ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.
މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.
ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާނެއެވެ.
މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 14 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:
- ވިޔަފާރިއާއި އިގްތިސާދު
- އާޓްސް އެންޑް ކަލްޗާ - ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
- މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން
- ވޮކޭޝަނަލް ޓްރެއިނިން - ދަސްކޮށްދިނުން
- ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
- މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
- ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
- ފަންނިއްޔާތުގެ ދާއިރާ - ޓެކްނޮލޮޖީގެ ދާއިރާ
- ފަތުރުވެރިކަމުގެ ދާއިރާ
- ކޮންސްޓްރަކްޝަން އެންޑް އިފްރާސްޓްރަކްޗާ ދާއިރާ
- ޒުވާނުން ކުރިއެރުވުމަށާއި، ބާރުވެރިކަން އިތުރުކުރުމަށް ޚިދުމަތްކޮށްދެމުންދާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް
- ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު ދެއްވާ ޚާއްސަ އިނާމު
- ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން މި މަހުގެ 29ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭކަމަށް މިނިސްޓްރީން ބުންޏެވެ.
ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ޔޫތު މިނިސްޓްރީގެ ވެބްސައިޓުންނާއި، ގޫގުލް ލިންކް އަދި ސޯޝަލް ސެންޓަރުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހަމައެއާއެކު އެޕްލިކޭޝަން ބަލައިގަންނަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް އެޑްރެސް [email protected] މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށައެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ
މި އެވޯޑު ތައާރަފްކޮށް ދޭން ފެށީ 2016ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.