ސްރީލަންކާގެ ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލުުމުގެ ބިލް ފާސްކޮށްފި

ސްރީލަންކާގެ ދައުލަތުގެ ރަސްމީ ގެކޮޅުތަކުގައި ދިރިއުޅުއްވާ އެގައުމުގެ ކުރީގެ ތިން ރަައީސުން

ކޮލަންބޯ (11 ސެޕްޓެމްބަރު 2025) : ސްރީލަންކާގެ ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތްތަކާއި ޚާއްސަ އިމްތިޔާޒުތަކާބެހޭ ގާނޫނު އުވާލުމުގެ ބިލް އެ ގައުމުގެ ޕާލަމެންޓުގެ ބޮޑު އަޣްލަބިއްޔަތަކުން މިއަދު ފާސްކޮށްފިއެވެ.

އެ ބިލް ފާސްކުރީ ޕާލަމެންޓްގައި ހިމެނޭ 225 މެންބަރުންގެ ތެރެއިން 151 މެންބަރުންގެ އަޣްލަބިއްޔަތަކުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. ދެންތިބީ ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެންބަރުންނާއި ހާޒިރުވެ ވަޑައިނުގަންނަވާ މެންބަރުންނެވެ.

މި އައު ބިލް ގާނޫނަކަށް ވެގެންދާނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކަ އެބިލް ތަސްދީގު ކުރެއްވުމުންނެވެ. މި ބިލްއަކީ ރައީސް އަނޫރާ ކުމާރާ ބާރުއެޅުއްވުމާއެކު އޭނާ އެދިވަޑައިގެން ހުށަހެޅި ބިލަކަށްވާތީ މިބިލް ވަރަށް އަވަހަށް ތަސްދީގު ކުރައްވާނެކަމަށް ސްރީލަންކާގެ މީޑީއާތައް ބުނެއެވެ.

އައު ބިލް ގާނޫނަކަށް ވުމާއެކު ސްރީލަންކާގެ ކުރީގެ ރައީސުންނަށް ލިބިވަޑައިގަންނަވާނީ ސެކިއުރިޓީގެ ޚިދުމަތްތަކެވެ. އެބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޚިދުމަތްތަކެވެ. މިހާރު ލިބިވަޑައިގަންނަވާ މުސާރައިގެ އިނާޔަތްތަކާއި ދައުލަތުންދޭ ރަސްމީ ގެކޮޅުގެ ޚިދުމަތް ފަދަ ޚިދުމަތްތައް ލިބިވަޑައިނުގަންނަވާނެއެވެ.

މިބިލް ފާސްކުރުމާއެކު ސްރީލަންކާގެ ކުރީގެ ރައީސެއްކަމަށްވާ މަހިންދަ ރާޖަޕަކްސަ ދިރިއުޅުއްވާ ރަސްމީ ގެކޮޅުން ނުކުމެވަޑައިގަތުމަށް އޭނާ ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާކަމަށް ޚަބަރުލިބެއެވެ. އެ ގެކޮޅު ހުސްކުރުމުގެ ކަންތައް މިހާރު ކުރިޔަށްދާކަން ސްރީލަންކާގެ ނޫސްތައް ބުނެއެވެ.

ސްރީލަންކާގެ ކުރީގެ ދެ ރައީސުން ކަމަށްވާ މައިތިރިޕާލާ ސިރިސޭނާ އާއި ޗަންދްރިކާ ބަންޑާރަނައިކަ ކުމާރަތުންގަ ވެސް އުޅުއްވަނީ ދައުލަތުގެ ރަސްމީ ދެ ގެކޮޅުގައެވެ. މި ބިލް ގާނޫނަކަށް ވުމާއެކު އެދެބޭފުޅުންނަށްވެސް ޖެހިވަޑައިގަންނަވާނީ އެބޭފުޅުންގެ މިހާރު ދިރިއުޅުއްވާ ރަސްމީ ގެކޮޅުން ނުކުމެވަޑައިގަންނަވާށެވެ.

ސްރީލަންކާގެ ރައީސް އަނޫރަ ކުމާރާ ދިސަނަޔަކަ ވަނީ ސްރީލަންކާގެ އިގްތިސާދީ ހާލަތު މިހާރު އޮތްގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހޭތީ ކުރީގެ ރައީސުންނަށް ދޭ މުސާރައާއި އިނާޔަތްތައް ކަނޑާލަންޖެހޭ ކަމަށް ވިދާޅުވެ ދާދިފަހުން ވާހަކަ ދައްކަވާފައެވެ.

ރައީސް އަނޫރަ ކުމާރާ ޑިސަނަޔަކަ ވިދާޅުވެފައިވާ ގޮތުގައި ކުރީގެ ރައީސުން ދިރއުޅުއްވާ ރަސްމީ ގެކޮޅުތަކަކީ ދައުލަތުގެ ވަރަށް ބޮޑު އެސެޓްތަކެކެވެ. އެގެކޮޅުތަކުގެ އަގުގެ އިތުރުން އެތަންތަން ބެލެހެއްޓުމަކީވެސް ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ހިނގާކަމެކެވެ. މިސާލެއްގެ ގޮތުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކުއްޔަށް ދީފިނަމަ އާމްދަނީގެ ގޮތުގައި ދައުލަތަށް މަހަކު 4.6 މިލިޔަން ރުޕީސް ލިބޭނެކަމަށް އަނޫރަ ވަނީ ވިދާޅުވެފައެވެ.

ދެހާސް ބާވީސް ވަނަ އަހަރު ސްރީލަންކާގެ ދައުލަތްވަނީ މާލީ ގޮތުން ބަނގުރޫޓްވެގެން ގޮސްފައެވެ. މިއާއެކު އެ ގައުމު އިގްތިސާދީ ގޮތުން އިނދަޖެހި ރައްޔިތުން ބިކަ ހާލުގައި އުޅެންޖެހުނެވެ. ދަރަނި ނުދެއްކޭ ހާލަތަށާއި ތެލާއި ކާބޯތަކެތި ފަދަ އަސާސީ ތަކެތި އިންޕޯޓް ނުކުރެވޭ ހާލަތަށް ސްރީލަންކާގެ އިގްތިސާދު ދިޔައެވެ.

ބަނގުރޫޓް ވުމުގެ ހާލަތު ސްރީލަންކާއަށް ދިމާވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ގައުމުގެ ބޯޑަރުތައް ބަންދުކޮށްފައި ދިގުމުއްދަތަކަށް ބާއްވަން ޖެހުމާ ގުޅިގެންނާ އަދި ދަރަނި ދެއްކުމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވުމުންނެވެ. ބޯޑަރުތައް ބަންދުކޮށްފައި ބައްވަން ޖެހުމުގެ ސަބަބުން ފަތުރުވެރިކަން އެއްކޮށް ހުއްޓި އަދި ދަނޑުވެރިކަމުގެ ބާވަތްތަކުގެ އެކްސްޕޯޓްވެސް އެއްކޮށް ހުއްޓިގެން ދިޔައެވެ.

މިކަމުން ސަލާމަތް ވުމަށްޓަކައި ފާއިތުވި ތިން އަހަރުތެރޭގައި އެޅި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކާ އަދި އައިއެމްއެފް އިން ނެގި ލޯނާއެކު ސްރީލަންކާގެ ދައުލަތުގެ އިގްތިސާދު އަލުން ނަގައި ކޮޅަށް ޖެހުމުގައިވަނީ ކާމިޔާބު ލިބިފައެވެ. އަދި ބަނގުރޫޓްވުމުން ވެސްވަނީ ސަލާމަތްވެފައެވެ.

ކުރިން ނަގާފައިވާ ލޯންތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތްވެސް މިހާރުވަނީ އަލުން ފަށާފައެވެ. ނަމަވެސް އަދިވެސް ސްރީލަންކާގެ އިގްތިސާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. ސްރީލަންކާގެ އިގްތިސާދު އޮތްގޮތުން އިންވެސްޓް ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން އަދިވެސް ފަސްޖެހެއެވެ. ތަނަވަސް ހާލަތަކަށް ގައުމު ގެންދިޔުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށާއި އޭގެތެރޭގައި ޚަރަދުތައް ކުޑަކުރުމާއި އާމްދަނީ ލިބޭ މަސައްކަތްތައް އިތުރުކުރުމާއި އެތެރެއާއި ބޭރުގެ އިންވެސްޓްމަންޓް ހޯދުން ހިމެނޭކަން ރައީސް އަނޫރަ ކުމާރާ ޑިސަނަޔަކަ ވަނީ ފާހަގަ ކުރައްވާފައެވެ.

comment ކޮމެންޓް