ނޭޕާލްގެ ވަގުތީ ލީޑަރެއް ހޮވަނީ، ލިސްޓުގެ ކުރީގައި ކުރީގެ އުއްތަމަ ފަނޑިޔާރު

ނޭޕާލްގެ ވަގުތީ ލީޑަރުންގެ ލިސްޓުގެ އެންމެ ކުރީގައި އުޅުއްވާ ސުޝީލާ ކާކީ. ފޮޓޯ/ބީބީސީ

ނޭޕާލުގައި ކުރިއަށްގެންދިޔަ ވަރުގަދަ މުޒާހަރާތަކުން ސަރުކާރު ވައްޓާލުމުން، ގައުމަށް އާ ލީޑަރަކު ހޮވުމަށް އެ މުޒާހަރާގެ ލީޑަރުންނާއި ސިފައިން މަޝްވަރާތައް ފަށައިފިއެވެ.

ބޭރުގެ މީޑިއާތަކުގައިވާ ގޮތުން، ނޭޕާލްގައި މިހާރު ކުރިއަށްގެންދާ މަޝްވަރާތަކުގައި އައު ލީޑަރަކަށް އިންތިޚާބު ކުރުމަށް ހުށަހަޅަައިފައިވާ ނަންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝީލާ ކާކީގެ ނަމެވެ. އޭނާއަކީ ނޭޕާލުގެ އެންމެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރެވެ.

އުމުރުން 73 އަހަރުގެ ސުޝީލާ ވަގުތީ ލީޑަރަކަށް ހެދުމަށް ތާއިދުކޮށް ބައެއް ޒުވާނުން ވާހަކަ ދައްކައިފައިވާއިރު، އޭނާ ވެސް ވަނީ އެކަމަށް ރުހޭ ކަމަށް ބުނެފައެވެ.

އޭނާ މަގާމަށް އައްޔަން ކުރުމަށް ދުސްތޫރީ މަގެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް ސުޝީލާ ލީޑަރަކަށް ގެނައުމާމެދު މުޒާހަރާގެ ބައިވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތައްވެސް އެބަހުރި ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

ވަގުތީ ލީޑަރު ކަމަށް ޒުވާނުން އެންމެ ބޭނުން ވަނީ ކަތުމަންޑޫގެ މިހާރުގެ މޭޔަރު ބަލެންދްރާ ޝާހު ކަމަށް މީގެކުރިން މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ނޭޕާލްގެ މުޒާހަރާގެ ބައިވެރިން ސަރުކާރު އިމާރާތެއް ކައިރީގައި: އެ ގައުމަށް އައު ވަގުތީ ލީޑަރެއް އައްޔަންކުރުމުގެ މަސައްކަތް ދަނީ ކުރަމުން -- ފޮޓޯ/ އޭއެފްޕީ

އުމުރުން 33 އަހަރުގެ ކުރީގެ ރެޕާ އަދި އިންޖިއަނަރު ޝާހު އަކީ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލައި ހަރުދަނާ އިސްލާހުތައް ގެނައުމަށް ވަކާލާތުކޮށް، އެކަން ކަމަށް ތާއީދުކުރައްވާ ބޭފުޅެއް ކަމުން ޒުވާނުންގެ މެދުގައި އޭނާ ވަރަށް މަގުބޫލެވެ.

ނޭޕާލްގައި ކުރި މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އިސްތިއުފާ ދެއްވީ މިދިޔަ އަންގާރަ ދުވަހެވެ. އެއީ އޭގެ ކުރީ ދުވަހު ކުރި މުޒާހަރާތަކުގައި 19 މީހަކު މަރުވި ފަހުންނެވެ.

އަންގާރަ ދުވަހުގެ މުޒާހަރާތަކުގައި ގައުމުގެ ލީޑަރުންނާއި ކުރީގެ ލީޑަރުންގެ ގެކޮޅުތަކުގައި ރޯކޮށް، އޭގެ ތެރެއިން ބައެއް މީހުން ހިފަހައްޓައި އަނިޔާކޮށް ހެދިއެވެ. އަދި ސަރުކާރުން އިސްތިއުފާ ދިނުމުން ވެސް މުޒާހަރާތައް ކުރިއަށްގެންގޮސް، ސަރުކާރު އިމާރާތްތަކަށް ގެއްލުންދީ، ވިޔަފާރިތައް ލޫޓުވައިފައިވެއެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިން ހަވާލުވިއެވެ.

އޭގެ ފަހުން، ވެރިރަށް ކަތުމަންޑޫ އާއި ވަށައިގެންވާ ސަރަހައްދުތަކުގައި ފިހާރަތަކާއި ސްކޫލްތަކާއި ކޮލެޖުތައް ބަންދުކޮށްފައި އޮތް ނަމަވެސް ކޮންމެހެން ބޭނުންވާ ބައެއް ޚިދުމަތްތައް މިހާރު ދޭން ވަނީ ފަށާފައެވެ.

އެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 30އަށް އަރައިފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 1033އަށް އަރާ ކަމަށް ނޭޕާލްގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ނޭޕާލުގައި މުޒާހަރާތައް ފެށީ، އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ހިމެނެއެވެ.

އެ މުޒާހަރާތަކުގައި ޒުވާނުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރަމުން ދިޔައީ ސަރުކާރުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށާއި އޭގެ ގެއްލުން ލިބެނީ ރައްޔިތުންނަށް ކަމަށް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް