ބ. ދޮންފަނުގެ ބިން ހިއްކުމަށް ސަރުކާރަށް ގޮވާލައި، ސިލްސިލާ މުޒާހާރާތަކެއް ކަނޑުމަތީގައި ކުރަން ނިންމާފައިވާތީ އެރަށުގެ ފަރުގައި ޑައިވް ކުރުން ރަށު ކައުންސިލުން މިއަދު މަނާކޮށްފިއެވެ.
ދޮންފަނު ހިއްކުމަށް އެމްޓީސީސީއަށް ހަވާލުކުރުމަށް ފަހުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެރަށް ނުހިއްކުމަށް ނިންމަވައިފައެވެ. އެއީ، އެކަން ކޮށްފިނަމަ އެ ރަށް ކައިރި އޮންނަ, ގުދުރަތީ ގޮތުން ވަރަށް މުއްސަނދި, އަދި ޓޫރިސްޓުންގެ ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވާ, ހަނިފަރު ބޭއަށް ލިބޭނެ ގެއްލުންތަކާ ގުޅިގެން އެތައް ހާސް ބަޔަކު ކަންބޮޑުވުން ފާޅު ކުރުމާ ގުޅިގެންނެވެ.
އެ ނިންމެވުމާ ގުޅިގެން ނުރުހުން ފާޅުކޮށް އެރަށު ރައްޔިތުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
މިއަދު ދޮންފަނު ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ އެ ކައުންސިލްގެ އިހުތިސާސުގައި ހިމެނޭ ކަނޑުގެ ބައި ކަމަށްވާ، ރަށު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.
މުޒާހަރާ ކުރާ ވަގުތުތަކުގައި އެ ސަރައްދުގައި ފީނުމާއި ޑައިވް ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ދެކޭތީއާއި ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހާދިސާއެއް ހިނގަން ފުރުސަތު އޮތް ކަމަށް ފެންނަ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެހެންވެ، ވަކި ގޮތެއް އެ ކައުންސިލުން އަންގަންދެން މިއަދުން ފެށިގެން ދޮންފަނު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުމާއި ޑައިވް ކުރުން ދޮންފަނު ކައުންސިލުން ވަނީ މަނާކޮށްފައެވެ. އަދި މި އެންގުމާ ޚިލާފުވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގާނެ ކަމަށް ދޮންފަނު ކައުންސިލުން ބުނެއެވެ.
ދޮންފަނުގެ ބިން ނުހިއްކުމަށް ނިންމުމާ ގުޅިގެން، ދޮންފަނު ކައުންސިލް މެންބަރު އަބްދުﷲ އަހްސަން މީގެ ކުރިން 'ސަން'އަށް ވިދާޅުވީ، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދަވާނެކަން ރައީސް އިއުލާނުކުރެއްވީ ކައުންސިލާ ވެސް، ރައްޔިތުންނާ ވެސް މަޝްވަރާ ކުރެއްވުމެއް ނެތި ކަމަށެވެ.
ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ، ހަނިފަރު ބޭއަށް ގެއްލުން ވެދާނެތީ ފާޅުކުރާ ކަންބޮޑުވުންތައް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ހަމަ އެ ރަށް ކައިރި އޮންނަ ދަރަވަންދޫ އެއާޕޯޓު ބޮޑުކުރަން ބިން ހިއްކިިއިރު ވެސް ހަމަ ހުރިހާ ކިސަޑުތަކާއި ނުސާފުކަމެއް ހަނިފަރު ބޭއަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
ދޮންފަނު ހިއްކުން ހުއްޓާލި ނަމަވެސް އެ ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ ވިދާޅުވެފައެވެ.