ތަކަންދޫގައި އުމުރުން ދުވަސްވީ ދެމަފިރިން އުޅޭ ގެއަކުން 32،000ރ. ވަގަށް ނަގައިފި

ހއ. ތަކަންދޫ: އެ ރަށުން ބޮޑު ވައްކަމެއް ވަނީ ކޮށްފައި-- ސަން ފޮޓޯ: ޝަފްރާޒް އަލީ

ހއ. ތަކަންދޫގައި އުމުރުން 65 އަހަރުން މަތީގެ ދެމަފިރިން އެކަނި އުޅޭ ގެއަކަށް ވަގުން ވަދެ, އެ ދެމަފިރިން ގެންގުޅުނު 32000ރުފިޔާއަށް ވުރެން ގިނަ ފައިސާ ވަގަށް ނަގައިފިއެވެ.

ކަން ހިނގި ގޮތުގެ މައުލޫމާތު "ސަން" އާ ހިއްސާ ކުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި މިދިޔަ އަންގާރަ ދުވަހު, އެ ރަށު އުތުރުކޮޅުގައި މީހުން އެހާ ގިނައިން ނޫޅޭ ހިސާބެއްގައި ހުރި ގެއަކުން އެ ވައްކަން ކޮށްފައި ވަނީ އާއްމު އުސޫލުން ހަވީރު ވަގުތު އެ ދެމަފިރިން ބަނދަރު މައްޗަށް ދިޔަ ވަގުތު ބަލާފައި ކަމަށެވެ.

އެ ދެމަފިރިން ބޭރަށް ދިޔައީ ގޭގެ ކޮޓަރިތައް ތަޅުލައި, ތަޅުދަނޑި ގޭގެ ވަކި ތަނެއްގައި ފޮރުވާފައި ކަމަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ. އެ ވައްކަން ކޮށްފައި ވަނީ އެ ދެމަފިރިންގެ ކަންކަން ވަރަށް އެނގޭ މީހަކު ނުވަތަ ބަޔަކުކަމަށް ބެލެވޭ ކަމަށާއި އެއީ ފައިސާ ބަހައްޓާފައި ހުރި ކޮޓަރިއަށް ވަދެފައިވަނީ ކޮޓަރީގެ ތަޅު ހަލާކު ނުކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

"ފައިސާ ބަހައްޓާފައި ހުންނަނީ ޓްރެވެލިން ބޭގެއްގައި. އެ ބޭގު ވެސް ތަޅުލާފައި ހުންނަނީ. އެ ތަޅު ހަލާކު ކޮށްލައިފައި ހުރިހާ ފައިސާއެއް ގެންގޮސްފައި ވަނީ," އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ގެއްލުނު ފައިސާގެ ސީދާ އަދަދު ބުނަން އެ ދެމަފިރިންނަށް ނޭނގޭ ކަމަށާއި އެ އަދަދު 30,000 ރުފިޔާއަށް ވުރެން މަތި ވާނެ ކަމަށް އެ ދެމަފިރިން ބުނާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތުގެ ފައިސާ ކަމަށާއި ނަގުދު ފައިސާގެ ގޮތުގައި އެހާ ގިނަ އަދަދެއްގެ ފައިސާ ގޭގައި ބަހައްޓަނީ އެއްޗެއް ގަންނަން ވިޔަސް, ނޫނީ ސިއްހީ ކަމެއް ދިމާވިޔަސް, ނުވަތަ ގޭގެ މަސައްކަތެއް ކުރުވިޔަސް ވަގުތުން ފައިސާ ދޭން ބޭނުންވާތީ ކަމަށް މައުލޫމާތު ލިބެއެވެ.

ތަކަންދޫގައި ފުލުހުންގެ މަރުކަޒެއް މިހާރު ހުންނައިރު މި މައްސަލަ ރިޕޯޓް ކުރުމުން ފުލުހުން އެ ގެއަށް ގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ސާމްޕަލްތައް ވަނީ ނަގައިފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ގެއްލުނު ފައިސާ ވެސް އަދި ހޯދިފައެއް ނުވެއެވެ. ތަކަންދޫގައި މިފަދަ ކުށްތައް ކުރުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު އެ ރަށުގައި އުޅުނު ނަމަވެސް އެހެން ކަހަލަ ކުށްތައް ކުރުމަކީ އެ ރަށުގައި އާއްމު ކަމެއް ނޫނެވެ.

ރަޖިސްޓްރީގައި ނުވަ ސަތޭކައަށް ވުރެން ގިނަ މީހުން ތިބި ނަމަވެސް ތަކަންދޫގައި ދިރިއުޅެނީ ދެތިން ސަތޭކަ މީހުންނެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. ރަށުގައި މީހުން އުޅޭ މިންވަރު މަދުވެފައިވަނީ ތައުލީމު ހާސިލު ކުރުމަށާއި ވަޒީފާ ހޯދުމަށް ޒަމާނުންސުރެއް އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު މާލޭގައި ދިރިއުޅޭތީއެވެ.

comment ކޮމެންޓް