓްވެއާ ކުންފުނި އޮރެކަލްގެ ހިއްސާގެ އަގު 40 ޕަސެންޓް އިތުރުވުމާ ގުޅިގެންނެވެ. އެ ބަދަލު އައީ ކުންފުނިން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަށް ހެދި އެއްބަސްވުންތަކާއި، ކްލައުޑްއަސް ގެންނަ ބަދަލުތަކުގެ ސަބަބުންނެވެ.

އޮރެކަލް އިން ލަފާކުރާ ގޮތުގައި މި އަހަރު އެ ކުންފުނީގެ ކްލައުޑް ވިޔަފާރި އާމްދަނީ 77 ޕަސެންޓް އިތުރުވެ، 18 ބިލިއަން ޑޮލަރަށް އަރާނެއެވެ. އަދި އަންނަ އަހަރު 32 ބިލިއަން ޑޮލަރަށް އަރައި 2027ގައި 73 ބިލިއަން ޑޮލަރަށް އަރާނެއެވެ. އަދި ޖެހިގެން އަންނަ އަހަރު 114 ބިލިއަން ޑޮލަރަށް އަރައި، 2029ގައި އާމްދަނީ ހުންނާނީ 144 ބިލިއަން ޑޮލަރުގައި ކަމަށް އޮރެކްލްއިން ލަފާކުރެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވެސް ގާތް ގުޅުމެއް އޮންނަ އެލިސަން ވައިޓް ހައުސްގެ ޓެކްނޮލޮޖީ އިވެންޓްތަކުން ވަރަށް ގިނައިން ފެންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަނާތު ފިޔައިގެ ސިޔާސީ މީހުންނަށް މަސްކުގެ ތާއީދު ހާމަކުރަމުން ދިއުމުގެ ސަބަބުން، ގިނަ ބައެއްގެ މެދުގައި އޭނާގެ މަގުބޫލުކަން ގެއްލި، މި އަހަރު މަސްކުގެ ޓެސްލާ ކުންފުނީގެ ވިޔަފާރިއަށް ނޭދެވޭ އަސަރުކޮށްފައެވެ. ނަމަވެސް އޭނާއަށް އެންމެ މުއްސަނދި މީހާގެ މަގާމު ހިނދުކޮޅަކަށް ގެއްލުމަށްފަހު، ފަހުން އަނެއްކާވެސް ވަނީ ލިބިފައެވެ.

އެލިސަން އާއި މަސްކަށްފަހު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި ދެން ހިމެނެނީ މެޓާގެ ބާނީ މާކް ޒަކަބާގް އާއި އެމެޒޯންގެ ބާނީ ޖެފް ބެޒޯސް އާއި ގޫގުލްގެ ބާނީން ކަމަށްވާ ލެރީ ޕޭޖްއާއި ސާޖީ ބްރިންއެވެ.

comment ކޮމެންޓް