ދޮންފަނުގެ ފަރުގައި ޑައިވްކުރުން މަނާކުރުން: ފަތުރުވެރިކަމަށް ބުރޫއަރާނެކަމަށް މަޓާޓޯއިން ކަންބޮޑުވެއްޖެ

ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމުމާ ގުޅިގެން އިހްތިޖާޖުކުރަނީ: ކަނޑުމަތީ އިހްތިޖާޖުކުރަން ދޮންފަނު ފަރުގައި ޑައިވްކުރުން މަނާކުރަން ކައުންސިލުން ނިންމުމުން މަޓާޓޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ ---ފޮޓޯ: ދޮންފަނު ކައުންސިލް

ބ. ދޮންފަނުގެ ބިން ހިއްކުމަށް ސަރުކާރަށް ގޮވާލައި، ސިލްސިލާ މުޒާހާރާތަކެއް ކަނޑުމަތީގައި ކުރަން, ރަށުގެ ފަރުގައި ޑައިވް ކުރުން ރަށު ކައުންސިލުން މަނާކުރުމަށް ނިންމާފައިވާތީ، ރާއްޖޭގެ ޓްރެވަލް އޭޖެންޓުންގެ އެސޯސިއޭޝަން (މަޓާޓޯ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި މަޓާޓޯއިން ބުނީ، ދޮންފަނު ކައުންސިލްގެ މި ނިންމުން އައިސްފައިވަނީ ޔުނެސްކޯއިން ބައޯސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ބޭ އާއި ވަށައިގެންވާ ފަޅުފަޅުގެ ޤުދުރަތީ ސިފަތަކަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބަރޯސާވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

މަޓާޓޯއިން ބުނީ، ދޮންފަނުގެ ފަރުގައި ޑައިވްކުރުން އެ ރަށު ކައުންސިލުން މަނާކުރަން ނިންމުމުގެ ސަބަބުން ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ދިވެހީންގެ ދިރިއުޅުމަށް ބުރޫއެރުމަށް މަގުފަހިވުމުގެ އިތުރުން، ފަތުރުވެރިންގެ މެދުގައި ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމަށް ވެސް އެކަމުގެ ސަބަބުން ބުރޫއަރާނެ ކަމަށެވެ.

ހަމަ އެއާއެކު، ގެސްޓްހައުސާއި ސަފާރީއާއި ރިސޯޓު އޮޕަރޭޓްކުރާ އެތަކެއް ވިޔަފާރިއެއް ހިމެނޭހެން، މި ފަރުފަޅުން ލިބޭ ފައިދާއަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ބަރޯސާވާކަން މަޓާޓޯއިން ފާހަގަކުރިއެވެ.

ދޮންފަނުގެ ބިން ހިއްކުމުގެ މައްސަލައަށް އަލިއަޅުވާލައި މަޓާޓޯއިން ބުނީ، ބ. އަތޮޅުގެ ފަރުފަޅުގައި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުން އެ މާހައުލު ހަލާކުވެގެން ދިއުމުގެ ނުރައްކާ އެބައޮތް ކަމަށާއި، އެ ލިބޭ ގެއްލުމަކީ ފޫނުބެއްދޭނެ ގެއްލުމެއް ކަމަށެވެ.

ހަމަ އެއާއެކު މަޓާޓޯއިން ބުނި ގޮތުގައި ހަނިފަރު ބޭ ސަރަހައްދުތައް ހިމާޔަތްކުރުމަކީ ފަތުރުވެރިންގެ މެދުގައި ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމަށް މުހިންމު ކަމެކެވެ. އެހެންކަމުން އެ ސަރަހައްދު ހިމާޔަތްކޮށް، ކުރު މުއްދަތަކަށް ފައިދާ ލިބޭ ކަންކަމުގެ ބަދަލުގައި ދުރު މުސްތަގްބަލަށް ވިސްނުމަށް މަޓާޓޯއިން ވަނީ ގޮވާލައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި ދޮންފަނު ހިއްކުމަށް އެމްޓީސީސީއަށް ހަވާލުކުރުމަށް ފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެރަށް ނުހިއްކުމަށް ނިންމަވައިފައެވެ. އެއީ، އެކަން ކޮށްފިނަމަ އެ ރަށް ކައިރި އޮންނަ, ގުދުރަތީ ގޮތުން ވަރަށް މުއްސަނދި, އަދި ޓޫރިސްޓުންގެ ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވާ, ހަނިފަރު ބޭއަށް ލިބޭނެ ގެއްލުންތަކާ ގުޅިގެން އެތައް ހާސް ބަޔަކު ކަންބޮޑުވުން ފާޅު ކުރުމާ ގުޅިގެންނެވެ.

އެ ނިންމެވުމާ ގުޅިގެން ނުރުހުން ފާޅުކޮށް އެރަށު ރައްޔިތުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

މިއަދު ދޮންފަނު ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ އެ ކައުންސިލްގެ އިހުތިސާސުގައި ހިމެނޭ ކަނޑުގެ ބައި ކަމަށްވާ، ރަށު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް