ގޯތީގެ މައްސަލަ: އެޗްޑީސީގެ ކުރީގެ ސީބީއޯއަށް ލައްކައެއްގެ ބަދަލު ދޭން އެންގުން އިސްތިއުނާފުކޮށްފި

އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން: ޔާމީންގެ މައްސަލަ އެޗްޑީސީންވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި -- ފޮޓޯ: އެޗްޑީސީ

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގި ތަހުގީގާ އެކު، މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކުރުމަށް ފަހު، އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެންގި އެންގުން، އެޗްޑީސީން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބަލަހައްޓާ ހުޅުމާލެއިން، ބިންވެރިޔާ ސްކީމުގެ ދަށުން ނުހައްގުން ގޯތިތަކެއް ދިން ކަމުގެ ތުހުމަތުތަކެއް މިދިޔަ އަހަރުގެ ފަހުކޮޅު ފެންމަތިވިއެވެ.

އެ މައްސަލައިގެ ތަހުގީގުތައް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ފެށިއިރު، އެ މައްސަލައިގައި އެޗްޑީސީގެ 15 މުވައްޒަފަކު މަގާމުން ވަކިކުރިއެވެ.

https://sun.mv/210134

އޭގެ ތެރެއިން، ޔާމީން މަގާމުން ވަކިކުރީ، މި އަހަރުގެ ކުރީކޮޅެވެ. އޭނާއާއެކު އެ ކުންފުނީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު އަބްދުﷲ ފާއިދުވެސް މަގާމުން ވަކިކުރިއެވެ. އެ ދެ މީހުން މަގާމުން ވަކިކުރުމުގެ ކުރިން ސަސްޕެންޑްވެސް ކުރިއެވެ. ނަމަވެސް ގޯތީގެ މައްސަލައާ އެ ދެ މީހުންނާ ގުޅުން އޮތް ކަމެއް ސާފެއް ނުވެއެވެ.

އެ ދެ މީހުން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ ޓްރައިބިއުނަލުން އަންގައިފައިވަނީ ޔާމީން މަގާމުން ވަކިކުރި މައްސަލައިގައި، އޭނާއަށް ގެއްލުމުގެ ބަދަލުގައި 144،000 ރުފިޔާ ދިނުމަށެވެ. އެއީ ޔާމީންގެ މުސާރަ ކަމަށްވާ 24،000 ރުފިޔާގެ މަގުން ހަ މަސް ދުވަހުގެ މުސާރައެވެ.

އޭގެ އިތުރުން ނިމިދިޔަ ރޯދަ މަހުގެ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާއާއި، މިދިޔަ އަހަރުގެ ބޯނަސް ވެސް އޭގެ ތެރޭގައި ހިމަނައިފައިވެއެވެ. އަދި މި މައްސަލައިގައި ޓްރައިބިއުނަލްގައި ޔާމީންގެ ފަރާތުން ލީގަލް ޓީމެއް ނަގާފައިވާތީ، ލީގަލް ފީގެ ގޮތުގައި 20،000 ރުފިޔާ ނަގައިދިނުމަށްވެސް ޓްރައިބިއުނަލުން އެންގިއެވެ.

ޓްރައިބިއުނަލުން އަންގާފައިވަނީ ޔާމީނަށް ދޭން ޖެހޭ ބަދަލާއި ބޯނަސް އަދި ރޯދަ އިނާޔަތާއި ލީގަލް ފީ ދެ މަސް ދުވަހުގެ ތެރޭގައި ދިނުމުގެ އިތުރުން ވަޒީފާ އަލުން އިއާދަކޮށްދިނުމަށެވެ.

ޓްރައިބިއުނަލްގެ މި ނިންމުން ތަންފީޒުކުރުމުގެ ބަދަލުގައި އެޗްޑީސީން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު، އެޗްޑީސީންވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. އެކަމަކު އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމި ކަމެއް އެނގިފައެއް ނުވެއެވެ.

ބިންވެރިޔާ ސްކީމާ ގުޅިގެން ދޫކުރި ގޯތިތަކުގެ މައްސަލައިގައި ތުހުމަތުކުރެވިގެން 24 މީހެއްގެ ޕާސްޕޯޓު ފުލުހުން ހިފެހެއްޓިއެވެ. ނަމަވެސް މި އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހު ފުލުހުން ބުނި ގޮތުގައި އެ އެންމެންގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

comment ކޮމެންޓް