އިތުރަށް ފައިސާ ދެއްވުމަށް ރައީސް ނިންމެވުމުން، އަދުލު އިންސާފު އަވަސް ވާނެ: ޑީޖޭއޭ

ކްރިމިނަލް ކޯޓުގެ އެތެރެ ރައީސް ބައްލަވާލައްވަނީ: ޝަރުއީ ދާއިރާއަށް ފައިސާ ދިނުމަކީ ކޯޓުތަކަށް ދިމާވާ އިދާރީ ގޮންޖެހުންތަކަށް ލިބޭނެ ބޮޑު ލުޔެއް ކަމަށް ޑީޖޭއޭއިން ވަނީ ބުނެފައި ---- ފޮޓޯ/ ރައީސް އޮފީސް

ޝަރުއީ ދާއިރާއަށް ހިލޭ އެހީގެ ގޮތުގައި ދައުލަތުން ފައިސާ ދިނުމަކީ ޝަރުއީ ކޯޓުތަކަށް ދިމާވާ އިދާރީ ގޮންޖެހުންތަކަށް ލިބޭނެ ބޮޑު ލުޔަކަށްވާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިއަދު ބުނެފިއެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޖުޑިޝަރީގައި މިހާތަނަށް އިދާރީ ގޮތުންނާއި މާލީ ގޮތުން ނެތް މިނިވަންކަން ލިބޭނެ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް އިއްޔެ ކެބިނެޓުގައި މަޝްވަރާކޮށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

އެކަން ކުރެއްވުމަށްޓަކައި، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅައި، ބްލޮކް ގަރާންޓު ނުވަތަ ހިލޭ އެހީގެ ގޮތުގައި ކަނޑައެޅޭ އުސޫލެއްގެ ދަށުން ދޫކުރަން ނިންމަވާފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

https://sun.mv/211158

ރައީސްގެ އެ ނިންމެވުމާ ގުޅިގެން ޝުކުރު އަދާކޮށް، ޑީޖޭއޭއިން މިއަދު ބުނީ، އެއީ ޝަރުއީ ދާއިރާގެ ކުރިމަގަށް ލިބޭނެ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި، އެކަމުގެ ސަބަބުން އަވަސްކަމާ އެއްކޮށް އަދުލު އިންސާފު ފޯރުކޮށްދިނުމަށްޓަކައި ޝަރުއީ ކޯޓުތަކަށް އިދާރީ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބޭނެކަން ޑީޖޭއޭއިން ފާހަގަކުރިއެވެ.

ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ އެހެން ބޭފުޅުންނެކޭ އެއްގޮތަށް ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުމަކީ ރައީސް މުއިއްޒުގެ ވެސް ވައުދުފުޅެކެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވަނީ އެ ހިނދުން ފެށިގެން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައީ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތު ކުރެއެވެ. އެގޮތުން، ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް، އެ ކޯޓުގެ ތިން ފަނޑިޔާރަކަށް މިދިޔަ ފެބްރުވަރީ މަހު ފިޔަވަޅު އަޅައި، އެ ބޭފުޅުން ހައްގުތަކުން މަހުރޫމު ކުރި ކަމުގެ ތުހުމަތު ފެންމަތިވިއެވެ. އެމައްސަލައިގައި އޭރު އުއްތަމަ ފަނޑިޔާރަށް ހުންނެވި އަޙުމަދު މުއުތަސިމް އަދުނާން އެއްޗެއް ވިދާޅުނުވާތީ އެމަނިކުފާނަށް ފާޑުކިޔުން އަމާޒުވިއެވެ.

ހަމައެހެންމެ، މީގެ ކުރިން ފަނޑިޔާރުކަން ކުރައްވާފައި ނުވާ, އަދި ޕީއެންސީގެ އިސް އެކްޓްވިސްޓަކަށް އުޅުއްވި ބޭފުޅަކު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ޖޭއެސްސީން ނިންމުމާއެކު ވެސް އެ ފާޑުކިޔުންތައް ބޮޑުވިއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރައްވާ މެންބަރަކު ވެސް ހިމެނެއެވެ.

comment ކޮމެންޓް