މިދިޔަ މަހު މާލޭ ޕޮލިސް ކޮމާންޑުން 5 މިލިއަނެއްހާ ރުފިޔާއަށް އަގުއަރާ މުދާ ރިކަވާކުރި

ސީޕީ ނަވީންއާއި ޑީސީޕީ ފަރުހާދު ފިކުރީ: މާލެ ސަރަހައްދުގެ އަމާންކަން ގާއިމުކޮށް، ފުލުހުންގެ ޚިދުމަތްތައް ހަރުދަނާ ކުރަން މަޝްވަރާކުރަން މީގެ ކުރިން ސީޕީ ނަވީން ބޭއްވެވި ބައްދުލުވުމެއް ތެރެއިން ---- ފޮޓޯ/ ސީޕީ ނަވީން، އެކްސް

މިދިޔަ މަހުގެ ތެރޭ މާލޭ ޕޮލިސް ކޮމާންޑުން ފަސް މިލިއަނެއްހާ ރުފިޔާއަށް އަގުއަރައިހާ ގިނަ މުދާ ރިކަވާކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލޭ ޕޮލިސް ކޮމާންޑުން މިދިޔަ މަހު ކުރި މަސައްކަތުގެ ތަފާސް ހިސާބުތައް މިހާރު ވަނީ އާންމުކޮށްފައެވެ.

އެ ހިސާބުތަކުން ދައްކާގޮތުން މިިދިޔަ މަހު މާލޭ ފުލުހުން ވަނީ، ގެއްލިގެން، ހޯދައި ރިކަވާކުރި މުދަލުގެ ގޮތުގައި ފަސް މިލިއަން ރުފިޔާއަށް އަގުއަަރައި މިންވަރަށް މުދާ ހޯދައިފައެވެ. އެގޮތުން ހޯދި މުދަލުގެ ތަފްސީލަކީ:

  • 4،285،880 ރުފިޔާއަށް އަގު އަރާ، ޖުމްލަ 90 ސައިކަލު
  • 219،843 ރުފިޔާއަށް އަގު އަރާ، ޖުމްލަ 19 ފޯނު
  • 19،850 ރުފިޔާއަށް އަގު އަރާ، ޖުމްލަ ހަތަރު އިލެކްޓްރޯނިކް އާލާތް
  • 40 މައްސަލައަކުން ޖުމްލަ 329،350 ރުފިޔާ
  • އެހެނިހެން 47 މައްސަލައަކުން ޖުމްލަ 80،848 ރުފިޔާގެ މުދާ

މީގެ އިތުރުން އެހެން ހިސާބުތަކަށް ބަލާއިރު، އެކި މައްސަލަތަކުގައި މާލޭ ޕޮލިސް ކޮމާންޑުން މިދިޔަ މަހު ހަތަރު ބިދޭސީއަކު އިމިގްރޭޝަނަށް ވެސް ހަވާލުކޮށްފައިވެއެވެ.

ހަމައެއާއެކު، މިދިޔަ މަހު މާލޭ ފްރަންޓްލައިން ޕޮލިސިންގެ ތެރެއިން ފުޓް ޕެޓްރޯލްކުރުމަށް 999 ގަޑިއިރާއި އެއް މިނެޓު ހޭދަކޮށްފައިވެއެވެ. އަދި 26،674 ތަނެއް ބަލައިފާސްކުރިއެވެ. އަދި 127 ވެހިކަލް ޗެކްޕޮއިންޓު ގާއިމްކޮށް ވެހިކަލް ބަލައި ފާސްކުރިއެެވެ. އަދި ހަ ވިޒިބިލިޓީ އެންޑް ޓްރެފިކް މެނޭޖްމަންޓު ޕޮއިންޓް މިދިޔަ މަހު ގާއިމްކުރިއެވެ.

މީގެ އިތުރުން މާލޭ ފްރަންޓްލައިން ޕޮލިސިންގެ ތެރެއިން، އެކި ކަންކަމުގައި ޖުމްލަ 5،581 މީހަކު ހުއްޓުވައި ސުވާލުކުރިއެވެ. އޭގެ ތެރެއިން 5،373 މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުންނެވެ. ބާކީ 208 މީހުންނަކީ ރެކޯޑު ސާފު މީހުންނެވެ.

މީގެ އިތުރުން މާލޭގައި އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ތެރެއިން 900 ފަހަރު، ކޮމިއުނިޓީ އިންޓަރެކްޝަންސްގެ ގޮތުގައި އާންމުންނާ ވާހަކަދައްކައި މަޝްވަރާކޮށްފައިވެއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލޭ ސަރަހައްދަކީ، އެންމެ ގިނައިން ކުށްކުށުގެ ރިޕޯޓު ހުށަހަޅާ އެއް ސަރަހައްދެވެ. އެ ކަން ހައްލުކުރުމަށް ޓަކައި، ފުލުހުން އަންނަނީ މަގުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރު ވެސް ކުރަމުންނެވެ. އަދި ފުލުހުންގެ އެހީ ފަސޭހައިން ލިބޭނެ ގޮތްގޮތް ވެސް ތައާރަފްކުރަމުންނެވެ.

comment ކޮމެންޓް