އަންހެނުން ކޮމެޓީތަކާ ހަވާލުކޮށްގެން، ރާއްޖޭގައި ފަތްކެޔޮ ހައްދާ މިންވަރު 50 ޕަސެންޓް އިތުރު ކުރަނީ

ބާޒާރު ސަރަހައްދުގައި ބިދޭސީ އަކު ކެޔޮގަނޑެއް ކޮނޑުޖަހާލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ފަތްކެޔޮ ހައްދާ މިންވަރު އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ޚާއްސަ ޕްރޮގްރާމެއް މިއަދު އިއުލާން ކޮށްފިއެވެ.

ދަނޑުވެރިކަމާ ގުޅޭ ވުޒާރާއިން މިއަދު ބުނީ މި ޕްރޮގްރާމްގެ މަގުސަދަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު, މިހާރަށް ވުރެން 50 ޕަސެންޓް އިތުރުކުރުން ކަމަށެވެ.

މިކަން ކުރަން މިނިސްޓްރީން ނިންމާފައިވަނީ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތައް މެދުވެރިކޮށެވެ.

މި ޕްރޮގްރާމް ހިންގުމަށް އެ މިނިސްޓްރީން ދޭ އެހީތަކުގެ ތެރޭގައި މުޑުވަކާއި ދަނޑަށް ބޭނުންވާ ގަސްކާނާ ފޯރުކޮށް ދިނުމާއި ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޒިންމާތަކުގެ ތެރޭގައި ފަތްކެޔޮ އިންދުމަށް އެކަށޭނެ ބިން ހޯދުމާއި ބިން ސާފުކުރުމާއި މުޑުވައް އިންދުމަށް ބޭނުންވާ ވަޅުތައް ކޮނުމުގެ އިތުރުން ހުށަހަޅާ ޕްލޭނާ އެއްގޮތަށް ދަނޑުތައް ބެލެހެއްޓުން ހިމެނެއެވެ.

މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުން ދިއުމާއެކު، ރާއްޖެއަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުން ކަމަށެވެ.

ފަތްކެޔޮ އިތުރަށް އިންދަން މިއަދު ފެށި ޕްރޮގްރާމްގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު 25 އިންސައްތައަށް ދަށްކުރުމަކީ އަމާޒެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމްގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގެ ދަނޑުބިންތަކުން ފަތްކޭލަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައެޅުމާއި، ފުވައްމުލަކުގައި ގާއިމްކުރާ ގައުމީ ލެބޯޓްރީ ފެސިލިޓީގައި ހިމެނޭ ޓިޝޫކަލްޗާ ލެބޯޓްރީގައި ފަތްކޭލުގެ މުޑުވައް އުފައްދައި، ކުޑަ އަގެއްގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ފަތްކެޔޮ ހައްދަން ޝައުގުވެރިވާ ދަނޑުވެރިންނަށް ޚާއްސަ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ފަތްކެޔޮ ނުވިކި ހަލާކުވާ މިންވަރު ދަށްކުރުމަށް ވެލިޔު އެޑް ކުރެވޭނެ ގޮތްތަކެއް ތައާރަފްކުރުމަށް ވެސް ވަނީ ނިންމައިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު މާރިޔާ: ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމެއް މިއަދު ވަނީ އިއުލާން ކުރައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

މިނިސްޓްރީން ބުނީ މި ޕްރިގްރާމްގެ ދަށުން, އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާ ހަވާލުކޮށްގެން ރާއްޖޭގެ ރަށްރަށުގައި ފަތްކެޔޮ, 500 ގަސް އިންދުމަށް ނިންމާފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކޮމެޓީތަކުން 25 ސެޕްޓެންބަރު 2025 ވާ ބުރާްސްފަތި ދުވަހުގެ 14:00 ގެ ކުރިން ޕްލޭން އެ މިނިސްޓްރީއަށް ފޮނުވުމަށް ވަނީ އެދިފައެވެ.

ފަތްކޭލަކީ ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ހެއްދޭ، ރާއްޖޭގެ ދަނޑުވެރިން ޒަމާނުއްސުރެ ހައްދަމުން އަންނަ، އަދި ފަސޭހައިން ވިއްކާލެވޭ ބާވަތެކެވެ.

comment ކޮމެންޓް