7 ރަށެއްގައި އޭޓީއެމް ހުޅުވައި، ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ގާއިމްކޮށްފި

މިނިސްޓަރު މުއްތަލިބާއި ބީއެމްއެލްގެ އިސްބައެއް ބޭފުޅުން އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވަނީ --- ފޮޓޯ: ބީއެމްއެލް

ހުވަދޫގެ އިތުރު ހަތް ރަށެއްގައި އޭޓީއެމްތައް ގާއިމްކޮށް، މުޅި ހުވަދޫގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތްދޭން މިއަދު ފަށައިފިއެވެ.

އެގޮތުން އޭޓީއެމްތައް މިއަދު ހުޅުވާފައިވަނީ ގއ. ކޮނޑޭއާއި ގއ. ކަނޑުހުޅުދޫގެ އިތުރުން، ގދ. ފިޔޯރީ، ގދ. ނަޑެއްލާ، ގދ. ހޯނޑެއްދޫ، ގދ. މަޑަވެލި، އަދި ގދ. ރަތަފަންދޫގައެެވެ.

މި ރަށްރަށުގައި އޭޓީއެމްތައް ހުޅުވައިދެއްވީ އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބޭންކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ބީއެމްއެލުން ބުނީ، ދުވާލަކު 24 ގަޑިއިރު ޚިދުމަތް ލިބޭ މި އޭޓީއެމްތަކުން ފައިސާ ނެގުމާއި ޖަމާކުރުން ފަދަ އަސާސީ ޚިދުމަތްތައް ލިބޭނެ ކަމަށާއި، ރަށްރަށުގައި އޭޓީއެމްތައް ގާއިމްކޮށް ހުޅުވަމުން އަންނަނީ ހުރިހާ ރަށެއްގައި ބޭންކިންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ކަމަށެވެ.

މިކަމާ ގުޅިގެން ޝަރީފް ވިދާޅުވީ، މިއީ ރައްޔިތުންނަށް ފަސޭހައިން ވާސިލްވެވޭނެ ބޭންކިން ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށާއި، ބީއެމްއެލުން އަބަދުވެސް މަސައްކަތްކުރަނީ ރަށްރަށަށް ވީހާވެސް ގާތުން ބޭންކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

މިއަދު މި ހުޅުވިގެން ދިޔަ އޭޓީއެމްތަކާއެކު، ބީއެމްއެލްގެ 42 ބްރާންޗުންނާއި 163 ސެލްފް ސާވިސް ސެންޓަރުންނާއި 222 އޭޓީއެމުން އާންމުންނަށް ޚިދުމަތް ލިބޭނެ ކަމަށް، ބީއެމްއެލުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް